ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން ބާސާ އަދި ބެޔާން ހަނިގޮތަކަށް މޮޅުވެއްޖެ އެވެ.
ދެ ޓީމު ވެސް އަމިއްލަ ދަނޑުގައި ކުޅުނު އިރު ބާސާ މޮޅުވެފައި ވަނީ 1-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ.
މެޗުގެ 25 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފެނާންޑޯ ޓޮރެސްވަނީ މެޗުގެ ލީޑު ނަގައި ބާސާ ސަޕޯޓަރުން ހައިރާންކޮށްލައިފަ އެވެ.
ނަމަވެސް އޭގެ 10 މިނެޓް ފަހުން ޓޮރެސް އަށް ރެފްރީ ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއްް ވެސް ދައްކައިފަ އެވެ.
ނަވާވީސް ވަނަ މިނެޓުގައި ފުރަތަމަ ރީނދޫ ކާޑު ދައްކާފައިވާ އިރު، އޭގެ ހަ މިނެޓް ފަހުން ޓޮރެސް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާފައެވެ.
މި ރަތް ކާޑާ ގުޅިގެން ޓޮރެސް އަދި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި ޔުއެފާ އަދި ރެފްރީން ބާސާ އާ އަހަރުމެންނާ އެއް ހަމައަކުން ނުބަލާ. ޑިޒިޝަންތައް ނިންމަނީ ބޮޑަށް ބާސާ އާ އެއްކޮޅަށް،" މެޗު ނިމިގެން ޓޮރެސް ބުންޏެވެ.
މީގެ އިތުރުން ކޯޗު ސިމިއޭނޯ މެޗު ނިމިގެން ދީފައިވާ އިންޓަވިއުގައި ބާސާގެ ލުއިސް ސުއަރޭޒް ދެ ފަހަރުގެ މަތިން ރަތް ކާޑު ހައްގުވާ ދެފައުލް ކުރިކަމަށާއި ނަމަވެސް ރެފްރީ އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކޯގެ މައްޗަށް ބާސާ ކުރި ހޯދާފައި ވަނީ ދެވަނަ ހާފުގައި ލުއިސް ސުއަރޭޒްގެ ދެ ގޯލުންނެވެ.
ޖަރުމަނުގެ ޗެމްޕިއަން ބެޔާން މިއުނިކް ޕޯޗުގަލްގެ ބެންފީކާ އާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއަކުން ވެސް ވަނީ މޮޅުވެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ބެޔާން މިފަހަކަށް ކުޅޭ މެޗުތަކުން އެއްވަރުވެ، ނުވަތަ ހަނި ގޮތަކުން މޮޅުވާ ރޭޓް ބޮޑުވާތީ ކޯޗު ގާޑިއޯލާ އަށް ވަނީ އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ.