2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހާއި، އޭގެ ފަހުން މާލޭގައި ހިނގި ކޮންމެ މުޒާހަރާއަކަށް ބެލި ކަމުގައި ވިޔަސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާތަކެއް ވަނީ ލިބިފައެވެ. ފުލުހުން ރައްޔިތުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ފެންނަން ހުރި ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުގައި އެ މައްސަލަތައް ބަލާނެ ހިތްވަރެއް ނުހުރެއެވެ. މައްސަލައެއް ބެލި ކަމުގައި ވިޔަސް ދުވަހަކު ވެސް ފުލުހެއްގެ މައްޗަށް ރައްޔިތުންނަށް އަނިޔާކުރި ކަމަށް ސާބިތު ނުވަނީއެވެ. ކުށްވެރިވަނީ ނިކަމެތި ރައްޔިތު މީހާއެވެ.
މިދިޔަ އާދީއްތަ ދުވަހަކީ، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ މުޅިން އާ ބާބެއް ހުޅުވިގެން ދިޔަ ދުވަހެކެވެ. ދިވެހިރާއްޖޭގެ މީޑިޔާތަކުގައި މަސައްކަތްކުރާ ނޫސްވެރިންތަކެއް އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް އިހްތިޖާޖް ކުރަން ނިކުތުމުން އަނިޔާވެރިކަމާއި އެކު ފުލުހުން އެ އެއްވުން ރޫޅާލައި ބައެއް ނޫސްވެރިން ހައްޔަރުކުރިއެވެ. ޕެޕާރ ސްޕްރޭ ޖެހުމުގެ އިތުުރަށް ފުލުހުންގެ ބޫޓްތަކާއި މުގުރުތަކުގެ ހުރި ވަރު ދައްކާލުމުން އެތައް ނޫސްވެރިންނަކަށް އެކި ވަރުގެ އަނިޔާތަކެއް ވަނީ ލިބިގެން ގޮސްފައެވެ.
އެހިސާބުން ނިމުނީއެއް ނޫނެވެ. އިހްތިޖާޖްގައި ހައްޔަރުކުރި އަންހެން ނޫސްވެރިން އަތޮޅު ވެއްސަށް ގެންދިއުމަށް ފަހު ހާމަތަނެއްގައި ބަރަހަނާކޮށް ވަނީ ފާސްކޮށްފައެވެ. އެންމެ ފަހަރަކު އެއް ނޫނެވެ. އަންހެން ނޫސްވެރިން ބުނާ ގޮތުގައި 20 މިނިޓްގެ ތެރޭގައި 2 ފަހަރަށް އަންހެން ނޫސްވެރިން ބަރަހަނާކޮށް ފާސްކޮށްފައިވެއެވެ. ފުލުހުން ބަންދުކުރި އަންހެން ނޫސްވެރިންގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރ ޒަހީނާ ރަޝީދު ވިދާޅުވި ގޮތުގައި 20 މިނިޓްގެ ތެރޭގައި 2 ފަހަރަށް އަންހެން ނޫސްވެރިން ހުރިހައި އެއްޗެއް ބޭލުމަށް ފަހު ފާސްކުރީ އަންހެނުންނަށް ވީތީ މަލާމާތް ކުރުމަށް ކަމަށެވެ.
ފުލުހުުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި، ފުލުހުންގެ މަރުކަޒަށް ގެންދިއުމަށް ފަހު ފުލް ބޮޑީ ޗެކް ކުރާ ކަމަށެވެ. އެހެން ނަމަވެސް ހާމަތަނެއްގައި ބަރަހަނާކޮށް ފާސްކުރުމަކީ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އާއި ޚިލާފު ކަމެއް ކަމަށެވެ.
" ހާމަތަނެއްގައި ބަރަހަނާ ކުރުމަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފް ކަމެއް. އިންސާނިއްޔަތާއި ޚިލާފް ބޮޑު ޖަރީމާއެއް. އެ މައްސަލަ ފުލުހުންގެ ޕްރޮފެޝެނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަން ފަސްޖެހުމަކީ މައްސަލައެއް"
އަންހެން ނޫސްވެރިންނާއި މެދު ފުލުހުން އަމަލުކުރި ގޮތުގެ ވާހަކަ މިނިވަން ނޫހުގެ އެޑިޓަރ ޒަހީނާ ފެންކަޅިވެފައި ހުރެ ކިޔާދިނީ ފުލުހުންގެ މުއައްސަސާގެ ކުރިމަތީގައި ހުރެގެންނެވެ. އެވާހަކަތައް ދައްކަން ފެށުމުން ފުލުހުން ވަނީ ޕްރެސް ކޮންފަރެންސެއް އެހިސާބުގައި ނުބޭއްވޭނެ ކަމަށް ބުނެ އެ ސަރަހައްދުން ނޫސްވެރިން ދުރަށް ފޮނުވާލާފައެވެ.
ފަހަރެއްގައި މިވާހަކަ ލިޔުމުން ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރާނީ، މި ލިޔުން ޝާޢިއު ކުރާ ނޫސް ނައްތާލުމަށެވެ. ނުވަތަ ލިޔުނު މީހާ ހައްޔަރުކޮށް އަނެއްކާވެސް ބަރަހަނާކުރުމަށް ފަހު ބަލައި ފާސްކުރުމަށް ކަމަށް ވެސް ވެދާނެއެވެ. ހައްޔަރު ކުރެވިދާނެއެވެ.
ކުޑަގޮޅީގެ ބިރުގައި އަނދަގޮނޑީގެ ބިރުގައި ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކަ ދެއްކުން ހުއްޓާލާނެ ކަމަށް ހީކުރުމަކީ ކުށް ހީ އެކެވެ. ޕެޕާރ ސްޕްރޭ ޖަހައި ހޭ ނައްތާލުމުން ނުވަތަ އަންހެން ނޫސްވެރިން ބަރަހަނާ ކުރުމަކުން ދިވެހިރާއްޖޭގެ ފުލުހުން ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ދެއްކުން ނުހުއްޓުވޭނެއެވެ.
މިއަދު ނޫސްވެރިޔާ ރިޟްވާން ގެއްލުމުން ނޫސްވެރިންނާއި ރިޟްވާން އަށް ހެޔޮއެދޭ ފަރާތްތަކުން ކުރާ ހިތާމަ، މާދަމާ ތިޔަ ލޮބުވެތި ފުލުހުން ވެސް ކުރަން ޖެހިދާނެއެވެ. އަހަރުމެންނަށް ކިތަންމެ އަނިޔާވެރި ވިއެއް ކަމަކު، ފުލުހުންނަށް އެފަދަ ގޮތެެއް ވުމަކަށް ނޭދެމެވެ. އަޑު އުފުލަނީ އެހެންވީމައެވެ. ދެކޮޅު ހަދަނީ ފުލުހުންނަކާ ނޫނެވެ. ސަރުކާރަކާއި ވެސް ނޫނެވެ. ބޭއިންސާފާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި އެވެ.