ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ތެލުން ވެރިކަންކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޮޑެތި ނާޖާއިޒް ފާއިދާތަކެއް ނަގަމުންދާ ކަމަށް އަޑުތައް ފެތުރިއްޖެ އެވެ.
އައްޑޫލައިވް އަށް އެނގިފައިވާގޮތުން އެސްޓީއޯއިން ކުރިން ތެޔޮ ސަޕްލައި ކުރަމުންއައި ފެނަކަ އަދި ސްޓެލްކޯގެ ދަށުން ހިންގާ އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގެ އިންޖީނުގެތަކަށް ތެޔޮ ސަޕްލައިކުރުން ސަރުކާރުގެ އެންގުމަށް މިހާރުވަނީ ހުއްޓާލާފައެވެ.
އަދި އެސްޓީއޯގެ ބަދަލުގައި މިހާރު އެ އިންޖީނުގެތަކަށް ތެޔޮ ސަޕްލައި ކުރަމުންދަނީ ވެރިކަންކުރާ ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަމިއްލަ ކުންފުނިތަކުންނެވެ
.
ތެލުގެ ވިޔަފާރިން ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެމްބަރުން ފާއިދާ ނަގަމުންދާގޮތް "އައްޑޫލައިވް" އަށް ހިއްސާކުރި ފަރާތުން ވިދާޅުވީ، އެސްޓީއޯ އިން ކުޑައަގުގައި ކްރެޑިޓަށް ތެޔޮ ހޯދުމަށްފަހު މަޖިލިސް މެމްބަރުންގެ އަމިއްލަ ކުންފުނިތަކުން އޭގެ އެތައް ގުނައެއް ފާއިދާލުމަށްފަހު ރާއްޖެތެރޭގެ އިންޖީނުގެތަކަށް ތެޔޮ ވިއްކަމުންދާކަމަށެވެ. އަދި އެއީ ކުރިން ކުޑައަގުގައި އެސްޓީއޯ އިން ތެޔޮ ވިއްކަމުންދިޔަ ރަށްތައް ކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
މިގޮތުން ލިބުނު މިފަދަ މައުލޫމާތުތަކާއި ގުޅިގެން "އައްޑޫލައިވް"ގެ ލިޔުންތެރިން އިތުރަށް މިކަމުގެ މައުލޫމާތު ހޯދުމަށް ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އަދި ކުރެވުނު މަސައްކަތްތަކުން ރައްޔިތުންނަށް އޮޅުވާލައިގެން ދައުލަތުގެ ފާއިސާ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ހޯދައިދިނުމަށް ބޮޑެތި ރޭވުންތަކެއް ވަރަށް ކުރިންސުރެ ރާވާފައިވާކަން ވަނީ އެނގިފައިވެއެވެ.
އެންމެ ފުރަތަމަ ކަމަކަށް ފާހަނގަ ކުރެވިގެން ދިޔައީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުން އައި ބޮޑެތި ބަދަލުތަކާއި ގުޅިގެން ސަރުކާރުގެ ވިޔަފާރި ކުންފުނިން ތެލުގެ އަގަށް މާބޮޑު ބަދަލެއް ނުގެނެސް ގިނަދުވަސްތަކެއް ހިފެހެއްޓިކަމެވެ. މިގޮތުން ފީފާއެއްގެ އަގު 80 ޑޮލަރުން 30 ޑޮލަރަށް ދުނިޔޭގެ ތެލުގެ ބާޒާރުގަައި ވެއްޓުނުތާ އަހަރެއް ވީފަހުން ރާއްޖެއިން ތެލުގެ އަގަށް ކުއްލި ބަދަލެއް ގެނައިކަން ފާހަނގަކުރެވުނެވެ.
ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ހަރުއަޑުން ސަނާކިޔަމުން ތައުރީފުގެ ބަސްތައް އިއްވަމުން ދިޔައެވެ. ހަގީގަތުގައިވެސް ރަށްރަށުގައިތިބި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކަށް ގަބޫލުކުރެވުނީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގުހެޔޮ ކުރުމުން އެފަރާތްތަކުގެ ޖީބަށްވެސް ލުއިވެގެން ދާނެކަމަށެވެ. ސަރުކާރުން މަސައްކކަތްކުރީވެސް އެފަރާތްތަކަށް އެގޮތަށް ވިސްނައި ދިނުމަށެވެ.
ނަމަވެސް އާޚިރު ނަތީޖާ ބަލަމާހިނގާށެވެ. ސަރުކާރުން ތެލުގެ އަގަށް ބަދަލުގެނައުމުގެ ކުރިން ރާއްޖޭގެ ސަރަހައްދުތައް ވަނީ ތެލުގެ ވިޔަފާރިއަށް ވަކިވަކި ޒޯންތަކަކަށް ސިއްރުން ބަހާލާފައެވެ.
