ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމްގެ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމަށް ސާބިތުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމަށް މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ހައިކޯޓުން ތާޢީދުކުރުމާ ގުޅިގެން ހައިކޯޓު ބޭރުގައި ވާހަކަ ދައްކަވަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރައްވާނެ ކަމަށް ނާޒިމްގެ ޢާއިލާއިން ބުނެފައިވެ އެވެ.
އިއްޔެ މީޑިއާ ތަކުން އިވިގެން ދިޔަ ޚަބަރަކީ ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި ނާޒިމް އަށް އިސްތިޢުނާފް ނުކުރެވިގެން އުޅޭ ސަބަބަކީ ހައިކޯޓުން މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ނުލިބިގެންކަމެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް އެދުނުތާ މިހާރު އެއްމަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ފާއިތުވެފައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި "ހައިކޯޓުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓް ކަމުގެ މަޞްލަޙަތު އޮތް ފަރާތްތަކަށް ލިބޭނެ އިންތިޒާމް އެ ކޮޓުން ހަމަޖައްސަންވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ.
'އައްޑޫލައިވް' އާ ވާހަކަ ދެއްކި ޤާނޫނީ ވަކީލަކު ބުނިގޮތުގައި ކޯޓުތަކާބެހޭ ޤާނޫނުގެ އެ މާއްދާއަށް ބެލުމުން މައްސަލަ ނިމޭތާ 14 ދުވަސްތެރޭގައި މައްސަލައެއް ނިންމިގޮތުގެ ރިޕޯޓް މައްސަލައެއްގެ މަސްލަޙަތު އޮތް ފަރާތަކުން އެދެފިނަމަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ހައިކޯޓުގެ ޤާނޫނީ ޒިންމާއެއްކަމަށެވެ. އަދި އެގޮތަށް ޢަމަލުނުކުރާނަމަ އެއީ ޤާނޫނާ ޚިލާފުވުންކަމަށެވެ.
'އައްޑޫލައިވް' އާ ވާހަކަދެއްކި ކުރީގެ ފަނޑިޔާރަކު ވިދާޅުވިގޮތުގައި މައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ ތަފްޞީލީ ރިޕޯޓް ނުލިބުނުކަމުގައިވިޔަސް ޚުލާޞާ ރިޕޯޓާއެކު މައްސަލަ އިސްތިޢުނާފްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅޭނެކަމަށެވެ.
ނަމަވެސް އޭނާވެސް ވިދާޅުވީ މައްސަލާގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ނުކުތާތަކާއި މައްސަލާގައި ހައިކޯޓުން ރިޢާޔަތްނުކޮށް ދޫކޮށްލާފައިވާ ނުކުތާތައް ފުރިހަމަގޮތެއްގައި ފާހަގަކުރެވޭނީ މައްސަލައިގެ ހެކިންގެ ބަޔާންތަކާއި ޝަރީއަތުގައި ދެފަރާތުން ދެކެވުނުވާހަކަތާއި އަދި ހުށަހެޅުނު ހުރިހާ ޑޮކިއުމެންޓްތައް ހިމެނޭގޮތުން ތައްޔާރުކުރާ ޝަރީޢަތް ނިމުނުގޮތުގެ ތަފްޞީލީ ރިޕޯޓުންކަމަށެވެ.
މަޤްބޫލު ސަބަބެއްނެތި އެ ރިޕޯޓް ދޫނުކޮށް ލަސްކުރުމަކީ އިސްތިޢުނާފްކުރުމުގެ ޙައްޤަށް އުނިކަން އަންނާނެކަމެއްކަމަށް އޭނާވެސް ދެކިލައްވައެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އަދި ބޭއިންސާފު ޙުކުމެއްކަމަށް ގިނަބަޔަކު ސިފަކުރާ ޙުކުމެކެވެ.
އަދި އެ މައްސަލާގައި ނާޒިމްގެ ފަރާތުން 26 އިސްތިޢުނާފީ ނުކުތާ ފާހަގަކޮށް ކްރިމިނަލް ކޯޓުން ހިންގާފައިވާ ޝަރީޢަތުގެ ދޯހަޅިކަމާއި ބޭއިންސާފުގެ ކަންކަން ފާހަގަކުރުމުންވެސް ދެފަހަރެއްގެ މަތިން ބެންޗް ބަދަލުކުރެވި ހައިކޯޓުގައި ހިންގުނު މައްސަލަ ނިންމެވީ ބޮޑެތި ފުށުއެރުންތަކާއި ހަމަނުޖެހޭކަންކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބައެއް ނޫސްވެރިންވެސް ފާހަގަކުރެއެވެ.
ހައިކޯޓުގެ ޙުކުމުގައިވެސް ނާޒިމްގެ ފަރާތުން ފާހަގަކުރި އިސްތިޢުނާފީ ގިނަ ނުކުތާތަކަށް އެއްވެސް ގޮތެއް ނިންމާފައި ނުވާކަންވެސް ފާހަގަކުރެވެއެވެ.
ނާޒިމްއަށް ތާޢީދުކޮށް ސޯޝަލް މީޑިއާގައި ހިންގާ ބައެއް ޕޭޖްތަކުގައި ސިފަކޮށްފައިވާގޮތުން ހައިކޯޓުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ނުދީ ލަސްކުރަނީ ނާޒިމް އަށް އިންސާފު ހޯދުމަށް ހުރަސް އެޅުމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ނާޒިމްގެ ވަކީލު ޙުސްނުއްސުޢޫދުގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ނުލިބިގެން މައްސަލަ އިސްތިޢުނާފް ނުކުރެވިފައިވާކަމަށް ނާޒިމްގެ ފަރާތުން ބުނަމުންދާއިރު ކޯޓުތަކުން ދިމާވާ އިދާރީ ދަތިތައް ޙައްލުކުރުމުގައި އަދި އެކަމާގުޅިގެން ހުށަހެޅޭ މައްސަލަތައްވެސް ބެލުމުގައި ޖުޑީޝިއަލް ސާރވިސް ކޮމިޝަނުން އެއްވެސް މަސައްކަތެއްނުކުރާކަމަށް ގިނަބަޔަކު ތުޙުމަތުކުރެއެވެ.
އެހެންކަމުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ނާޒިމްގެ ފަރާތުން އެދުނުތާ 1 މަސްދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވީއިރުވެސް ކޯޓުތަކާބެހޭ ޤާނޫނާ ޚިލާފަށް އެ ރިޕޯޓް ދޫކޮށްފައިނުވާ އިރު އެމައްސަލަ ބަލައި ފިޔަވަޅު އެޅިދާނެތޯ އެއީވެސް އުފެދޭ ސުވާލެކެވެ.
މިހާތަނަށް، ޖޭއެސްސީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު ރޯމާ ދުވާލު ހައި ކޯޓުން ޤާނޫނާއި ޚިލާފު ވެފައިވާއިރު އެކަމާއި މެދު ކޮމިޝަނުން ފިޔަވަޅު އެޅުމަކީ ދުރުގައިވާ ކަމެކެވެ.