މި ހަކީމުގެ ފިރިހެން ދަރިޔަކު ހުރެއެވެ. ހައްދަވައިގެން މީނާ ކުރާކަމެއް ދަންނަކަމެއް ނޯވެއެވެ. މިކަމާ ރުހިވަޑައިނުގެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. އޭބަލަ ހަކީމާއެވެ. ކަލޭގެ ހުނަރުވެރިކަމާއި އިލްމުން ބައެއް ކަލޭގެ ދަރިޔަށް ދަސްކޮށްދޭކަށް ފަހެ ނުވޭ ހެއްޔެވެ. އެއީ ކަލޭގެ މައްޗަށް އޮތް ވާޖިބަކަށް ނުވަނީ ހެއްޔެވެ.
ހަކީމު ދެންނެވިއެވެ. މަސާހިބާއެވެ. އޭނާއަކީ ބުއްދިއެއް ފިކުރެއް ހުރި މީހެއް ނޫނެވެ. ހުރި ގޮތަށް ހުރި މޯލެކެވެ. އެހެންވީމާ ބޭކާރު ކަމެއް ނުކުރާން ވެގެން ހުރެވެނީއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އަޖައިބެކެވެ. އުޅެގެން ނުވެއްޖިއްޔާ ނުވީއެވެ. ނުވިކަމަށްވާނީ މަސައްކަތެއްވެސް ކޮށްގެންނެވެ. އެހެންވީމާ އޭނާއަށް ބޭސްވެރިކަން ދަސްކޮށްދޭން އުޅޭށެވެ.
މިދުވަހަށްފަހު ހަކީމު ކޮންމެތާކަށްވެސް ދަނީ ދަރިފުޅު ގޮވައިގެންނެވެ. މީނާ ކުރާކަންތައް މިމަގުން ދަސްކޮށްދެވޭތޯ ގަދައަޅައެވެ. އެއްދުވަހަކު ރަސްގެފާނުގެ ހުންފުޅު ގަދަވެގެން ފަރުވާދޭން ހަކީމު ގަނޑުވަރަށް ދިޔައީ ދަރިފުޅުވެސް ގޮވައިގެންނެވެ. ރަސްގެފާނުގެ އަރިހުގައި ހުއްޓި ހުރެ ކުޑައިކޮށް ބަލާލާފައި ހަކީމު ދެންނެވިއެވެ. މަސާހިބާއެވެ. މިއަދު ހުންފުޅު ތަންކޮޅެއް ގަދަވީ އޮރެންޖު ކަހަލަ ފޮނި އެއްޗެއް ފަރީއްކުޅުއްވުމުގެ ސަބަބުންނެވެ. މީގެ ކުރީގައިވެސް އޮންނާނީ އެކަން މަނާ ކުރެވިފައެވެ. ރަސްގެފާނު ވިދާޅުވިއެވެ. ތިޔަ އެއްޗެއް ކެވިއްޖެއެވެ. އެކަމަކު ދެން ނުކައި ފަރުޖެއްސޭތޯ ބަލާނަމެވެ.
މިދުވަހު ގެޔަށް ދަމުން ދަރިފުޅު ސުވާލުކުރިއެވެ. ރަސްގެފާނު އޮރެންޖު ފަރީއްކުޅުއްވިކަން ބައްޕަޔަށް އެނގުނީ ކިހިނަކުން ހެއްޔެވެ. ހަކީމު ބުންޏެވެ. ރަސްގެފާނު އޮންނެވި ކޮޓަރީގެ ދޮރުކައިރީގައި އޮރެންޖު ތޮށި ހުރުމުން އެގޮތް ދެނެގަތީއެވެ. މިއަށްފަހު އަނެއްކާވެސް ދުވަސްތަކެއް ފަހުން ރަސްގެފާނުގެ އާލާސްކަންފުޅު ބޮޑުވެގެން ހަކީމު ގަނޑުވަރަށް ދާން ޖެހިއްޖެއެވެ. ކަންދިމާވި ގޮތުން ހަކީމުވެސް ވަރަށް ބަލިކޮށް އުޅުނު ދުވަހެކެވެ. އެހެންވެ ދަރިފުޅަށް އެންގިއެވެ. ރަސްގެފާނުގެ ހާލުކޮޅު ބަލައިލައި ބޭސްކޮޅު އަރުވާން ގޮސްބަލާށެވެ. މީނާ ގަނޑުވަރަށް ވަދެގެން ދިޔައީ އޮރެންޖު ތޮށި ކަހަލަ އެއްޗެއް ފެނޭތޯ ބަލަމުންނެވެ. މީނާއަށް ފެނުނީ ގަނޑުވަރުގެ ގޯތީގެ ތެރޭގައި އޮތް ހިމާރު ހަންގަޑެކެވެ.
