ބޭސް ފަރުވާ އަށް ވަޑައިގެންނެވި ގޮތަށް މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.
ވިލިމާލޭގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް އެންގެވީ އެ މަނިކުފާނުގެ ބޭސް ފަރުވާ އާ ގުޅޭ ގޮތުން ކަރެކްޝަނަށް ފޮނުވި ލިޔުންތަކުން ސާފު ނުވާ ފަސް ކަމެއް އޮތް ކަމަށް ބުނެ ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ނަޝީދުގެ ބޭސް ފަރުވާކޮށް ނުނިމޭ ކަމާއި އެ މަނިކުފާނު އެޑިމިޓްކޮށްފައިވާކަމާއި ބޭސް ފަރުވާގެ ކުރިއަށްދާކަން ސާފު ނުވާ ކަމަށް ކަރެކްޝަނުން އެންގި ލިޔުމުގައި ބުނެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރެކްޝަނުން ސާފު ނުވާ ކަމަށް ބުނެފައިވާ ކަންކަމަކީ ޑޮކްޓަރުގެ ލިޔުުމުގައި ވާކަންކަން ކަމަށާއި އެ އޮޅުން އަރާފައި އެ ވަނީ އެއް ލިޔުމެއްގައި އެކަން ފާހަގަކޮށްފައިވާތީ ކަމަށް ބެލެވޭ ކަމަށް ހިސާން ވިދާޅުވި އެވެ.
އެހެންކަމުން ކަރެކްޝަނުން ސާފު ނުވާ ކަމަށް ބުނެފައިވާ ކަންކަން ވަކި ވަކިން ލިޔުމަށް ފަހު ކަރެކްޝަނަށް ހުށަހަޅާނެކަން މިހާރު އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިސާން އަދި ވިދާޅުވީ ރައީސް ނަޝީދު އަނބުރާ ޖަލަށް އައުމަށް އަންގާފައިވާ އެންގުން އަލުން މުރާޖާކޮށް ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށް ދޭން ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި މިހާރު ކުރައްވަމުން ގެންދަވާ މަސަައްކަތް ހުއްޓާލެއްވުމަށް ފަހު އެނބުރި ޖަލަށް ވަޑައިގަންވަންވީތޯ ހިސާން ރޭ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެއީ އެފަދަ މާހައުލެއް އޮތް ދުވަހަކުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަަށަށް ގެންދިޔަ މައްސަލާގައި ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ވަަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.