އިސްމެހެލާހެރަ ތަރައްގީ ކުރާނެ ބަޔަކު ހަމަޖެހި އެ ފަރާތާ އެކު އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރުވަމުން އަަންނަ ކަަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނިކޮށް، އިސްމެހެލާހެރަ އަށް ކޮންޓްރެކްޓަރަކު ހޯދަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ގޮތަށް ޖަވާބު ދީފައި ވަނީ މިދިޔަ ހަފުތާގައި އައްޑޫ ސިޓީ ކައުންސިލުން މާލެ އަަށް ކުރި ދަތުރުގައި ޓޫރިޒަމް މިނިސްޓްރީ އަށް ކުރި ޒިޔާރަތުގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އަށް ކުރި ޒިޔާރަތުގައި މިނިސްޓަރާއި އެ މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ އެއްވެސް ބޭފުޅަކާ ދިމާނުވި ކަމަށެވެ.
"އެ މިނިސްޓްރީން އަޅުގަނޑުމެންނަަށް އެއްވެސް އެއްބާރުލުމެއް ނުލިބުނު. އަޅުގަނޑުމެންނާ ބައްދަލު ކުރެއްވި އެތަނުގެ އަންހެން ޑިރެކްޓަރެއް. އެ ބޭފުޅާ ވިދާޅުވި އިސްމެހެލާހެރަ އަށް ކޮންޓްރެކްޓަރަކު ހޯދަން މަސައްކަތް ކުރަމުން އަންނަ ވާހަކަ،" ޓޮމް ވިދާޅުވި އެވެ. "ޕޮލިސީ ލެވެލްގެ އެއްވެސް ބޭފުޅަކާ ބައްދަލުވާ ގޮތް ނުވީމަ އަޅުގަނޑުމެން ހިއްސާ ކުރަން ބޭނުންވި ކަންކަން އެންމެ އެދެވޭ ގޮތަށް ހިއްސާ ކުރެވޭ ގޮތެއް ނުވި. ދެން އަޅުގަނޑުމެންނާ ބައްދަލު ކުރެއްވި ބޭފުޅާ ވިދާޅުވި އަޅުގަނޑުމެންގެ ކޮންސާސްތައް މިނިސްޓަރާ ހަމައަސް ގެންގޮސް ދެއްވާނަމޭ."
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓޫރިޒަމް މިނިސްޓަރު އައްޑު އަށް ކުރެއްވި ދަތުރުގައި އިސްމެހެލާހެރަ އަށް ޒިޔާރަތް ކުރައްވައި، އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމާ ބެހޭ ގޮތުން ވިދާޅުވީ ކޮންޓްރެކްޓަރަކު ހަމަޖެހިފައިވާ ކަމަށާއި ވަރަށް އަވަހަށް އެގްރިމަންޓްގައި ސޮއި ކުރާނެ ކަމަށެވެ.
މިނިސްޓަރު ތަކުރާރުކޮށް އެހެން ވިދާޅުވިތާ މިހާރު ހަތަރު މަހެއްހާ ދުވަސްވެގެން ގޮސްފައިވާތީ، އިސްމެހެލާހެރަ އާ ގުޅޭ ގޮތުން ހަރުދަނާ ޕްލޭނެއް ނުގެންގުޅުއްވާކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
އެނގިފައިވާ ގޮތުގައި އެ ރަަށް ތަރައްގީ ކުރަން ސީޕްރިއާ ހަވާލު ކުރަން ނިންމައި، އެ ފަރާތާ އެކު ލިޔެކިއުން ވެސް ބަދަލުކޮށްފައި ވަނިކޮށް، އެ ކުންފުންޏާ ހަވާލު ނުކުރަން ފަހުން ވަނީ ނިންމައިފަ އެވެ.