ދީނީ ފަތުވާ ދިނުމަށް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.
އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމެވެ.
އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.
އެގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސް އެވެ.
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އެކުލަވާލަން ވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ދެ މެމްބަރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރަކު ހިމަނައިގެންނެވެ.
ބިލުގައިވާ ގޮތުން ދިވެހިންގެ މެދުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ނައްތާލައި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާތައް ބާއްވަން ވާނެ ކަމަށެވެ.
ފަތުވާދޭ މަޖިލީހުގެ ލަފައަށް އެދުމުގައި އަމަލު ކުރަންވީ ގޮތާއި ޝާއިއު ކުރާ ފަތުވާތަކުގައި ފުރިހަމަ ވާން ޖެހޭ ސިފަތަކާއި ޝަރުތުތައް ބަޔާންކޮށް، މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ރާވާނެ ގޮތް ބަޔާން ކުރާ ގަވާއިދުތައް ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ.