އެއް ދާއިރާއްގައި މެދުކެނޑުމެއް ނެތި 30 ވަރަަކަށް އަހަރު މީހަކު މަސައްކަތް ކުރުމަކީ އެ ދާއިރާއަކަށް އެ މީހެއްގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ދައުުވައި ދޭނެ ކަމެއްކަން ޔަގީނެވެ.
މަރަދޫ ސިއްހީ މަރުކަޒުގައި ޕަބްލިކް ހެލްތު އޮފިސަރެއްގެ މަގާމު މިހާރު ވެސް އަދާ ކުރަމުން އަންނަ އެ އަވަށު ފެންފޯއްމާގޭ އައިޝަތު ރަޝީދާ، 48، އަކީ އޭގެ މިސާލެކެވެ.
ޕަބްލިކް ހެލްތު ދާއިރާ އަށް އެންމެ އުމުރުން 15 އަހަރުގައި ނިކުތް ރަޝީދާއަކީ މެދުކެނޑުމެއް ނެތި، ދެ ގޮތެއް ނުވެ އެ ދާއިރާގެ ހީވާގިކަމާ އެކު މަސައްކަތް ކުރަމުން އަންނަ ކަނބަލެކެވެ.
އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަަސައްކަތް ކުރާ ކޮމިޓީން އަންހެން ކަނބަލުންގެ މަސައްކަތުގެ އަގު ވަޒަންކޮށް. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން "އައްޑޫ ކަނބައިދިން އެވޯޑް" ގައި ރަޝީދާއަކީ ސިއްހީ ދާއިރާ އިން އެވޯޑް އުފުލާލި ފަހުރުވެރި އަންހެނާ އެވެ.
އެ އެވޯޑާ އެކު މަސައްކަތުގައި ދެމި ހުރުމަށް އޭނާ އަށް އިތުރު ހިތްވަރެއް ވެސް ވަނީ ލިބިގެން ގޮސްފަ އެެވެ.
އެހެންވެ ރަޝީދާގެ ހިދުމަތުން މަރަދޫ ރައްޔިތުން ކައިރި މުސްތަގުބަލެއްގައި ވެސް މަހުރޫމެއް ނުވާނެ އެވެ.
އޭނާ ހުރީ ހިދުމަތުގައި، މުރާލިކަމާ އެކު ކުރިއަށް ދާން އަޒުމް ކަނޑައަަޅައިގެންނެވެ.
"އެވޯޑް ލިބުނީމަ ވަރަށް އުފާވި. ކުރާ މަސައްކަތުގެ އަގު ކޮންމެވެސް ސިފައެއްގައި ވަޒަން ކުރެވިގެން ދިއުމަކީ އާ ހިތްވަރެއް ލާފައި ކުރިއަށް ދާން އަޒުމް އާ ވާނެ ކަމެއް. އެހެންވެ ވަރަށް އުފާވި،" ހެޔޮއެދޭ ބަޔަކު ރަޝީދާގެ ނަން އެވޯޑަށް ހުށަހަޅައިގެން އެވޯޑް ހާސިލް ކުރެވުމުން ވަރަށް އުފާވެފައި ހުރި ފަސް ކުދިންގެ މަންމަ ބުންޏެވެ. "އަޅުގަނޑަށް އެވޯޑް ލިބުނީ މި ދާއިރާގައި ތިބި ވަރަށް އިސް ބޭފުޅުން ވެސް އަމިއްލަ ގޮތުން މެސެޖް ކުރައްވައި ހިތްވަރު ދެއްވި. އެއީ އަދި ވަކިން ބޮޑަށް އުފާވި ކަމެއް."
މަރަދޫ ސިއްހީ މަރުކަޒުގައި "އައްޑޫ ލައިވް" އަށް ދިން އިންޓަވިއުއެއްގައި ރަޝީދާ ބުނީ ކޮމިޓީން ލިބުނު އެވޯޑަށް ފަހު، ގައުމީ ފެންވަރުގެ އެވޯޑަކަށް ވެސް މިހާރު އުންމީދު ކުރެވޭ ކަމަށެވެ.
