އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގުގެ ފަހު 14 މެޗުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ސްޕާސް ޔުނައިޓެޑް ގެ މައްޗަށް ކުރިހޯދާފައިވަނީ ހަ މިނެޓު ތެރޭގައި 3 ގޯލް ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު ސްޕާސް އިން މެޗުގައި ޖެހި 3 ލަނޑު ވެސް ޖެހީ މެޗުގެ 70 މިނެޓުގެ ކުޅުން ނިމިގެންގޮސްފައިވާ އިރު އެވެ.
ހަތްދިހަ ވަނަ މިނެޓުގައި ޑެލީ އަލީ ފުރަތަމަ ގޯލު ޖަހާފައިވާ އިރު ހަތަރު މިނެޓު ފަހުން އަލްޑަވީލްޑް ވަނީ މެޗުގެ ނަތީޖާ 0-2 އަށް ހަދައިފަ އެވެ. ލަމެލާ ތިންވަނަ ގޯލު ޖަހާފައި ވަނީ ދެ މިނެޓް ފަހުންނެވެ.
މި މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ގެ މެނޭޖަރު ކުޅުންތެރިންގެ އަސްލު ޕޮޒިޝަން ނޫން ތަންތަނުގައި ކުޅުވާފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން ވިންގުގައި ކުޅުމަށް ފަރިތަ އޭޝްލީ ޔަންގު ފޯވާޑްގައި ކުޅުމަށް އެރުވުމާއި ޖެސީ ލިންގާޑް މެދަށް ޖައްސާފައި މެދުގައި ކުޅޭ މަޓާ ވިންގަށް ލާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ނަމަވެސް ވެން ގާލްގެ މި ބަދަލުތަކުން އެއްވެސް ރަނގަޅު އަސަރެއް މެޗަށް އައިސްފައި ނުވާ އިރު އޭގެ ސަބަބުން ޓީމުގެ ކުޅުން އިތުރަށް ވަނީ ގޯސްވެފަ އެވެ.
މި ބައްޔާ އެކު އަނެއްކާ ވެސް ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބުމުގެ ފުރުސަތު ވަނީ އިންތިހާ އަށް ހަނިވެފަ އެވެ.
ނަމަވެސް ޓޮޓެންހަަމަށް ވަނީ ތަށި ނެގުމުގެ ކުޑަ ފުރުސަތެއް ތަނަވެސްވެފަ އެވެ. އެކަމަކު އެއީ ހަމައެކަނި އަންނަ މެޗްތަކުން ލެސްޓާ ބަލިވެ، ޓޮޓެންހަމް މޮޅުވެއްޖެ ނަމަ އެވެ.