މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމް ސިންގަޕޫރުން އިނގިރޭސިވިލާތަށް ދިޔަގޮތް ސާފުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިމިގްރޭޝަނުގައި އެދިއްޖެއެވެ.
ނާޒިމް ބޭސް ފަރުވާ އަށް ސިންގަޕޫރަށް ފޮނުވާފައި ވަނިކޮށް، ސިންގަޕޫރު ދޫކޮށް ފުރާވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަމުގެ ހަޤީޤަތް އޮޅުން ފިލުވުމަށް ކަރެކްޝަންސް އިން އިމިގްރޭޝަން ގައި އެދިފައިވަނީ ސިޓީއަކުން ކަމަށް އައްޑޫ ލައިވް އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ސޮއިކުރައްވައި މޯލްޑިވްސް އިމިގްރޭޝަން އަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ، ކަރެކްޝަންސް އިން ނާޒިމް އަށް ހުއްދަދީފައިވަނީ ޓްރެވެލް ޑޮކިއުމެންޓްގައި ހަމައެކަނި ސިންގަޕޫރަށް ބޭސްފަރުވާއަށް ދިއުމަށް ކަމަށެވެ.
ނަމަވެސް ނާޒިމް ސިންގަޕޫރުން އިނގިރޭސިވިލާތަށް މިހާރު ގޮސްފައިވާކަމުގެ މައުލޫމާތު އެސާވިސް އަށް ލިބިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އިމިގްރޭޝަނުން ނާޒިމް އަށް ސިންގަޕޫރުން އިނގިރޭސިވިލާތަށް ދިއުމަށް އެއްވެސް ހުއްދައެއް ދީފައިވޭތޯ ސާފުކޮށްދިނުމަށް ސިޓީގައި އެދިފައިވެއެވެ.
މީގެއިތުރުން އެފަދަ ހުއްދައެއް ދެއްވާފައިވާނަމަ އެކަން ހިނގާފައިވާ ގޮތް ވީ އެންމެ އަވަހަކަށް ކަރެކްޝަންސް އަށް ސާފުކޮށްދިނުމަށްވެސް ސިޓީގައި އެދިފައިވެއެވެ.
ނަން ހާމަނުކުރުމަށް ޝަރުޠުކޮށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައްޔިތިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަށް ޓްރެވަލް ޑޮކިއުމެންޓް އެއް ކަރެކްޝަންސްގެ ހަވާލުގައި ދޫކުރީ އެފަރާތަށް ދައުލަތުން ކުރިން ހަދާދީފައިވާ އެންމެހާ ޕާސްޕޯޓުތައް އިމިގްރޭޝަންސްގެ ފަރާތުން އަތުލުމަށް ފަހުގައެވެ.
މިގޮތުން ނާޒިމް އަށް ކުރިން ދޫކޮށްފައިވާ 1 އާދައިގެ ޕާސްޕޯޓާއި، 2 ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަންސް އިން ވަނީ އަތުލާފައެވެ.
ކަރެކްޝަންސް އިން ފޮނުވި ސިޓީއާއި ގުޅިގެން އެޕާސްޕޯޓް ތައް ރައްކާތެރިކަމާއިއެކު އިމިގްރޭޝަންސްގެ ބެލުމުގެ ދަށުގައި ހުރި ކަމުގެ ޔަޤީންކަން އިމިގްރޭޝަންސް އިން ވަނީ ކަރެކްޝަންސް އަށް މިހާރުދީފައެވެ. އަދި ނާޒިމް އަށް އިތުރު އެހެން ޕާސްޕޯޓެއް ހަދާދީފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީން ކަންވެސް އިމިގްރޭޝަންސް އިން ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން ސަރުކާރުން މިހާރު ބަލަމުން ދަނީ އަހްމަދް ނާޒިމް ސިންގަޕޫރު ދޫކުރައްވާ ފުރާވަޑައިގަތީ ކޮންގޮތަކަށް ، ކޮން ޤައުމެއްގެ ޕާސްޕޯޓެއް ބޭނުން ކޮށްގެންތޯއެވެ.
އަހްމަދް ނާޒިމަކީ 16 އަހަރު ދުވަހު މަޖިލީހުގެ މެމްބަރުކަން ކުރައްވާ، މަޖިލީހުގެ ނާއިބު ރައީސް ކަންވެސް ކުރައްވާފައިވާ ފަރާތެއްގެ އިތުރުން ، ބައެއް ވިޔަފާރިވެސް ކުރައްވާ ބޭފުޅެއްކަށް ވާތީ ، ނާޒިމް އަތުގައި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮތުމަކީވެސްް އެކަށީގެން ވާ ކަމެއް ކަމަށް ވެއެވެ.
މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް ކުއްލިގޮތަކަށް ވަޑައިގެންފައި މިވަނީ ސިންގަޕޫރުގައި ރައީސް ޔާމީން އާ އެކު ސިއްރު ބައްދަލުވުންތަކެއް ބޭއްވި ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އަދި ސަރުކާރުގެ އިސްވެރިންގެ އެއްބާރުލުން ނުލިބި ނާޒިމް އަށް ފުރައިގެން ނުދެވޭނެކަމަށް އިދިކޮޅުފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
އައްޑޫ ލައިވް އަށް މައުލޫމާތު ލިބިފައިވާގޮތުން ނާޒިމް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގައި ސަރުކާރުގެ ބަައެއް އިސްވެރިންގެ އަތެއްވާކަމަށް ތުހުމަތުކޮށް އެބޭޅުންގެ ތެރޭގައި ވަރަށް ބޮޑަށް ދެބަސްވުން އުފެދިފައިވެއެވެ.