ރައީސް ޔާމީން މާދަމާ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާއިރު، މި ދަތުރުފުޅުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ގުޅުން ހީނަރުވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކުރައްވާނެކަން ކަށަވަރެވެ.
މިހާތަނަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އެންމެ ބޮޑަށް ގުޅުން ހީނަރުވެގެން ދިޔަ މައްސަލައަކީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ޖީއެމްއާރް އަށް އެއާރޕޯޓް ހިންގުމަށް 25 އަހަރަށް ދިނުމަށްފަހު ، ދިވެހި ސަރުކާރުން އެއްބަސްވުން ބާޠިލްކުރި މައްސަލައެވެ.
މިމައްސަލާގައި އެކި ގޮތްގޮތުން އިންޑިއާ ވަނީ ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުވާފައެވެ. އަދި މިއިން ދުވަހަކު ވެސް ރާއްޖެ އާއި އިންޑިއާގެ އޮފިޝަލުން ބަހުގެ ހަމަލަ ބަދަލު ނުކުރާ މިންވަރަށް މިމައްސަލައިގައި އެކަން ކުރިއަށް ގެންދިޔަ އެވެ.
ނަތީޖާ އަކީ ދިވެހިން އާންމުކޮށް ބޭސްފަރުވާ އަށް ދާ އިންޑިއާ އިން ދިވެހިންނަށް އެތައް ދަތިތަކެއް ކުރިމަތިވުމެވެ. އިންޑިއާ އިން ހިލަ އާއި ހިލަވެލި ލިބުން ވެސް ކުއްލިއަކަށް ދަތިވެ ރާއްޖޭގެ އިގުތިސޯދަށް އޭރު ބޮޑެތި ގެއްލުންތަކެއް ވާން ފެށި އެވެ.
އޭގެ ޒަމާންތަކަކަށްފަހު ދެގައުމުގެ ގުޅުން ފަހުން ކޮންމެވެސް ވަރަކަށް ބަދަހިވެގެން ގޮސްފައިވެއެވެ. ނަމަވެސް އަދިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވުމަށް އޮތް މަގަކީ ޖީއެމްއާރުގެ މައްސަލަ އިންޑިއާ ރުހޭ ގޮތަކަށް ނިމުމެވެ.
ރައީސް ޔާމީން އިންތިހާބްވެގެން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ފުރުމުގެ ކުރިން ޖީއެމްއާރް މައްސަލައަކީ ދެ ކުންފުންޏެއްގެ ދެމެދުގައި އޮތް ނުތަނަވަސް ކަމެއް ކަމަށާއި، އިންޑިއާ ސަރުކާރު އެ ވާހަކަ ރައީސްގެ ދަތުރުފުޅުގައި ނުދައްކާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިންޑިއާ އިން ގިނައިން ދެއްކީ އެވާހަކައެވެ.
ދަތުރުފުޅުގެ ހުރިހާ ދިމާލަކުންވެސް އިވުނީ ޖީއެމްއާރް މައްސަލައިގެ ޝަކުވާއެވެ. އެންމެފަހުން އިންޑިއާގެ ބޮޑުވަޒީރު ނެރުއްވި މީޑިއާ ސްޓޭޓްމަންޓުގައި ވެސް ވަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށްޓަކައި ޖީއެމްއާރުގެ މައްސަލަ ހައްލުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޖީއެމްއާރް މައްސަލަ އޭރު ވަކިގޮތަކަށް ޝަރުޢީ މަރުހަލާއިން ނިމިފަައިނެތަސް މިހާރު މިވަނީ ގާތްގަނޑަކަށް ނިމިފައެވެ. ޖީއެމްއާރުގެ މައްސަލަ ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ހައްލުވުމަކީ ރާއްޖެ ވެސް ބޭނުންވާ ކަމެއް ކަމަށް ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުންގެންދެއެވެ.
ޖީއެމްއާރް ގެ ފަރާތުން ބުނަނީ އެގްރިމަންޓް ބާތިލްކުރި ކަމުގައިވިޔަސް ސަރުކާރުން އެދެފި ނަމަ އެއާޕޯޓް ހިންގުމާ ހަވާލުވާން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަށް މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން މިވަނީ ދިގު މުއްދަތުތަކަށް ޖަލަށް ލެވިފައެވެ.
މިކަމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތައް ހައްލުކުރުމަށް ގޮވާލާ ވަރުވަރުގެ ބަޔާންތައް ނެރެމުންދާތާ ޒަމާންތަކެއްވެސް މިހާރު ވެއްޖެއެވެ.
އަޑުތައް އިވޭގޮތުން ގައުމު މިއަރާހަމަވަނީ ބޭރުގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ހިސާބަށެވެ. ބޭރުގެ ބޮޑެތި ޖަމްޢިއްޔާތަކުން މިވަނީ ކަންކަން އިސްލާހު ކުރުމަށް މުއްދަތުތަކެއްވެސް ދީފައެވެ.
ރައީސް ޔާމީން ވެސް ބޭރު ގައުމުތަކުގެ ވެރިންނަށް ކަންކަމުގައި އެހީވާން ކިޔާ ހިސާބަށް މިއޮތީ ކަންތައް ގޮސްފައެވެ.
