ރާއްޖޭން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެމެރިކާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފި އެވެ.
މިގޮތުން ހުކުރު ދުވަހު އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރެއް ފާސްވިޔަ ނުދިނުމަށް އެމެރިކާގެ ސެނެޓަރުންނާއި ވަކިވަކިން ބައްދަލުކޮށް ވަކިގޮތަކަށް ވޯޓު ދިނުމަށް ރާއްޖޭގެ މަންދޫބު ވަނީ ބާރު އަޅުއްވައިފަ އެވެ.
އެ ގަރާރު ސެނެޓަށް ހުށަހެޅުއްވީ ސެނެޓް އެޕްރޮޕްރިއޭޝަންސް ސަބް ކޮމެޓީ އޮން ސްޓޭޓް، ފޮރިން އޮޕަރޭޝަންސް އެންޑް ރިލޭޓެޑް ޕްރޮގްރާމްސް ސެނެޓާ ޕެޓްރިކް ލީހީ އާއި ކުރީގެ އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް އަދި ސެނެޓް އާމްޑް ސާވިސަސް ކޮމެޓީގެ ޗެއާމަން ސެނެޓާ ޖޯން މެކެއިން އެެވެ.
ރާއްޖޭން އެމެރިކާ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު އެމެރިކާ ސެނެޓަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައި މި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ފާޑު ކިޔަމުންދާ މައްސަލައިގައި ރާއްޖޭގެ ރައީސް ތަފާތު އެކި ފަހަރު މަތިން އެކަން ކުއްވެރިކޮށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ރާއްޖެއަކީ ގައުމުގެ އެތެރޭގައި ހިނގާ ކަންކަމަށް ބޭރު ގައުމުތަކުން ފާޑު ކިޔަމުންދާ މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންދާ ގައުމެކެވެ.
އެމެރިކާގެ ސެނެޓުގައި ހިނގަމުންދާ ކަންކަމަކީ އެ ގައުމުގެ ދާޚިލީ ކަންތައްތައް ކަމުގައިވީ ނަމަވެސް ރާއްޖޭގެ މަންދޫބު މި ވަނީ އެކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވައިފަ އެވެ.
އަދި މިކަމާއި ގުޅިގެން ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑުކިއުންތައްވެސް މިވަނީ ރައީސް ޔަމީން އަށް އަމާޒުވެފަ އެވެ.
ރާއްޖޭގެ ސަފީރު އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރަށް ހުރަސްއަޅުއްވަން މަސައްކަތް ކުރެއްވި ނަމަވެސް ސެނެޓުން ވަނީ އެ ގަރާރު ފާސްކޮށްފަ އެވެ.
ސެނެޓުގެ ގަވާއިދުތަކުގައިވާގޮތުން އެމެރިކާ ސެނެޓަށް ހުށަހެޅުނު ރާއްޖޭން ހުއްޓުވަން މަސައްކަތް ކުރި ގަރާރުގެ ވޯޓަށް އެހުން ހުއްޓުވުމުގެ ބާރު ސެނެޓުގެ ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވެ އެވެ.
ނަމަވެސް 100 ސެނެޓަރުން ހިމެނޭ އެމެރިކާގެ ސެނެޓުން ރާއްޖޭގެ ސަފީރު އެދިލެއްވި ގޮތަށް ވޯޓަށް އެހުން ހުއްޓުވުމަށް އެއްވެސް ފަރާތަކުން އެއްބަސްވެފައެއް ނުވެ އެވެ.