ވޭތުވެ ދިޔަ މަސްތަކުގައި ކަރަންޓު ބިލް އަގު ބޮޑުވެފައިވުމާއި ގުޅިގެން މިމަހު ކުރީކޮޅު އެތައް ރަށެއްގައި ރައްޔިތުން މިވަނީ މުޒާހަރާކޮށްފައެވެ. ނަމަވެސް އެކަން ދެނަހުރި އަދި އަޑު އިވުނު ބަޔަކު ތިބިހެނެއް ހީއެއް ނުވެ އެވެ. ހަަމަ ޔަގީނުން ވެސް ސަރުކާރަށް އެ އަޑު އިވު ކަމަކަށް ނުވެ އެވެ.
ސަރުކާރުގެ ވެރިންގެ ތެރެއިން އެއްބަޔަކު މަޝްއޫލްވެގެން އުޅުއްވަނީ ވަރުވަރުގެ މަހާސިންތާތައް ބޭއްވުމުގައެވެ. އަނެއްބައި ވަޒީރުން އަދިވެސް އަވަދިނެތި އުޅުއްވާތަން ފެންނަނީ ރަށްރަށުގެ ބިލްތައް އިތުރަށް ބޮޑުވެގެންދާނެ ވާހަކަ ހަނދުމަކޮށްދިނުމުގައެވެ.
ކަރަންޓް ބިލް ބޮޑުވެގެން މިމަހު ކުރީކޮޅު މުޒާހަރާކޮށްފައިވާ ރަށްތަކުގެ ތެރޭގައި މާލެއަތޮޅު ހިންމަފުއްޓާއި ، ތުލުސްދޫ، ކާށިދޫ ، ދިއްފުށި އަދި ގުރައިދޫ ހިމެނެއެވެ.
މި ރަށްރަށުގެ ރައްޔިތުން މުޒާހަރާކޮށް ޝުޢޫރުފާޅުކޮށްފައިވަނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައެއްނޫނެވެ. ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ކައުންސިލްތަކަށް ފުރަތަމަ ހުށަހެޅިއެވެ. ކައުންސިލްތަކުން ސަރުކާރުގެ އެހެން މުއައްސަސާތަކާ ގުޅިގެން އެކަމަށް ހައްލެއް ގެނެވޭތޯ މަސައްކަތްވެސް ކޮށްފައިވެއެވެ. ނަމަވެސް ހައްލެއް ނުލިބުނެވެ. ދެން ރައްޔިތުން ނިކުތީ އަޑު އުފުލާ ވެރިންގެ ކަންފަތާ ހަމައަށް އަޑުއިއްވުމަށެވެ.
ރައްޔިތުންގެ ޝަކުވާތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ކަރަންޓު ފޯރުކޮށްދޭ ފަރާތްތަކަށް ގުޅުމުން ދީފައިވަނީ ވަރަށްވެސް ރުންކުރު ޖަވާބެކެވެ. އެބޭފުޅުން ވިދާޅުވީ ކަރަންޓު ބިލަކީ އެ ބޭނުން ކުރާ ނިސްބަތަކުން ނޫނީ ބޮޑު ނުވާނެ އެއްޗެއް ކަމަށެވެ.
ނަމަވެސް އެ ބޭފުޅުން ހަނދާނުން ކައްސާލި ތަންކޮޅަކީ ސަރުކާރުން ކަރަންޓުގެ އަގަށް ބަދަލު ގެނައުމުންވެސް ބިލް ބޮޑުވާނެކަމެވެ. ރައްޔިތުންގެ ޝަކުވާއަކީ ބޭނުންކުރާ ނިސްބަތުން ބިލަށް އަރާވަރެއް ނޫނެވެ. ކަރަންޓްގެ އަގަށް ސަރުކާރުން ބަދަލު ގެނައުމާއި ގުޅިގެން ދައްކަންޖެހޭ ބިލް ބޮޑުވުމެވެ.
