ބުރާސްފަތި ދުވަހު ބޮރޫސިއާ ޑޯޓްމަންޑް އަތުން އެއްވަރުވެ ލިވަޕޫލް ސްޓޯކް އާ ދެކޮޅަށް ނިކުމެ އެމީހުން ބަލިކޮށްފި އެވެ.
1-4 ގެ ބޮޑު ނަތީޖާ އަކުން ލިވަޕޫލް ސްޓޯކް ލަދުގަންނަވާލައިފައިވާއިރު މިދިޔަ ސީޒަނުގެ މިހާ ހިސާބުގައި ސްޓޯކް ވަނީ 0-5 ގެ ނަތީޖާ އަކުން ލިވަޕޫލް ލަދުގަންނަވާލައިފައެވެ.
ޔާރގަން ކްލޮޕް ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލް ވަނީ ބަލި ޓީމަކުން ގޮތް ނޭނގޭ ޓީމަކަށް އޭނާގެ އިރުޝާދުގައި ބަދަލުވެފައެވެ. ބައެއް މެޗުތަކުން ހީނުކުރާ ގޮތަށް ބަލިވެފައިވީ ނަމަވެސް ހީނުކުރާހާ ބޮޑު ނަތީޖާ އަކުން މޮޅުވަމުން އަންނަ މެޗުތައްވެސް ވަނީ އިތުރުވެފައެވެ.
ރޭގެ މެޗުގެ ވަރަށް ކުރީ ކޮޅުގައި ލިވަޕޫލް އިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި އަލްބާޓޯ މޮރީނޯ ވަނީ ގޯލު ޖަހާފައެވެ.
ނަމަވެސް ސްޓޯކް އިން ވަނީ 22 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މިގޯލު ޖަހާފައިވަނީ ބޯޔާން އެވެ. ދިހަ މިނެޓު ފަހުން ލިވަޕޫލް އަނެއްކާވެސް ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިފަހަރު ގޯލު ޖަހާފައިވަނީ އިނގިރޭސިވިލާތުގެ ފޯވާޑް ޑެނިއަލް ސްޓަރިޖްއެވެ.
ފުރަތަމަ ހާފު 1-2 ގެ ނަތީޖާ އަކުން ލިވަޕޫލް ކުރީގައި އޮވެ ނިމިފައިވާއިރު ދެވަނަ ހާފުގައި ކުރިއަށް ވުރެ ރަނގަޅު ކުޅުމެއް ލިވަޕޫލްގެ ފަރާތުން ފެނިފައިވާކަން ފާހަގަ ކުރެވެއެވެ.
ނަތީޖާއެއްގެ ގޮތުން 50 ވަނަ މިނެޓުގައި ޑިވޮކް އޮރީގީ ވަނީ ތިންވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. 65 ވަނަ މިނެޓުގައި މެޗުގެ ފަހު ގޯލުވެސް ޖަހާފައިވަނީ އޮރިގީއެވެ.
މިމޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ 8 ވަނައިގައި 48 ޕޮއިންޓާއެކު އެއް ޕޮއިންޓުގެ ތަފާތުން ސްޓޯކް ސިޓީއަށް ވުރެ ކުރިއަށް ޖެހިލައިފައެވެ.
50 ޕޮއިންޓާއެކު 7 ވަނައިގައި އޮތީ ސައުތްހެމްޕްޓަންއެވެ.