އެމަނިކްފާނު ވިދާޅުވިގޮތުން ދެ ބޮޑުވަޒީރަކަށް އާދޭސް ކުރައްވައިގެން ހަމަ ކިރިޔާ ސީމެގް އެޖެންޑާގައިވެސް ނުހިމަނާ ސަލާމަތްވީއެވެ. އެހެންކަމުން އިންޑިއާ ކަހަލަ ގައުމުތައް ރުއްސަން މިހާރު މިއޮތީ މަޖުބޫރުވެފައެވެ. މި ދަނޑިވަޅުގައި އިންޑިއާ ކަހަލަ ގައުމަކުން އެދުނު ކޮންމެ ކަމެއް ކޮށްދީގެންވެސް އަމިއްލަ ސަލާމަތް ހޯދަން ރައީސް ޔާމީން އަށް މިވަނީ މަޖުބޫރުވެފައެވެ.
އިންޑިއާ ވެސް އޮތީ މިފަހަރު ފުރުޞަތުުގެ ބޭނުން ފިސާރި ރަނގަޅަށް ހިފުމަށް ތައްޔާރަށެވެ.
އެނގިފައިވާގޮތުން ރައީސް ޔާމީން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި މިފަހަރު އިންޑިއާ ރުއްސުމަށް ބޮޑު ތިން ކަމެއްގައި އެއްބަސްވުމާއި ހަމައަށް ދިއުމަށް ވަނީ ނިމިފައެވެ.
މިގޮތުން ފުރަތަމަ ކަމަކީ އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ސަރުކާރުން ދޭންޖެހިފައިވާ ބަދަލު ދިނުމަށް ނުކުޅެދިފައިވާތީ އެކަމާއި ގުޅިގެން ޖީއެމްއާރް އާ އެކު ސެޓުލްމެންޓް އެގްރީމެންޓަކަށް އަައުމެވެ. މިގޮތުން ދިވެހި ސަރުކާރުން ހުށަހަޅާފައިވަނީ ސަރުކާރުން ދައްކަންޖެހޭ ފާއިސާ ހަމަވަންދެން ޖީއެމްއާރުން ނުވަތަ ޖީއެމްއާރް ކަނޑައަޅާ ކުންފުންޏަކުން އެއާޕޯޓް މެނޭޖްކުރުމެވެ.
ސަރުކާރުން މިގޮތަށް ނިންމުމަށް އިންޑިއާގެ ޕްރެޝަރުވެސް އެބައޮތް ކަމަށް ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކުވެސް ވަނީ އައްޑޫލައިވް އަށް ކަށަވަރުކޮށްދީފައެވެ.
އެނގިފައިވާގޮތުން ޖީއެމްއާރް ކުންފުންޏަށް އެއާޕޯޓު މެނޭޖް ކުރުމަަށް ހަވާލުކުރި ކަމުގައިވިޔަސް އެކަންކުރާނީ އެ ކުންފުނީގެ ސަބްސިޑަރީ މެލޭޝިއާ ކުންފުންޏަކުންނެވެ.
ޖީއެމްއާރް މައްސަލަ އިންޑިއާ ރުހޭގޮތަށް ހައްލުވެފައި ނެތުމަކީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ނައުމުގެ އެންމެ ބޮޑު އެއް ސަބަބުކަމަށް ޚަބަރުތައް ބުނެއެވެ. އެހެންކަމުން ރައީސް ޔާމީންގެ ދަތުރުފުޅަށްފަހު ބޮޑުވަޒީރުގެ ދަތުރެއް ހަމަޖެހިގެންދާާނެކަމަށް ބައެއް އޮފިޝަލުން މައުލޫމާތުދެއެވެ.
ރައީސް ޔާމީންގެ ދަތުރުފުޅުގައި އިންޑިއާގެ ޖީއެމްއާރް ގެ މައްސަލައިގެ އިިތުރުން ، އެސްއީޒެޑް ގެ ދަށުން އިންޑިއާގެ ކުންފުނިތަކަށް ށ، ހއ، އަދި ހދ އަތޮޅުގައި ބިން މިލްކު ކުރެވޭގޮތަށް އިންވެސްޓް ކުރުމަށް މަގުފަހި ކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން މި ތިން އަތޮޅުން ތިރީސް އިންސައްތަ އެސްއީޒެޑް ގެ ދަށަށް ބަދަލުކޮށް އިންޑިއާގެ ކުންފުނިތަކަށް ދިނުމަށް ނިންމާފައިވެއެވެ.
އަދި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ކަނޑުއޮޅި ސީދާ އިންޑިއާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށްވެސް ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރުން އިންޑިއާގެ ސަރަަހައްދާގުޅޭ ހިސާބު ބަލަހައްޓާނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ.
ރައީސް ޔާމީން އިންޑިއާއަށް ބޮޑެތި ހުށަހެޅުންތަކަކާއި އެކު ދަތުރުފުޅެއްގައި މި ވަޑައިގަންނަވަނީ ބައިނަލްއަގްވާމީ މަސްރަހުގައި އެމަނިކްފާނުގެ ސަރުކާރުގެ މަގްބޫލުކަން ވަރަށް ބޮޑަށް ދަށަަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އަދި ސަރުކާރަށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ބޭރުގައުމުތަކުން ކެނޑިނޭޅި ގޮވާލަމުން ދަނިކޮށެވެ. މީގެއިތުރުން ޗައިނާ އާ އެކު ރާއްޖެއިން ބާއްވާ ގުޅުން އާދަޔާހިލާފަށް ބޮޑުވެފައިވާތީ އިންޑިއާގެ މީޑިއާގައި ރައީސް ޔާމީންގެ ސަރުކާާރަށް ފާޑުކިއުންތައް ވަރަށްބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.