ކަރަންޓު ބިލް ބޮޑުވާ މައްސަލައަށް ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް މެދުވެރިކޮށް ހައްލު ހޯދުމަށް އެދާއިރާގެ ރައްޔިތުން މަސައްކަތް ކުރުމުން އެބޭފުޅާވެސް ވިދާޅުވީ އެކަމާ މަޝްވަރާ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ފަހަރުގައި އެދާއިރާގެ އިންޖީނުގެތަކަށް ތެޔޮ ފޯރުކޮށްދެނީ އެ މެމްބަރުގެ ހިއްސާއޮންނަ ކުންފުންޏަކުން ކަމަށްވުމީވެސް އެހެން ވިދާޅުވާން ޖެހުނު އެއް ސަބަބު ކަމަށްވެސް ވެދާނެއެވެ.
ސަރުކާރުން ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މި ރަށްރަށުގެ ކަރަންޓުގެ އަގު ވަރަށް ބޮޑުތަން ކުރިއަށް ވުރެ ބޮޑުވެފައި ވާކަމަށް އެރަށްރަށުން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ބައެއް ގޭގޭގެ ކަރަންޓް ބިލަށް 7000 ރުފިޔާ އާއި 9000 ރުފިޔާވެސް އަރާފައި ހުރިކަމަށްވެއެވެ. މިއަދަދުތަކަކީ އެތައް ޑީފްރީޒަރުތަކާއެކު ހިންގާ މާލޭގެ ބޮޑެތި ފިހާރަތަކަށްވެސް ނާރާވަރެވެ. އެހެންކަމުން ރާއްޖެތެރޭ ރަށެއްގެ އާދައިގެ ގެއެއްގެ ކަރަންޓް ބިލަށް 9000 ރުފިޔާ ދައްކަން ޖެހުމުން އެގޭގެ މީހުން ހިތަށް ވަރަށްވެސް އަސަރު ކުރާނެއެވެ. މިކަން ބޮޑު މުސާރަ ނަންގަވައިގެން މާލޭގައި އަގުހެޔޮ ކަރަންޓް ބިލްތައް ދައްކަވާ ސަރުކާރުގެ ވެރިންނަކަށް އިހުސާސް ނުކުރެވޭނެއެވެ.
މި ރަށްރަށުގެ ރައްޔިތުން މިހާރު ޑިމާންޑު ކުރަމުން ދަނީ ރާއްޖެތެރެ އާއި މާލޭގެ ކަރަންޓު ބިލްގެ ތަފާތު ކުރުން ނައްތާލުމަށެވެ. މިކަމުގައި ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުން ތިބީ ވަރަށްވެސް ބަދަހިކޮށް ކަމަށް ފެނެއެވެ.
ރާއްޖޭގައި އަބަދުވެސް ކަރަންޓުގެ އަގު އަތޮޅުތަކަށް ކަނޑައެޅިފައި އޮންނަނީ މާލެއަށް ވުރެ ބޮޑު ރޭޓެއްގައެވެ. މިއީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ މުޒާހަރާގެ ބައިވެރިން މިކަމާ ގުޅިގެންވެސް ޝުޢޫރު ފާޅުކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން ވަރަށްގިނަ ރަށްރަށުގެ ކައުންސިލް އިދާރާއިންވަނީ ރައްޔިތުން ކަރަންޓް ބިލް ނުދެއްކުމަށްވެސް އަންގަވާފައެވެ.
މިގޮތުން ގުރައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނެގައި ވަނީ ކަރަންޓް ބިލްތަކަށް އަރާފައިވާ އަގު ބޮޑުވެފައިވާތީ ، އެކަމާއި ގުޅިގެން ކަމާބެހޭ ވުޒާރާތަކަށް އެ ކައުންސިލުން ފޮނުވާފައިވާ ސިޓީތަކާއި ގުޅިގެން އެފަރާތްތަކުން އަންގާފައިވަނީ މައްސަލަ ދިރާސާ ކުރަމުންދާކަމަށެވެ. އެހެންކަމުން އެފަރާތްތަކުން ވަކި އެއްޗެއް އަންގަންދެން އެއްވެސް ފަރާތަކުން ކަރަންޓް ބިލް ނުދެއްކުމަށް އިއުލާނުގައި ކައުންސިލް އިދާރާގެ ފަރާތުން އެދިފައިވެއެވެ.