ގަލޮޅުގޭ އަލީ ދޮށިމޭނާކިލެގެފާނަކީ އިހު މުޅި ރާއްޖޭގައިވެސް ހުންނެވި އެންމެ ތަނަވަސް މަހުޖަނެވެ. މި ކިލެގެފާނު އެއްފަހަރަކު ބަންގާޅުގެ ސެޓިގަމަށް ވަޑައިގަތް ދަތުރަކު ފާލަމުން ބޭރުގައި މިކިލެގެފާނުގެ ނައު އޮއްވައި ހެނދުނު ފާލަން ހުޅުވީމާ އެންމެ ފުރަތަމަ ފާލަމަށް ދިމާކުޅައީ މިނަވެވެ. މިނަވުގެ ފަހަތުގައި އޮތް މަލިކު ނަވެއްގެ މީހުން މާވަރަކަށް އަންބާކިޔަމުން ވަނާޖުބޭސާއޭ ގޮވަމުން ނައު ދަމާހަލާފައި ވައްދަމުންގޮސް ކިލެގެފާނުންގެ ނަވުގައި ޖެހިގެން ދެ ނަވުގެ މީހުން ހަޅޭފަޅޭލަވާފައި މަލިކު ނައު ކުރިއަރައިގެން ދާން ފަށައިފިއެވެ.
މި ދަނޑިވަޅުގައި ކިލެގެފާނު ބޭރަށް ނުކުމެ ވަޑައިގެން މަލިކު ނަވުގައި ހުންނެވި ބީފާނަކަށް ވިދާޅުވެއްޖެއެވެ. ބަލަބަލަ ތިޔަ އުޅެނީ ކިހިނަކުން ހެއްޔެވެ. މި ބީފާނަކު ދެންނެވިއެވެ. ދީދީއޭ ވަރު ހުންނާނީ މުލައްދަނޑިއާއި ވަނާޖުބޭސާގައެވެ. އެހެންވީމާ މިހިރަގެން ކުރިއަރައިގެން ދަނީއެވެ. ކިލެގެފާނު ވިދާޅުވެއްޖެއެވެ. ތިޔަ ގޮތްވެސް ބަލައިފާނަމެވެ. މިހެން ވިދާޅުވެފައި އަވަސްއަވަހަށް ކުޑަވަރެއްގެ ބައްތެއްޔަކަށް ފައިބައިވަޑައިގެން އެއްގަމަށް ފައިބައިވަޑައިގެންފިއެވެ.
އިރުކޮޅަކުން ފެނުނީ ސެޓިގަމު ސަރުކާރުގެ ދުންބައްތެއްޔެއް އައިސް މަލިކު ނަވުގައި ޖަހައިގެން ދަމާހަލާފައި ފާލަމުން ބޭރަށް ގެންގޮސްލީތަނެވެ. އެދުވަހު ފާލަން ހުޅުވާފައި އޮތުމުގެ ވަގުތުވެސް ހަމަވެގެން ފާލަންވެސް ބަންދުކޮށްފިއެވެ. އެނަވަށް ފާލަމާއި ކައިރި ކުރެވުނީ އަނެއް ދުވަހު ފާލަން ހުޅުވުމުންނެވެ.
މިކަން މިހެންވީމާ މަލިކު ނަވުގެ އެއްކަލަ ބީފާނު ވަރަށް ދެރަވެގެންހުރެ ކިލެގެފާނުންގެ ނަވަށް އައިސް ކިލެގެފާނުންގެ ފައިންޕުޅު ދެކެފައި ދެންނެވިއެވެ. އަޅުގަނޑަށް މާފު ކުރައްވާށެވެ. ވަރު ހުންނަނީ ވަނާޖުބޭސާގައެއް ނޫނެވެ. ވަރު ހުންނަނީ އަދި ހުންނާނީވެސް ފައިސާގައެވެ. އަޅުގަނޑަށް އިހަށް ނުވިސްނުނީއެވެ. ކިލެގެފާނު ވަރަށް ހިނިފުޅުވަޑުވާފައި ވިދާޅުވިއެވެ. އިހަށް ސައިބޯން އަންނާށެވެ. ދެންވެސް ވިސްނައިގެން އުޅޭށެވެ.
އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ދިވެހީންގެ ތެރޭގައި ވަރު ހުންނަނީ ފައިސާގައެވެ. އީީމާންވުން ބޮޑީ ފައިސާއަށެވެ. ކޮންމެ ގޮތަކުން ވިޔަސް ފައިސާ ލިބޭނެ ވަސީލަތްތަކާއި މަގާމަށެވެ. ހަމަޔާއި އުސޫލުތަކާއި އިންސާފުގައި ވަރެއް ނުހުރެއެވެ. ދިދައެއް ނަގައިގެން ތިއްބެއްކަމަކު ގައުމިއްޔަތުގެ ކުލުނެއް ނެތެވެ. ގައުމީ ރޫހެއް ނެތެވެ. އެންމެންގެ ވެސް އުތުރު ތަނޑިޔަކީ ގައުމުގެ ޚަޒާނާއެވެ. ވަފާތެރިކަމާއި އިޚުލާސްތެރިކަން އޮތީ ޚަޒާނާ އާއި އެ ޚަޒާނާގެ ތަޅުދަނޑިއަށެވެ. އިސްބަހަކީވެސް އަދި ފަހު ބަހަކީވެސް ޚަޒާނާގެ ތަޅުދަނޑި އޮންނަ މީހާގެ ބަހެވެ.