މިއިން ކޮންމެ ޒޯނަކަށް ތެޔޮ ސަޕްލައި ކުރުމުގެ އޭޖެންޓްކަން އަމިއްލަ ކުންފުނިތަކަށް ދީފައިވާއިރު، އޭޖެންޓްކަން ކޮންމެ ސަރަހައްދަކުންވެސް ލިބިފައިވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކަށެވެ. މިގޮތުން އޭޖެންޓުކަން ދެވުނު ހުރިހާ ކުންފުނިތަކުގެ ހިއްސާދާރުންގެ ތެރޭގައި ޖުމުލަ 37 ޕީޕީއެމް މަޖިލިސް މެމްބަރުން ތިއްބެވެ.
ދައުލަތުގެ ފާއިސާއަށް ހިޔާނާތްތެރި ވުމުގެ އާ އުސްމިންތަކަކަކަށް ތެލުގެ ވިޔަފާރިން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ގޮސްފައިވާއިރު އެމްއެމްޕީއާރްސީ ގެ ހިޔާނާތަށްވުރެ އަދަދުތައް ބޮޑުވާނެކަމަށް މިވިޔަފާރި މިހާރުކުރަމުންދާ ސްކޭލް އަށް ބަލާލުމުން ބެލެވެއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ހިއްސާކުރި މިވިޔަފާރީގައި ނުހިމެނޭ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވީ ސަރުކާރުން މަޖިލިސް މެމްބަރުންނަށް ތެލުގެ ވިޔަފާރި ހުޅުވާލީ ޝަރުޠުތަކަކާއި އެކުގައި ކަމަށެވެ. މިގޮތުން ކުރެވުނު ޝަރުުޠުތަކުގެ ތެރޭގައި މިވިޔަފާރިކޮށްގެން ލިބޭ ފާއިދާއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމެމްބަރެއް ހިމެނޭ ދާއިރާގެ އެންމެހައި ޚަރަދުތަކެއް އެފަރާތުން ހަމަޖެއްސުން ހިމެނެއެވެ.
މިވިޔަފާރިން ދައުލަތަށާއި ރައްޔިތުންނަށް ލިބޭ މާލީ ގެއްލުން
"އައްޑޫލައިވް" ގެ ފަރާތުން ރާއްޖޭގެ މަޖިލިސް މެމްބަރުން ކުރަމުންމިދާ ތެލުގެ ވިޔަފާރިން ގައުމަށް ލިބިގެންދާ ގެއްލުން ވަޒަންކޮށްލުމަށް ކުރެވުނު މަސައްކަތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ހާމަވެގެން ދިޔައެވެ. މިކަމާއި ގުޅިގެން އެއްކުރެވުނު މައުލޫމާތު ތަކުގެ ތެރޭގައި ހިމެނޭ ބައެއް ޕާޗޭސް އޯޑަރ ތަކާއި ޑެލިވަރީ ނޯޓް ތަކަށް ނަޒަރު ހިންގާލުމުން ރައްޔިތުންނާއި ސަރުކާރު ހިއްސާވާ މައި ވިޔަފާރި ކުންފުނި އެސްޓީއޯ، އަދި ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ހާމަވިއެވެ.
އެސްޓީއޯ އިން ކުރިން ތެޔޮ ވިއްކަމުން އައި އަގުތަކަށް ބަދަލުގެނައުމަށްފަހު، މެމްބަރުން ހިއްސާވާ ކުންފުނިތަކަށް ތެޔޮ ލީޓަރެއް އެސްޓީއޯ އިން މިހާރު ވިއްކަމުން އަންނަނީ 6 ރުފިޔާ 96 ލާރީގެ ރޭޓުންނެވެ.ނަމަވެސް މިއީ އާންމުކޮށް އެސްޓީއޯ އިން ތެޔޮ ވިއްކާ އަގެއްނޫނެވެ. އެނގިފައިވާގޮތުންް މި ރޭޓަކީ މަޖިލިސް މެމްބަރުންގެ ކުންފުނިތަކަށް ހާއްސަކޮށް ހަމަޖައްސާފައިވާ އަގެކެވެ. މެމްބަރުން ހިއްސާވާ ކުންފުނިތަކުން އެސްޓީއޯ އިން ހަފްތާއަކު އެތައްހާސް ލީޓަރެއްގެ ތެޔޮ ގަންނަމުން އަންނައިރު، އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދެމުން އަންނަނީ އެ ކުންފުނީގެ ކްރެޑިޓް ސްކީމްގެ ދަށުންނެވެ.
އެންމެ އާބާދީ ކުދި ރަށްތަކަށްވެސް މަހެއްގެ މައްޗަށް 60000 ލީޓަރާއި އާއި 70000 ލީޓަރާއި ދެމެދު އަދަދެއްގެ ތެޔޮ ބޭނުންވާއިރު ރާއްޖޭގެ މަދުރަށެއް ފިޔަވައި މިހާރު ހުރިހާ ރަށަކަށްވެސް މަޖިލިސް މެމްބަރުން ތެޔޮ ފޯރުކޮށްދެމުން އަންނަނީ އެސްޓީއޯ އިން ތެޔޮވިއްކާ އަގަށްވުރެ ދެގުނަ އަގު ބޮޑުކޮށްކަން ފާހަނގަވެއެވެ.
