މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ސިންގަޕޫރުގައި ރައީސް ޔާމީން އާ އެކު ސިއްރު ބައްދަލުވުންތަކެއް ބޭއްވި ކަމަށް އަޑުފެތުރިފައި ވަނިކޮށް، ސިންގަޕޫރު ދޫކޮށް ވަޑައިގެންފި ކަމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެނގިއްޖެ އެވެ.
ނާޒިމް ސިންގަޕޫރުން ފުރާވަޑައިގެންނެވީ ކޮން ގައުމަކަށްކަން ނޭނގުނު ނަމަވެސް، އޭނާ މީގެ ހަތަރު ދުވަސް ކުރިން ސިންގަޕޫރު ދޫކޮށް ވަޑައިގެންފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ނާޒިމް ސިންގަޕޫރުން ފުރާވަޑައިގެންނެވީ ބޭސް ފަރުވާ އަށް ވަޑައިގަތުމަށް ދޫކޮށްފައިވާ ޓްރެވެލް ޑޮކިއުމެންޓް ބޭނުންކޮށްގެންތޯ ނުވަތަ ސަރުުކާރުން ނާޒިމްގެ ޕާސްޕޯޓް ދޫކޮށްލުމުން ކަން ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.
އާންމު ގޮތެއްގައި ބަންދުގައި ތިބޭ މީހުންނަށް ދޫކުރާ ޓްރެވެލް ޑޮކިއުމެންޓްތަކުން ދަތުރުކުރެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނަށް އެކަންޏެެވެ. އަދި އެހެން ތަނަކަށް ސަރުކާރުގެ އިސްވެރިންގެ ހުުއްދަ ނުލިބި ދަތުރު ނުކުރެވޭނެ އެވެ.
ނާޒިމް އެއްވެސް ހުރަހެއް ނެތި ސިންގަޕޫރު ދޫކޮށް ވަޑައިގެންފައިމި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން ސްޕްރީމް ކޯޓުން ހުކުމް ނުކޮށް އޮތް ތިން މައްސަލަ ވެސް އަނބުރާ ގެންގޮސްފައި ވަނިކޮށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލުން މައުލޫމާތު ދީފައި ވަނީ އެ ތިން މައްސަލަ އަނބުރާ ގެންދިޔައީ ނާޒިމްގެ މައްޗަށް އުމުރު ދުވަހުގެ ހުކުމެއް އިއްވާފައިވާތީ، ދައުވާ ކުރުމުގެ މަސްލަހަތެއް އޮތްތޯ ބަލަން އިތުރަށް ދިރާސާ ކުރަންވެގެން ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިިޔާގައި ބޮޑަށް އަޑުފެތުރިފައި ވަނީ ނާޒިމް ރައީސް އަބްދުﷲ ޔާމީނާ އެކު "ޑީލަކަށް" ދިޔައީ ކަމަށެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މިވަގުތު ނާޒިމް ހުންނެވީ އިނގިރޭސި ވިލާތުގައެވެ.