ރަސްގެފާނުގެ އަރިހުގައި ހުއްޓި ފުން ނޭވައެއްލައިފަ މީނާ ބުންޏެވެ. ބަލަ ރަސްގެފާނެވެ. އާލާސްކަންފުޅު ބޮޑު ނުވިއްޔާ ދެރައެެވެ. އެހެންޏާފަހެ މިހާރުވެސް ތިޔަ އޮންނެވީ ހިމާރެއްގެ މަސް ފަރީއްކުޅުއްވައިގެން ވިއްޔާއެވެ. ރަސްގެފާނު ވިދާޅުވިއެވެ. މިއީ ކޮންތާކުން އައި މޮޔަ ސޮރެއް ބާވައެވެ. ތިޔަ ކިޔަނީ ކީކޭ ބާވައެވެ. އޭ މީސްތަކުންނޭވެ. މިކަލޭގެ ހަމަ މިހާރު މިތަނުން ބޭރު ކުރާށެވެ.
ހަމައެދުވަހު ހަކީމު ގަނޑުވަރަށް ގެންނަވައިފައި ރަސްގެފާނު ވިދާޅުވިއެވެ. ކަލޭގެ ދަރިފުޅު މަށާއި ދިމާލަށް ހިމާރު މަހޭ ބައްޔޭ ކިޔައިގެން ފަތިވަރުތަކެއް އަމުނައިފިއެވެ. އޭނާއަށް ކަލޭ ދަސްކޮށްދިނީ އެކަންތައް ބާވައެވެ. ހަކީމު ދެންނެވިއެވެ. އެންމެ އިހަށްވެސް އޭނާއަކީ ބުއްދިއެއް ފިކުރެއް ނެތް މޯލެކޭ ދެންނެވީމެވެ. އޭނާއަށް ކަމެއް ދަސްކޮށްދޭން އުޅުމަކީ ބޭކާރު ކަމެކޭވެސް ދެންނެވީމެވެ. މަސާހިބާ ކުރުނުކުރައްވައި އޭނާއަށް ބޭސްވެރިކަން ދަސްކޮށްދޭށޭ ވިދާޅުވީމާ ކުރެވުނު މަސައްކަތުގެ ނަތީޖާ ތިޔަ ފެނިވަޑައިގަތީއެވެ. މަސާހިބާ އޮރެންޖު ފަރީއްކުޅުއްވި ގޮތް އަޅުގަޑު ދެނެގަތީ މިކޮޓަރީގައި ހުރި އޮރެންޖު ތޮށިންނެވެ. އޭނާއަށް މިގަޑުވަރުން ފެނުނީ ހިމާރު ހަންގަޑެކެވެ. އެހެންވީމާ މަސާހިބާ ހިމާރު މަސް ފަރީއްކުޅުއްވީ ކަމަށް އޭނާއަށް ހީވީއެވެ. ބުއްދިއާއި ފިކުރު ނެތީވިއްޔާ އިލްމަކުން ކުރާނެ މަންފާއެއް ނޯންނާނެއެވެ.
ގައުމެއް ހިންގާން ތިބޭ ބައެއްގެ ތެރޭގައި ބުއްދިއާއި ފިކުރު ނެތް މީހުން ގިނަވެއްޖެނަމަ އެބައެއްގެ ހާލަތުވެސް ހަކީމުގެ މޮޔަ ސޮރުގެ ހިމާރު ހަންގަޑާއި ތަފާތެއް ނުވާނެއެވެ. ކުރާނީ މޮޔަ ކަންތަކެވެ. ދައްކާނީ މޮޔަ ވާހަކަތަކެވެ. އެހެން ބަޔަކު ކުޅަ މޮޅު ކަމެއް ތިމާމެން އަމިއްލައަށް ކުރާން ހަދައިގެންވެސް ވަކި ސަހަލެއް ނުވާނެއެވެ. ކަންކަމުގެ ނަތީޖާ ގޯސްވެގެން އަމިއްލަ އަތަށް ގޮވާއިރުވެސް ރޭކާލުމެއް ނޯންނާނެއެވެ.
