ކްރިސްޓިއާނޯ ރޮނާލްޑޯއަކީ 2009 ވަނަ އަހަރު ލަލީގާގެ ރިއަލް މެޑްރިޑް އަށް އައިސް އެ ލީގުގެ ގިނަ ރިކޯޑްތަކެއް މުގުރާލައިފައިވާ ކުޅުންތެރިއެއްގެ ގޮތުން މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ.
އޭނާގެ އެންމެ ފަހުގެ ލަލީގާ ރިކޯޑަކަށް ވެފައިވަނީ ޖެހިޖެހިގެން ހަސީޒަނުގައި 30 އަށް ވުރެ ގިނަ ގޯލު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔާގެ ރިކޯޑެވެ.
ރޮނާލްޑޯ މި ރިކޯޑް ހަދާފައި ވަނީ ރޭ ލީގުގައި އެއިބާ އާ ދެކޮޅަށް ރިއަލް މެޑްރިޑް ކުޅުނު މެޗުގައި ގޯލް ޖަހައިގެންނެވެ. މި މެޗުން ރިއަލް ވަނީ 0-4 ގެ ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.
އޭނާ ވަނީ 2010-2011 ވަނަ ސީޒަނުން ފެށިގެން މި ސީޒަނާ ހިސާބަށް ކޮންމެ ސީޒަނެއްގައި އެންމެ މަދުވެގެން 31 ލަނޑު ކާމިޔާބުކޮށްފަ އެވެ.
މިހާތަނަށް ރޮނާލްޑޯ އަށް 30 ގޯލް ހަމަކުރެވިފައި ނުވަނީ އޭނާގެ ފުރަތަމަ ސީޒަނުގަ އެވެ. އެ ސީޒަނުގައި 26 ގޯލު ޖަހާފައިވާ އިރު އޭނާ ކުޅެފައި ވަނީ އެންމެ 29 މެޗެވެ.
ރޮނާލްޑޯ އެންމެ ގިނަ ގޯލް ލަލީގާގައި ޖަހާފައި ވަނީ ޖެހިގެން އައި ސީޒަނުގަ އެވެ. 46 ގޯލް އެ ސީޒަނުގައި އޭނާ ވަނީ 2011/12 ވަނަ ސީޒަނުގައި ކާމިޔާބުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ވޫލްސްބާގް އަތުން ބަލިވުމަށް ފަހު ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާ އެކު ކާމިޔާބު ކުރުމަކީ ރިއަލް އަށް ލިބުނު ހިތްވަރެއް ކަމަށް ބެލެވެެ އެވެ.
ރިއަލް ދެން ކުޅޭނީ ވޫލްސްބާގް އާ ދެކޮޅަށް ދެވަނަ ލެގުގެ މެޗެވެ. މި މެޗް އޮންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.