މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރު ލުއިސް ވެން ހާލް އޭނާގެ ކެޕްޓަން ވޭން ރޫނީ ދިފާއުކޮށްފި އެވެ.
އެންމެ ފަހަކަށް އިންގްލެންޑް ކުޅުނު މެޗްތަކުގައި ރޫނީ، 30، އަނިޔާގެ ސަބަބުން މެޗް ކުޅެފައި ނުވާ އިރު، ބަދަލުގައި އޭނާގެ މަގާމުގައި ކުޅުނު ޒުވާން ކުޅުންތެރިން، ޖޭމީ ވާޑީ އަދި ހެރީ ކޭން މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔަކު އަންނަނީ ރޫނީގެ މަގާމާ މެދު ސުވާލު އުފައްދަމުންނެވެ.
ރޫނީގެ ފާޑުކިޔުންތެރިންނަށް ރައްދު ދެމުން ލުއިސް ވެން ހާލް ބުނެފައި ވަނީ ހެރީ ކޭން އަދި ޖޭމީ ވާޑީ ދައްކާފައި ވަނީ މޮޅު ކުޅުމެއް ކަމަށެވެ.
ނަމަވެސް އިނގިރޭސި ޓީމުގައި ފޯވާޑެއްގެ މަގާމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ އަދިވެސް ކެޕްޓަން ރޫނީ އެވެ.
"ކޭންގެ ސްކޯރިން ރޭޓް ވަރަށް ރަނގަޅު. އޭނާއަކީ ވެސް މޮޅު ކުޅުންތެރިއެއް. ނަމަވެސް އެންމެ މޮޅު ސްޓްރައިކަރަކީ ރޫނީ ކަން އެނގޭނެ އޭނާގެ ރެކޯޑަށް ބަލާލުމުން،" ވެން ހާލް ރޫނީގެ އިނގިރޭސި ކުޅުމާ މެދު ސުވާލު ކުރުމުން ބުންޏެވެ.
އިންގްލެންޑްގެ ކެޕްޓަންކަން ކުރާ ރޫނީއަކީ އެޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލް ވެސް ޖެހި ކުޅުންތެރިޔާ އެވެ.
ސާ ބޮބީ ޗާލްޓަންގެ 49 ގޯލްގެ ރެކޯޑް ވޭން ރޫނީ މުގުރާލައިފައި ވަނީ މިދިޔަ އަހަރު ސްވިޓްޒަލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ.
ޓޮޓެންހަމް އަދި ލެސްޓާގެ ދެ ތަރިން ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާ ލިސްޓުގެ ކުރީގައި ތިބި އިރު ކޭން ވަނީ 22 ގޯލު ޕްރިމިއާ ލީގުގައި ޖަހައިފަ އެވެ.
ލެސްޓާގެ ޖޭމީ ވާޑީ 19 ގޯލު ޖަހާފައިވާ އިރު އޭނާ ވަނީ މި ސީޒަނުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗްގައި ގޯލް ޖެހި ކުޅުންތެރިޔާގެ ރިކޯޑް ވެސް މުގުރާލައިފަ އެވެ.
އަނިޔާގެ ސަބަބުން ދުވަސްކޮޅެއް ކުޅުމާ ދުރުގައި ހުރެފައި މެންޗެސްޓާ ޔުނައިޓެޑްގެ ޓްރެއިނިންގައި އިއްޔެ ރޫނީ ބައިވެރިވެފައިވާ އިރު، މާދަމާ ޔުނައިޓެޑް ނިކުންނާނީ ލީގް ތާވަލުގެ ދެވަނައިގައި އޮތް ޓޮޓެންހަމް އާ ދެކޮޅަށެވެ.
މި މެޗުގައި ބޮޑަށް ބެލެވެނީ ރޫނީ ފެންނާނީ ބެންޗުން ކަމަށެވެ.