ސިޔާސީ ގޮތުން ފައިދާކުރަނިވި ހިކުމަތްތެރި ނިންމުންތައް ނިންމަން ނޭގި މީސްތަކުންގެ މަލާމާތާއި ފުރައްސާރަ އަމާޒު ނުވާ ގޮތަކަށް ހައްދަވައިގެން ހަމައެއްކަމެއްވެސް ކުރަން ނޭގުމަކީ އަދި ބަހެއްވެސް ބުނަން ނޭގުމަކީ ބުއްދިއާއި ފިކުރު ނެތްކަމުގެ ދަލީލެކެވެ. ކަންކަން އިސްލާހު ކުރުމުގެ ނަމުގައި އިލްމީގޮތުންނާއި ތަޖުރިބާގެ ގޮތުން ކަންބަޅިއެއްގެ ކެހެރިއެއްގެ މިންވަރުވެސް ނުވާ މީހުންނާއި ކަންކަން މަތިކޮށް އެފަދަ މީހުންނަކީ އައްޑަނަ ކަމަށް ހީކުރުމަކީ ތަސައްރަފު ނުފުދޭކަމުގެ ހެއްކެކެވެ.
ނާގާބިލް މީހުންގެ ނާގާބިލްކަމުން ނުކުންނަ ނަތީޖާ ހަތުރުންގެ ބޮލުގައި އަޅުވައި ދެކޮޅު ނުޖެހޭ ވާހަކަތަކުން އިހުނަށްވުރެ ބޮޑަށް ބަރަހަނާ ވުމަކީ ބުއްދިއާއި ފިކުރު ނެތްކަމުގެ އަލާމާތެކެވެ. މީސްތަކުންގެ ރުޅިއާއި ނަފްރަތުގެ އަމާޒުފަތްގަޑަކަށްވެ ސަލާމަތުގެ އައްސޭރި އަތުނުވާހިސާބަށް ދެވޭއިރު އެކަން ރޭކާ ނުލުމަކީވެސް މޮޔަކަމުގެ އަލާމާތެކެވެ. ހުރިހާކަމެއްގެ ހައްލަކީ ހުރަގެއާއި އަސޭމިރުސް ދުން ކަމަށް އީމާންވާނަމަ އެއީ ބުއްދީގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން ދަލީލު ކުރާ ކަމެކެވެ.
މިހިސާބަށް ދިޔައީމާ ދެން ފެންނާނެ ކަންކަމުގެ ވާހަކަ ވަރަށް ހަލަނި ލާނެތް ސޮރަކު ސޯޝަލް މީޑިއާގައި ލިޔެފައިވަނިކޮށް މިއަދު ދުށީމެވެ. އޭނާ ލިޔެފައިވެއެވެ. ކަރަންޓު ލިބޭ ދުވަހެއް ވިއްޔާ ފެނެއް ނުލިބޭނެއެވެ. ފެން ލިބޭ ދުވަހެއް ވިއްޔާ ކަރަންޓެއް ނުލިބޭނެއެވެ. ކަރަންޓާއި ފެނާއި ލިބޭ ދުވަހެއް ވިއްޔާ އިންޓަނެޓެއް ނުލިބޭނެއެވެ. ބަނޑު ފަޅައިގެން ކުއްޖަކު ނަގައިފިއްޔާ ކުއްޖާ ވާނީ މަރެވެ. ނުފަޅައިފީވިއްޔާ މައިމީހާ ވާނީ މަރެވެ. މުލިހި ނަގަންވެގެން އިންޖެކްޝަނެއް ޖަހައިފި މީހަކު ހެޔެއް ނާރާނެއެވެ. މިޒާތުގެ ވާހަކައެއް ދައްކައިފިނަމަ ފަނޑިޔާރުގެއަށް ގެންދާނެއެވެ. ކުށަކީ ކޮބައިތޯ އަހައިފިނަމަ އަނގަޔާއި ލޮލަށް ޖަހާނީ މިރުސް ދުމެވެ.