އިނގިރޭސި ޕްރިމިއާ ލީގު ލީޑަރ، ލެސްޓާ ސިޓީ އަދި ސަންޑަލޭންޑް ކުޅުނު މެޗުން މޮޅުވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މި ސީޒަނުގައި އެންމެ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ ސަންޑަލޭންޑް ބަލިކޮށްފައި ވަނީ ޖޭމީ ވާޑީގެ ދެ ގޯލާ އެކު 0-2 ގެ ނަތީޖާއަކުންނެވެ.
ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިފައިވެ އެވެ.
ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވީ ނަމަވެސް ހާފު ނިމިގެންގޮސްފައި ވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 66 ވަނަ މިނެޓުގައި ޖަހާފައި ވަނީ ވާޑީ އެވެ. މިއީ ވާޑީ މި ސީޒަނުގައި ލީގްގައި ޖެހި 20 ވަނަ ގޯލެވެ.
މެޗުގެ 90 ވަނަ މިނެޓްގައި ވާޑީ ވަނީ އޭނާގެ 21 ވަނަ ގޯލް ވެސް ކާމިޔާބުކޮށްފަ އެވެ.
މިމޮޅާއެކު ލެސްޓާ ވަނީ 72 ޕޮއިންޓު ހޯދައި ތާވަލުގެ އެއް ވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.
ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށްފި ނަމަ ދެވަނައިގައި އޮތް ސްޕާސް ބާކީ ހުރިހާ މެޗެއް ކާމިޔާބު ކުރި ނަމަވެސް ލެސްޓާ ވާނީ މި ސީޒަނުގެ ބާކްލޭސް ޕްރިމިއާ ލީގްގެ ޗެމްޕިއަނުންނަށެވެ.