ރާއްޖޭގައި ބޭއިންސާފާއި އަނިޔާވެރިކަން ހައްދުފަހަނަ އަޅާ ގޮސްފައިވާ ކަމަށާއި ރާއްޖެ ހަމަ މަގަށް އެޅުވުމަށް ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތް ހިއުމަން ރައިޓްސް އިނީޝިއޭޓިވް އިން އަންގާރަ ދުވަހުގެ ރޭ "ދިވެހިރާއްޖެ:ގެއްލިފައިވާ ޑިމޮކްރަސީ ހޯދުމަށް އަތްފުނާ އަޅަނީ" ގެ ނަމުގައި ލަންޑަނުގެ ކެނެޑާ ހައުސްގައި ބޭއްވި ފޯރަމްގައި ޖަމީލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ހިންގަވަމުން ގެންދަވާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ދުނިޔެއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމާއި، ސިޔާސީ ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ނުދިނުމާއި، ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމަށް ހުރަސް އެޅުމާއި، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމާއި އަދި މީޑިއާތަކަށް ކުރިމަތިކު ރުވަމުންދާ ގޮންޖެހުންތަކަކީ ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަން ޖެހޭ ސަބަބުތައް ކަމަށެވެ.
"ރާއްޖޭގައި ގާއިމްވެފައިވާ އަނިޔާވެރިކަމާއި ބޭއިންސާފުގެ ސަގާފަތް ނިމުމަކަށް ގެނެސް، ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ،" ޖަމީލް ވިދާޅުވި އެވެ. "އެގޮތުން ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނައި ސަރުކާރުގެ އިސް ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ."
އެ ބައްދަލުވުމުގައި ޖަމީލް ވަނީ ރާއްޖޭގެ ޖުޑިޝަރީއަށް ރައީސް ޔާމީން ހެއްދެވި ގޮތުގެ ވާހަކަ ވެސް ކޮމަންވެލްތް ހިއުމަން ރައިޓްސް އިނީޝިއޭޓިވް އާ ހިއްސާ ކުރައްވައިފަ އެވެ.