އިމިގްރޭޝަނުން ގިނަ އަދަދެއްގެ ފާއިސާ ގެއްލުނު މައްސަލައެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށައިފި އެވެ.
އައްޑޫ ލައިވް އަށް މައުލޫމާތު ލިބިފައިވާގޮތުން ގެއްލިފައިވާ ފާއިސާގެ އަދަދު ގާތްގަނޑަކަށް 8 މިލިއަން ރުފިޔާއަށް އަރާނެއެވެ.
މިމައްސަލައިގެ ތަހުގީގަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިމަހު 9 ވަނަ ދުވަހު އިމިގްރޭޝަންގެ އޮފީސް އިމާރާތް ބަލާފާސްކޮށް ބައެއް ލިޔެކިއުންތައް ގެންގޮސްފައިވާކަން އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވަނީ އައްޑޫ ލައިވް އަށް ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް އިމިގްރޭޝަންގެ މުވައްޒަފަކުވެސް ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައެވެ. އަދި ކޯޓުންވަނީ އޭނާ ބަންދުގައި ބައިންދައިގެން ތަހުގީގުކުރުމަށް 10 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.
މައުލޫމާތު ލިބިފައިވާގޮތުން ތަހުގީގަށް ބަންދުކޮށްފައިވަނީ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމުގައި ، ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ ވަރަށް ގާތް މުވައްޒަފެކެވެ. އަދި އަލްގީނުގެ އަތެއް މިކަމުގައި ހިމެނޭކަމަށް ޝައްކު ކުރެވޭތީ މިކަން ކަމާބެހޭ ވުޒާރާތަކުން ވަނީ ސިއްރުކޮށްފައެވެ.
ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ބުނެ އަލްގީންގެ މައްޗަށް ދައުލަތުން ވަނީ ކުރިންވެސް ދައުވާ އުފުލާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަލްގީންގެ މައްޗަށް ސާބިތުނުވާކަމަށް ނިންމާފައެވެ.
އަދި ހިޔާނާތުގެ ދައުވާ އަލްގީންގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އެއްވެސް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް ފަހުން އިސްތިއުނާފް މަރުހަލާގައި ހައިކޯޓުންވެސް ވަނީ ހުކުމް ކޮށްފަ އެވެ.
އިދިކޮޅު ސިޔާސީ ގިނަ ލީޑަރުންގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑީޔާރު ސުޖާއު އުސްމާން އިސްފަނޑިޔާރުކަން ކުރެއްވި އެ މައްސަލަ ބެއްލެވި ހައިކޯޓު ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.