ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން ހުށަހެޅި ހަތަރު މައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓުގެ އިސްތިއުނާފު މަރުހަލާގައި މިހާތަނަށް ހުކުމްނުކޮށް އޮތް ތިން މައްސަލަ ކުއްލިގޮތަކަށް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް ދައުވާ ކުރާ ހަތަރު މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ ހަތަރު މައްސަލަގައިގައި ވެސް ދަށުކޯޓުން ހުކުމްކޮށްފައި ވަނީ އަހްމަދު ނާޒިމް ކުށެއް ކޮށްފައިވާކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.
ނާޒިމްގެ މައްޗަށް ހުށަހެޅުނު މައްސަލަތަކުގައި ދަށުކޯޓުގެ ހުކުމަށް ތާއިދުކޮށް ހައިކޯޓުން ހުކުމްކުރިތާ އެތައް ދުވަހެއް ފަހުން ، އަދި އިލްތިމާސް ކުރުމަށް އޮންނަ މުއްދަތު ފާއިތުވިފަހުން ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް މުހްތާޒް މުހްސިން އެމައްސަލަ ސްޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު 04 މައްސަލައިގެ ތެރެއިން މިހާތަނަށް އެކޯޓުން ނިންމާފައިވަނީ އެންމެ މައްސަލައެކެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް 06 އެޕްރީލް 2014 ގައި ސުޕްރީމް ކޯޓުން ވަނީ އިއްވާފައެވެ. ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން އޭރުވެސް ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފައެވެ.
ނާޒިމްގެ މައްޗަށް ދައުވާކުރުމަށް ހުށަހެޅުނު މި 04 މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެއްފަހަރާއެވެ. އަދި 04 މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައްވެސް ބާއްވާފައިވަނީ ވަރަށް އަވަސް ގޮތަކަށް އެއްފަހަރާއެވެ. ނަމަވެސް ހުށަހެނު 04 މައްސަލައިގެ ތެރެއިން 01 މައްސަލައިގައި ހުކުމް އިއްވުމަށްފަހު އަނެއް 03 މައްސަލަ ނުނިމި ސުޕްރީމް ކޯޓުގައި އޮންނަތާ މިހާރު އަހަރަކާއި ކައިރިވެފައި ވަނިކޮށް އެމައްސަލަތައް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.
މިހާރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލަތައް އަނބުރާ ގެންދަވާފައި މިވަނީ ނާޒިމް އާއި ރައީސް ޔާމީން ސިންގަޕޫރުގައި ސިއްރު ބައްދަލުވުންތަކެއް ބޭއްވިކަމަށް ސޯޝަލް މީޑިޔާގައި އަޑުފެތުރިފައި ވަނިކޮށެވެ. އަދި މި ބައްދަލުވުންތަކުގައި ރައީސް ޔާމީން ކުރީގެ އެކުވެރި ނާޒިމް އާ އެއްކޮށް "ޑީލް" އަކަށް ދިއުމަށް މަސައްކަތް ކުރެއްވި ކަމަށް އަޑުފެތުރިފައިވެއެވެ.
ޕްރެސިކިއުޓާރ ޖެނެރަލްގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި ހުންނަންޖެހޭ ފަރާތަކަށް ވިޔަސް ފަހަކަށް އައިސް ޕީޖީ ކަމުގެ މަގާމު ފުރުއްވާ ބޭފުޅުންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވަމުންދާކަމަށް ގިނަބަޔަކު ތުހުމަތުކުރެއެވެ. ނަމަވެސް މިހާރުގެ ޕްރޮސިކިއުޓާރ ޖެނެރަލް ބިޝާމްވަނީ އެކަން ދޮގު ކުރައްވާފައެވެ.