މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ބޭސްފަރުުވާ ނުނިމެނީސް އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެކަން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އަށް އަންގައިފި އެވެ.
ނާޒިމްގެ ފަރާތުން ނާޒިމްގެ ޤާނޫނީ ވަކީލު ފަރީޝާ ޢަބްދުﷲ މޯލްޑިވްސް ކަރެކްޝަންސް ސާވިސް އަށް މިއަދު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ބޭސް ފަރުވާގެ ކަންކަން ކުރިއަށް ދާގޮތް ކަރެކްޝަންސް އަށް ކުރިންވެސް އަންގާފައިވާނެ ކަމަށާއި، އެހެންކަމުން ފަރުވާގެ ކަންކަން އަދިވެސް ފުރިހަމަ ނުވާކަން އެ ތަފްސީލްތަކުން އެނގެން އޮންނާނެ ކަމަށެވެ.
މިގޮތުން މީގެކުރިން ތިން ފަހަރެއްގެ މަތިން ފޮނުވާފައިވާ ސިޓީތަކާއި ، އެސިޓީ ތަކާއި އެކު ހުށަހަޅާފައިވާ ލިޔުންތަކުން ސާފުކޮށް ނާޒިމްގެ ބަލިހާލަތު އެނގެން އޮންނާނެ ކަމާއި، 29 ޖެނުއަރީ 2016 ގައި ނާޒިމް ކޮށްފައިވާ މައިބަދައިގެ އޮޕަރޭޝަނަކީ ކުރިން ވެސް ދެ ފަހަރެއްގެ މަތިިން އޮޕްރޭޝަންކޮށްފައިވާ ތަނަކަށްވުމުން، ފަރުވާއަށް ވަގުތު ބޭނުންވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެހެން ނަމަވެސް ނާޒިމްގެ ފަރުވާ މެދުކަނޑާލުމަށްފަހު އެނބުރި އައުމަށް އެސާވިސް އިން އަންގަވާފައިވަނީ އޭނާއާއި މެދު އަމަލު ކުރެއްވުމުގައި ރަހުމް ކުޑަ ކުރުމާއި، ލާއިންސާނީ އަދި އިހާނެތި ގޮތުގައި އަމަލު ކުރުމުގެ ނިޔަތް އޮތް ކަމާއި، އަދި އިންސާނީ ކަރާމާތް އަހްމަދު ނާޒިމްގެ ކިބައިން ނިގުޅައި ގަތުމުގެ ގޮތުން ކުރައްވާފައިވާ ކަމެއްގެ ގޮޮތުގައި ނާޒިމް ގަބޫލުކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.
ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ނާޒިމްގެ ސިއްހީ ފަރުވާގެ ކަންކަން އަދި ފުރިހަމަވެފައި ނުވާތީ އެފަރުވާ ފުރިހަމަވުމުން ކަރެކްޝަންސް އިން އެދިލައްވާފައިވާ ގޮތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ދެންނެވުމަށް ނާޒިމް އެދިލައްވާފައިވާ ކަމަށެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ބޭސްފަރުވާ ނުނިމެނީސް ރާއްޖެ ނާާންނާނެކަމަށް ކަރެކްޝަންސް އަށް އަންގާފައިވާއިރު ނާޒިމް ސިންގަޕޫރު ދޫކޮށް ވަޑައިގެންފި ކަމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް ވަނީ އެނގިފައެވެ.
ނާޒިމް ސިންގަޕޫރުން ފުރާވަޑައިގެންނެވީ ކޮން ގައުމަކަށްކަން ނޭނގުނު ނަމަވެސް، އޭނާ މީގެ ހަތަރު ދުވަސް ކުރިން ސިންގަޕޫރު ދޫކޮށް ވަޑައިގެންފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.