މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބުނު މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ) މަޖިލީހުން ފެއިލްކޮށްލައިފި އެވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްބީސީ އަށް މަރީ އައްޔަން ކުރަން ފެނޭތޯ ވޯޓަށް އެހުމުން މެންބަރުން ވަނީ އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓްދީ ފެއިލްކޮށްލާފަ އެވެ.
މަރީ އަށް ވޯޓު ދޭން ހުޅުވާލުން ފެންނަ ކަަމަށް ވޯޓް ދިނީ 22 މެންބަރުންނެވެ. ނުފެންނަ ކަމަށް 46 މެންބަރަކު ވޯޓް ދީފައިވާއިރު، ވަކިކޮޅަކަށް ނުޖެހި ތިން މެންބަރަކު ތިއްބެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްބީސީގެ ހަ މެމްބަރެއްގެ ދައުރު ހަމަވާތީ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި 23 މީހަކު ކުރިމަތިލައިފައިވާ އިރު، ރައީސް އަބްދުﷲ ޔާމީން އެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ އެކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމަށް އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.
މަރިޔަމް ވަހީދާގެ ނަން އޮތީ އެ ލިސްޓުގެ އެންމެ ފުލުގަ އެވެ.
މިއަދު މަޖިލީހުން އެ ކޮމިޝަނަށް އައްޔަންކޮށްފައި ވަނީ ރައީސް އިސްކަން ދެއްވި ފަރާތްތަކެވެ.
އެއީ ހ. ރީތިގަސްދޮށުގެ، މުހައްމަދު ޝަހީބާއި ޅ. ހިންނަވަރު ފަހަލަ، އިސްމާއިލް ސޮފްވާނާއި ވ. ވެރޯނިކާ، ހަސަން ނަބާހާއި ކ. ދިއްފުށި، ހުވަނދުމާގެ، ފާތިމަތު ޒައިނާއާ ގދ. ގައްދޫ އަތިރީގެ، ޒީނާ ޒާހިރުގެ އިތުރުން ގ. ގޮފި، ސަރާހަތު އިއްޒަތު އެވެ.
މަރީ ލިސްޓްގެ އެންމެ މަތިން މާކްސް ހޯދި އިރު، ދެ ވަނައަށް އެންމެ ގިނަ މާކްސް ލިބިފައި ވަނީ ކޮމިޝަންގެ ރައީސަކަށް މިހާރު ވެސް ހުންނެވި މުހައްމަދު ޝަހީބެވެ.
ތިން ވަނަ އަށް އެންމެ ގިނަ މާކްސް ލިބިފައިވަނީ ޒީނާ ޒާހިރުއަށެވެ. ހަތަރު ވަނައަށް އެންމެ މަތިން މަކްސް ލިބިފައިވަނީ އައިމިނަތު ސަރާހަތު އިއްޒަތުއަށެވެ. ފަސް ވަނައަށް އެންމެ ގިނަ މާކްސް ލިބިފައި ވަނީ ފާތިމަތު ޒައިނާއަށެވެ. ހަ ވަނަ އަށް އެންމެ ގިނަ މާކްސް ލިބިފައިވަނީ އިސްމާއިލް ސޮފްވާނަށެވެ.
މީގެ ތެރެއިން ގިނަ މީހުންނަކީ ޕީޕީއެމްގެ އެކްޓިވިސްޓުންނެވެ.