އާދީއްތަ ދުވަހު ނޫސްވެރިން ކުރި އިހްތިޖާޖުގައި ހައްޔަރު ކުރި ނޫސްވެރިންގެ ތެރެއިން އަންހެން ނޫސްވެރިން ހާމަ ތަނެއްގައި ބަރަހަނާކޮށް ތަކުރާރުކޮށް ފާސްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
މި މައްސަލަ ބެލުމަށް ގޮވާލާފައި ވަނީ އެދުވަހުގެ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި އަންހެން ނޫސްވެރިން ދެ ފަހަރެއްގެ މަތިން ބަރަހަނާކޮށް ބަލައި ފާސްކުރި ކަމަށް އެ މީހުން ބުނެފައި ވަނިކޮށެވެ.
އާދިއްތަ ދުވަހުގެ އިހްތިޖާޖްގެ ތެރެއިން ހައްޔަރު ކުުރި ނޫސްވެރިން އިއްޔެ ބުނެފައި ވަނީ 20 މިނެޓް ތެރޭ ދެ ފަހަރެއްގެ މަތިން އެމީހުން ބަރަހަނާކޮށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެކަން އެގޮތަށް ކޮށްފައި ވަނީ އަންހެން ނޫސްވެރިން ލަދު ގަންނަވައިލުމުގެ ގޮތުން ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ނޫސްވެރިންގެ އިހުތިޖާޖް ހުއްޓުވުމަށް ފުލުހުން ވަނީ އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް ބާރުގެ ބޭނުންކޮށް، ބައެއް ނޫސްވެރިންނަށް އަނިޔާކޮށްފަ އެވެ.
އެގޮތުން އަނިޔާވި ބައެއް ނޫސްވެރިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.