"އުންމީދު ކުރަން ކުރިއަށް އޮތް ތަނުގައި އެފަދަ އެވޯޑެއް ލިބޭނެ ކަމަށް،" އޭނާ ބުންޏެެ.
ރަޝީދާގެ މަސައްކަތުގެ ވާހަކަތަކަށް ޖެހިލާ އިރު، އޭނާ އަށް ސިއްހީ ދާއިރާ އަށް ވެދެވުނީ ކިޔަވަމުން ދަނިކޮށް، މަރަދޫ ރަށު އޮފީހުން ޕަބްލިކް ހެލްތު ދާއިރާ އަށް ކުދިން ނަގަން އުޅުމުގެ ތެރޭގައި އޭގައި ލައްވާލައިގެންނެވެ.
"އެ ފުރުސަތު ލިބުނީމަ މީގެ ތެރެއަށް މި ވަދެވުނީ. މަސައްކަތް އޭރު ފެށި މިގޮތަށް މިއަދާ ހަމައަށް ވެސް ހަމަ ޕަބްލިކް ހެލްތު ދާއިރާގައި މަސައްކަތް މި ކުރެވެނީ،" އެ ދާއިރާ އިން ކުރު ކޯސްތަކެއް ވެސް ހަދާފައިވާ ރަޝީދާ ބުންޏެވެ.
އޭނާ ބުނީ އެ މަސައްކަތަކީ ވަރަށް ފޯރި އާއި ޖޯޝާ އެކު ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
މަސައްކަތް ފެށި ޒަމާނުގައި ބޮޑެތި ދަތިތަކެއް ހުއްޓަސް، ޒަމާނަށް އައި ބަދަލާ އެކު މަސައްކަތަށް މިހާރު ވަރަށް ބޮޑު ލުއެއް ލިބިފައިވާ ކަމަަށް ރަޝީދާ ބުންޏެވެ.
"އަޅުނޑުމެން މަސައްކަތް ފެށި ދުވަސްވަރު މަސައްކަތް ކުރާނެ އެކަށީގެންވާ ތަނެއް، ވަސީލަތެއް ވެސް ނެތް. މިހާރާ އަޅާ ކިޔައިފިއްޔާ މި ޒަމާނުގެ ކުއްޖަކަށް އިހުސާސް ވެސް ނުކުރެވޭހާ ހާލުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ،" އޭނާ ބުންޏެވެ. "އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރާ މަރަދޫ ސިއްހީ މަރުކަޒަކީ ވެސް ދެހާސް އަށެއްގައި ހުޅުވި ތަނެއް. އޭގެ ކުރިން ވަރަށް ދަތިކޮށް މަސައްކަތް ކުރީ."
އެހެން ނަމަވެސް ބަލިތަކަށް އާންމުން ހޭލުންތެރި ކުރުވަން މައުލޫމާތު ފޯރުކޮށް ދިނުމާއި ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމާއި އާންމު ބަލިތަކާ ބެހޭ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގޮސްފައި ވަނީ ވަރުބަލި ކަމެއް ނެތި އެވެ.
މީގެ އިތުރުން އޮޑި ދޯނިފަހަރާއި ކެފޭ/ރެސްޓޯރަންޓްތަކުގައި ކުރިއަށް ގެންދާ އިންސްޕެކްޝަންތަކަކީ ރަޝީދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންމަކެމެވެ.
އަދި ބައްޔެއް ފެތުރޭ ދުވަސްވަރެއް ނަމަ، އެ ބައްޔަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ބަލި މީހުންނަށް އެހީތެރިވުމަކީ އެންމެ ބޮޑު އެއް މަސައްކަތެވެ.
"އެންމެ އުފާވާ ކަމަކީ ހުރި ހުރަސްތަކާ އެކު ވެސް މިހާ ހިސާބަށް މިއަދު އާދެވިފައިވާތީ،" އަބަދު ވެސް ފިރިމީހާ އާއި އަމިއްލަ އާއިލާގެ އެހީތެރިކަން ލިބޭކަން ފާހަގަ ކުރަމުން ރަޝީދާ ބުންޏެވެ. "ހަމަ އެެއާ އެކު އެކުގައި މަސައްކަތް ކުރާ ކުދިންނަކީ ވެސް ވަރަށް ހިތްވަރުދޭ ވަރަށް އެހީތެރިވެދޭ ކުދިން."
