ގަވައިދާ ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ޓްރެފިކް ސްޓިކާ ޖެހުން ހުއްޓާލައި އެފަދަ ވެހިކަލްތައް ޖޫރިމަނާ ކުރެވިފައިވާކަން އެސްއެމްއެސްއަކުން އަންގައިދޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކް ކުރުމުން އެކަން އެސްއެމްއެސް އަކުން އެންގޭނެ ނިޒާމު އަންނަ އަހަރުގެ ތެރޭގައި ގާއިމު ކުރެވޭނެ ކަމަށެވެ.
އުމަރު އަދި ވިދާޅުވީ މި ނިޒާމް ގާއިމް ކުރުމުން ޓްރެފިކް މައްސަލަ މިހާރު ހައްލު ކުރުމަށް ޑިއުޓީއަށް ނެރޭ 133 ފުލުހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ކުރެވި ފަސޭހަ އިންތިޒާމެއްގެ ތެރެއިން މިކަން ކުރެވޭނެ ކަމަށެެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރެފިކްގެ މައްސަލަތައް ހައްލު ކުރުމަށް އަންނަ އަހަރުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި ޖުރީމަނާ ކުރިކަން މެސެޖަކުން އަންގައިދޭ މިނިޒާމު ގާއިމު ކުރެވުމުން އެކަމަ ހާއްސަ ކެމަރާތަކަކުން ވެހިކަލްގެ ފޮޓޯ ނަގައި ވަކި ސިސްޓަމެއްގައި އެ ފޮޓޯ ރައްކާ ކުރެވި ވެހިކަލްގެ ވެރިފަރާތަށް އެސްއެމްއެސް ފޮނުވާލެވޭނެ އެވެ.
އެސްއެމްއެސް ލިބޭ އިރު ޖޫރިމަނާ ސްލިޕް އޮންލައިންކޮށް ބަލާލެވޭނެ ލިންކެއް ފޮނުވުމަށް ހަމަޖެހިފައިވާ އިރު މި ނިޒާމުގެ ތެރެއިން އޮންލައިންކޮށް ޖޫރިމަނާގެ ފައިސާ ވެސް ދެއްކޭނެ ގޮތް ހެދުމަށް ވަނީ ނިމައިފަ އެވެ.