އިޓަލީގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައި ޗެލްސީގެ މެނޭޖަރުކަމާ ހަވާލުވާނެ ކަމަށް ހަބަރު ލިބިއްޖެ އެވެ.
ޗެލްސީގެ މެނޭޖަރުކަމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރުމަށް ކޮންޓޭ މިހާރު ލަންޑަނުގައި ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮންޓޭ ވަނީ މިދިޔަ ފެބުރުއަރީ މަހު އަންނަ ސީޒަނުގައި ޗެލްސީ އާ ހަވާލުވާނެ ކަމަށް އައުޓްލައިން ޑީލެއްގައި ވެސް ސޮއިކޮށްފަ އެވެ.
ކޮންޓޭ އަށް ފުރުސަތު ދިންނަމަވެސް ފުރަތަމަ ޗެލްސީއިން ބޭނުންވީ އެތްލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ސިމިއޯނޭ އެވެ.
ނަމަވެސް މިސީޒަނުގައި ޗެލްސީގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާ މެދު ހިތްހަމަ ނުޖެހި ސިމިއޯނޭ ޗެލްސީއަށް އަންނަން އެއްބަހެއް ނުވި އެވެ.
މިދިޔަ ސީޒަނުގައި ލީގު ނެގި ނަމަވެސް މި ސީޒަނުގައި ޓީމުން ދެއްކި ދަށް ކުޅުމާ ގުޅިގެން މެނޭޖަރު ޖޯސޭ މޮރީނިއޯ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސީޒަން ނިމެންދެން ޓީމާ ހަވާލުވުމަށް އިންޓެރިމް މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ނެދަލޭންޑްސްގެ ގުސް ހިޑިންކްއެވެ.
ހިޑިންކުގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގްގައި ޗެލްސީ ވަނީ 15 މެޗު ބަލިނުވެ ކުޅެފަ އެވެ. ނަމަވެސް ޗެލްސީގެ އާންމު ކުޅުމާ އަޅާބަލާއިރު އަދިވެސް ފެނިގެންދަނީ ދަށް ކުޅުމެއްކަން ފާހަގަކޮށްލެވެ އެވެ.