ޕަބްލިކް ހެލްތު ދާއިރާ އަށް މިހާރު މުޅިން ހުސްވެގެން ހުރި ނަމަވެސް، އެކި މަރުހަލާތަކުގައި ތަފާތު މަސައްކަތުގެ ތެރޭގައި ވެސް ރަޝީދާ އަށް އުޅެން ޖެހުނެވެ.
އެގޮތުން ޕަބްލިކް ހެލްތު ދާއިރާ ރަށު އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ދުވަސްވަރު، މަރަދޫ ސްކޫލްގައި މުދައްރިސެއްގެ ޒިންމާ ވެސް ނަގަން ޖެހުނެވެ. ހަމަ އާ އެކު އާއިލީ ވިޔަފާރި ތެރޭގައި ވެސް ދުވަސްތަކެއް ވަންދެން ރަޝީދާ އުޅުނެވެ.
ކުދިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުމުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އުޅެން ޖެހުނު،" މެޖިސްޓްރޭޓް އަލީ ހާޝިމްގެ އަންހެނުން ރަޝީދާ ބުންޏެވެ. "ވިޔަފާރި ތެރޭގައި ވެސް ކުރިން އުޅެން ލިބުނު. އެކަމަކު ފިހާރަ ހިންގަމުން ދިޔަ ތަން ބަދަލުވީމަ އެކަމުގެ ތެރޭގައި އުޅޭކަށް ފުރުސަތެއް ނުލިބޭ."
ސިއްހީ ދާއިރާގައި އެހާ ގިނަ ދުވަހު އުޅެން ޖެހުމުން އުފެދުނު ލޯތްބާ އެކު، ރަޝީދާގެ ކޮންމެވެސް ދަރިއަކު ސިއްހީ ދާއިރާ އިން ކުރިއަށް ދިއުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ.
އޭނާގެ ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކު މިހާރު ތިބީ މެލޭޝިއާގަ އެެވެ.
"ރާއްޖޭން ބޭރުގައި ދެ ކުއްޖަކު އެބަ ކިޔަވާ. އެކަމަކު ސިއްހީ ދާއިރާއަކުން ނޫން. އަޅުގަނޑު ވަރަށް ބޭނުން ކޮންމެވެސް ކުއްޖަކު ސިއްހީ ދާއިރާ އިން މިސާލަކަށް ޑޮކްޓަރަކަށްވާ ތަން ދެކެން. ބައެއް ފަހަރު ބައެއް ކުދިން ބުނާނެ ތިމަންނަ ޑޮކްޓަރަކަށޭ ވާނީ،" ދަރިންނާ އެކު ގާތް ރައްޓެހިންނާ ބާއްވާ ކަހަަލަ ގުުުޅުމެއް އަބަދު ވެސް ބާއްވަން ލޯބި ކުރާ ރަޝީދާ ބުންޏެވެ.
އޭނާ އަދި ބުނީ އުމުރުން 55 އަހަރުވެގެން މަސައްކަތުން ރަސްމީކޮށް ދުރަށް ދާން ޖެހުނު ނަމަވެސް، ދަސްވެފައި ހުރި އެއްޗަކާއި އޭނާގެ ފަރާތުން ހިދުމަތަށް ބޭނުންވާ މީހުންނަށް ކޮންމެވެސް ގޮތެއް ހޯދައި ދިނުުމުގެ ހިޔާލެއް ވެސް ގެންގުޅޭ ކަމަށެވެ.
"ހިތަށް އަރަނީ މަސައްކަތުން ރިޓަޔާ ކުރަން ޖެހުނަސް، އަޅުގަނޑަށް އެނގިފައި ހުރި އެއްޗެއްގެ ބޭނުން ހިފައިގެން ބަޔަކަށް ހިދުމަތް ދިނުމުގައި ދެމި ހުންނާނަމޭ،" ރަޝީދާ ބުންޏެވެ.