މިސިފަ ބޮޑުވީމާ ވަނާޖުބޭސާގައި އެއްވެސް ވަރެއް ނުހުރެވެ. އާނއެކެވެ. ގައުމީ ލޯތްބާއި ގައުމިއްޔަތުގެ ޝަރަފުގައި އެންމެން އެކުވެގެން ގައުމީ މަސްލަހަތުގައި ގައުމީ އަންބާ ކިޔައިފައި ކަމެއް ކުރުމުގެ ރޫހެއް ނެތެވެ. ސަރުކާރު ހިންގުމުގެ ދާއިރާއިން ފެށިގެން ގާނޫނުތައް ހެދުމުގެ ދާއިރާއާއި އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނުތައް ތަންފީޒު ކުރުމުގެ ދާއިރާގައިވެސް ވަނާޖުބޭސާގެ ކަންފުޅެއް ނެތެވެ. އެންމެން އަވަދިނެތި އުޅޭތީ ފެންނަނީ ޚަޒާނާގެ ވެރި ބޮޑުބަނޑޭރިކަލޭގެފާނު ރައްކައުތެރި ކުރެވޭތޯއެވެ. ގާނޫނެއް ހެދިޔަސް އަދި ގާނޫނެއް އިސްލާހު ކުރިޔަސް އެޔެއް ބައްޓަންވަނީ ގައުމާއި ގައުމުގެ މަސްލަހަތަކަށް ނޫނެވެ. އެޔެއް އަމާޒުވަނީ ބޮޑުބަނޑޭރިކަލޭގެފާނުގެ މަސްލަހަތަށެވެ.
ދުނިޔޭގެ އެހެން ތަންތާގައި ގައުމޭ ކިޔަނީ ވަކި އިންތަކެއް އެކަށައެޅިގެންވާ ސަރަހައްދުތަކަށެވެ. އެސަރަހައްދެއްގެ އިމުން އެތެރޭގައިވާހައި އެއްޗަކާއި މީހުންނާއި ސަގާފަތަކީ އެތަނެއްގެ ގައުމިއްޔަތުގެ ތަނބުތަކެވެ. ރައްކައުތެރި ކުރެވޭތޯ ބަލަނީ މިހުރިހައި އެއްޗެއް އެކުލެވިގެންވާ ގައުމިއްޔަތެވެ. މި ދިވެހިރާއްޖޭގައި ގައުމަކީ ބޮޑުބަނޑޭރިކަލޭގެފާނެވެ. ގައުމިއްޔަތަކީ ބޮޑުބަނޑޭރިކަލޭގެފާނުގެ މަސްލަހަތެވެ. އެހެންވީމާ ގާނޫނުތަކާއި ގަވާއިދުތަކާއި ދެންވެސް ކަރުދާހުގައި ލިޔާހައި އެއްޗެއް ލިޔަނީ މިހަމައިގެ މަތީގައެވެ. ކުރާހައިކަމެއް ކުރަނީވެސް މިހަމައިގެ މަތީގައެވެ.
އިހަށްދުވަހު ކޮންމެވެސް ވުޒާރާއެއްގެ ނާއިބަކު ކުރެއްވި ޓުވީޓެއްގައި ދިވެހިރާއްޖޭގެ ނަމަކަށް އެމްވީއާރް ބޭނުން ކުރެއްވީމާ އަހަރެން ހައިރާނެއް ނުވެއެވެ. އެމްވީއާރަކީ ދިވެހި ފައިސާގެ ރަމްޒީ އަކުރުތައް ކަމުގައިވެފައި މިބައިމީހުންގެ އީމާނަކީ ފައިސާއާއި މަގާމު ކަމަށްވީމާ އެމްވީއާރް ނޫން އެހެން އެއްޗެއް މިވެރިންގެ ބޮލަށް ވަންނާނެ ބާވައެވެ. ނުވަންނާނެއެވެ. ގައުމަކީވެސް ގައުމިއްޔަތަކީވެސް އީމާނަކީވެސް ވެރިޔަކީވެސް އެމްވީއާރެވެ. އެބަހީ ރުފިޔާއެވެ. އެހެންވީމާ މިހާރު ބުނަން ޖެހެނީ މަލިކު ބީފާނުވެސް ބުނި ބަހެވެ. އިހަށް އަހަރެންނަށްވެސް ނުވިސްނެނީއެވެ. ވަރު ހުންނަނީ ފައިސާގައެވެ. ވަނާޖުބޭސާގައެއް ނޫނެވެ.