މިގޮތުން އާންމު ގޮތެއްގައި 6 ރުފިޔާއަށް އެސްޓީއޯއިން ވިއްކާ ތެޔޮ ލީޓަރު މަޖިލިސް މެމްބަރުގެ ކުންފުނިން ރާއްޖެތެރޭ އިންޖީނުގެއަށް ވިއްކަމުންދަނީ 12 ރުފިޔާއަށެވެ. މިކަން މިހެންވުމުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުންތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނަށް ތެޔޮ ލިބޭ އަގު ބޮޑުވުމުން ކަރަންޓުގެ އަގަށް ބަދަލުއައުން ހިމެނެއެވެ.މިގޮތަށް ދިމާވަނީ ހީލަތްތެރިގޮތަކަށް ކަރަންޓުގެ އަގު ކަނޑައެޅުމަށް މިހާާރު އެކުލަވާލެވުނު އުސޫލުގެ ދަށުން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއިއެކު ކަރަންޓު ބިލަށް ބަދަލު އަންނާނެތީއެވެ. ރާއްޖެތެރޭ ބައެއް ރަށްރަށުގެ ކަރަންޓުގެ އަގު ބޮޑުވެގެން ބައެއް ރަށްރަށުގައިި މިހާރުވެސް ވަނީ ނުރުހުން ފާޅުކުރަންފަށާާފައެވެ.
ދެން ފާހަނގަކުރެވުނު އެންމެ މުހިންމުކަމަކީ މަޖިލިސް މެމްބަރުންގެ ކުންފުނިތަކުން ރަށްރަށުގެ އިންޖީނުގެ ތަކަށް ތެޔޮ ސަޕްލައި ކުރުމުގައި އެކުންފުނިތަކުގެ ދައުރުކުޑަ މިންވަރެވެ. މުޅި ވިޔަފާރި ހިންގުމަށް ރާވާފައި އޮތީ މަޖިލިސް މެމްބަރުންގެ އަމިއްލަ ކުންފުނިތަކަށް އެއްވެސް ޚަރަދެއްގައި ޒިންމާވާން ނުޖެހޭގޮތަށެވެ. ހުރިހާ ޚަރަދެއްގައި ހިފަންޖެހިފައި އޮތީވެސް އެސްޓީއޯ އަދި ސަރުކާރުގެ އެހެން ކުންފުނިތަކުންނެވެ.
މިކަން އިންތިޒާމް ކުރެވިފައިވާގޮތަކީ ރާއްޖެތެރޭގެ އިންޖީނުގެ ތަކުން ތެޔޮ ގަތުމަށް ޕީއޯ މަޖިލިސް މެމްބަރުގެ ކުންފުންޏަށް ފޮނުވައެވެ. ޕީއޯ ލިބުމާއި އެކު މަޖިލިސް މެމްބަރުގެ ކުންފުނިން، އެކުންފުންޏަށް އެސްޓީއޯ އިން ލިބިފައިވާ ކްރެޑިޓް ސްކީމްގެ ދަށުން ހެޔޮ އަގުގައި ތެޔޮ ހޯދައެވެ. އަދި މިތެޔޮ ޑެލިވާރ ކުރުމަށް ބޭނުންކުރަނީ އެސްޓީއޯގެ އިތުރުން މިފްކޯ އާއި ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންނާއި ވަޞީލަތްތަކެވެ.
ޑެލިވެރީ ނޯޓާއި އެކު އިންވޮއިސް ފޮނުވާނީ މަޖިލިސް މެމްބަރުންގެ ކުންފުނިތަކުންނެވެ. އެހެންކަމުން އިންޖީނުގެތަކުން ބިލަށް ފާއިސާ ހޯދުން ނޫންކަމެއް މަޖިލިސް މެމްބަރުންގެ ކުންފުނިތަކަށް ނެތެވެ. ގިނަފަަރު އެސްޓީއޯގެ ކްރެޑިޓް ސްކީމަށް ދައްކަންޖެހޭ ފާއިސާވެސް އޮންނަނީ ނުދައްކާ ހިފަހައްޓާފައެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައި ހިންގަމުންދާ ތެލުގެ މިބިޔަ ވިޔަފާރިން އެވްރެޖްކޮށް މަޖިލިސް މެމްބަރުންނަށް 35 މިލިއަން ރުފިޔާ މަހަކު ލިބެއެވެ. އެއީ ހުށަހެޅޭ ކޮންމެ އިންވޮއިސް އެއްގެ 50 އިންސައްތައަކީ އެކުންފުނިތަކަށް ސާފުފާއިދާގެ ގޮތުގައި ލިބޭ އާމްދަނީކަމުންނެވެ.
މިވިޔަފާރި ހިންގުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ އެސްޓިއޯގެ އިސްވެރިން ތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.