ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ވޫލްސްބާގް އާއި ރިއަލް މެޑްރިޑް ބައްދަލު ކުރި މެޗް ވޫލްސްބާގް ކާމިޔާބުކޮށް ގިނަ ބަޔަކު ހައިރާންކޮށްލައިފި އެވެ.
ވޫލްސްބާގް ގެ އަމިއްލަ ދަނޑުގައި މި މެޗު ކުޅުނު ނަމަވެސް މިއީ ވަރަށް ގިނަ ބަޔަކު ހީނުކުރާ ނަތީޖާއެކެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ކަސެމީރޯ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ވޫލްސްބާގް އަށް ޕެނަލްޓީއެއް ދީފަ އެވެ.
ރިކާޑޯ ރޮޑްރިގޭޒް ކާމިޔާބު ކުރި ޕެނަލްޓީ އާ އެކު ވޫލްސްބާގް އިން މެޗުގެ ލީޑު ނެގިއެވެ. މިގޯލަކީ ޗެމްޕިއަންސް ލީގުގައި ރިއަލްގެ ކީޕަރު ކޭލާ ނަވާސް ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
މެޗުގެ 25 ވަނަ މިނެޓްގައި ވޫލްސްބާގްގެ މެކްސިމިލިއަން އާނޯލްޑް ވަނީ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ދެ ގޯލު ވެސް ވަދެފައި ވަނީ ރިއަލްގެ ޑިފެންސް ލައިނުގެ ފަރުވާ ކުޑަކަމުންކަން ފާހަގަކޮށްލެވެ އެވެ.
މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީ ބައްދަލު ކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ވަރަށް ކުރީކޮޅުގައި ޕީއެސްޖީ އަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ.
ނަމަވެސް އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު ޖޯ ހާޓް ވަނީ ސޭވްކޮށްފައެވެ.
ތިރީސް އަށް ވަނަ ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ ސިޓީގެ ކެވިން ޑީ ބްރުއޭނީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިބްރަހިމޮވިޗް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ޕީއެސްޖީ އަށް ލީޑު ނަގާދީފައި ވަނީ 59 ވަނަ މިނެޓްގައި އެޑްރިއަން ރެބިއޯ އެވެ. ނަމަވެސް 72 ވަނަ މިނެޓުގައި ފާނެންޑީނިއޯ ވަނީ ސިޓީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ދީފަ އެވެ.
ރަށުން ބޭރުގައި ދެ ގޯލް ޖަހައި އެއްވަރުވެގެން މެޗު ނިންމާލި ސިޓީ އަށް އަމިއްލަ ދަނޑުގައި ކުޅޭ އިރު ސެމީ އަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މި މެޗުގެ ދެވަނަ ލެގު އޮންނާނީ އެޕްރިލް 12 ވާ އަންގާރަ ދުވަހުގަ އެވެ.