ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އައްޔަން ކުރި ފަނޑިޔާރުންގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ދަށްކޮށް މާކްސް ލިބުނު ފަރާތްތައް ވެސް ހިމެނިއްޖެ އެވެ.
ޖޭއެސްސީއިން ކްރިމިނަލް ކޯޓަށް އައްޔަންކުރަން ނިންމާފައިވާ ދަފްތަރު ނަންބަރު 3087 އަލްއުސްތާޒު އަލީ އާދަމަކީ އައްޔަންކު ރެވުނު ފަނޑިޔާރުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތެވެ.
ނަމަވެސް އަލީ އާދަމް އަކީވެސް ޖުމްލަ މާކްސް އަށް ބަލާއިރު އިންޓަވިއު ކުރެވުނު ފަރާތްތަކަށް ލިބުނު މާކްސްގެ ތަރުތީބުން ހަތަރު ވަނަ އަށް އެންމެ ގިނައިން ލިބުނު ފަރާތެވެ.
އަލީ އާދަމް އަށް ލިބިފައި ވަނީ 100 އިން 76.5 މާރކްސްއެވެ. އަލީ އާދަމް އަކީ މިހާތަނަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާކަމުގެ މަޤާމުގައި ހުންނެވި ފަރާތެވެ.
ދެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނު ހއ. ކެލާ/ ދެރަހަ، އަލްއުސްތާޒު އާދަމް އާރިފަކީ އިންޓަވިއު ކުރެވުނު 26 ބޭފުޅުންގެ ތެރެއިން 11 ވަނަ ލިބުނު ފަރާތެވެ.
އާދަމް އާރިފް އަށް ލިބިފައި ވަނީ 100 އިން 65.3 މާކްސް އެވެ. އާދަމް އާރިފަކީ ކުރިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި، އަދި ގިނަ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ހިންގުނު ޝަރީޢަތްތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެކެވެ.
ޖޭއެސްސީ އިން ސިވިލްކޯޓަށް އައްޔަންކުރަން ނިންމާފައިވާ ދަފްތަރު ނަންބަރު 2560 އަލްއުސްތާޒު އާދަމް އިބްރާހީމް އިސްމާއީލް އަކީ އިންޓަވިއު ކުރެވުނު 26 ބޭފުޅުންގެ ތެރެއިން 06 ވަނަ ލިބުނު ފަރާތެވެ.
ސިވިލް ކޯޓަށް ދެން އައްޔަންކުރެވުނު ފޭދޫ ބެލޫން އަލްއުސްތާޒާ މަރިޔަމް ވަހީދަކީ އައްޔަން ކުރެވުނު ފަނޑިޔާރުންގެ ތެރެއިން ވެސް އެންމެ ދަށުން މާކްސް ލިބުނު ފަރާތެވެ.
މަރިޔަމް ވަހީދަކީ 26 ބޭފުޅުންގެ ތެރެއިން 13 ވަނައިގަ އޮތް ފަރާތެވެ. ނަމަވެސް މަރްޔަމް ވަހީދު ފަނޑިިޔާރު ކަމަށް އައްޔަންކޮށްފައިވާއިރު ، ލިބިފައިވާ ޖުމްލަ މާކްސް އަކީ 100 އިން 64.5 އެވެ.
ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ފަރާތްތަކަކުން ފަނޑިޔާރުކަމަށް ކުރިމަތިލައިގެން މަތީ މާކްސްތައް ހޯދާފައި ވަނިކޮށް ، އެ ފަރާތަތްތަކަށް މަގާމް ހަމަނުޖެހި، ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ދަށުން މާކްސް ލިބިފައިވާ ފަރާތްތަކަށް މަޤާމް ހަމަޖެހުމުން ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާ އަށް ބަލައި އަދި ހުރިހާ ގޮތަކުން ވެެެސް އެންމެ މަތިން މާކްސް ލިބިފައި ވަނީ މުޙައްްމަދު ނިޔާޒަށެވެ.
އޭނާ އަށް 100 އިން 80.4 މާރކްސް ލިބިފައިވާ އިރު ދެވަނަ އަށް އެންމެ ގިނައިން މާރކްސް ލިބިފައި ވަނީ 77.9 މާކްސް ލިބުނު ހުސެއިން އިބްރާހިމް އެވެ.
ތިން ވަނަ އަށް އެންމެ ގިނަ މާކްސް ލިބިފައި ވަނީ 77.4 މާކްސް ލިބުނު މުޙައްމަދު އިބްރާހިމަށެވެ. ނަމަވެސް މިއިން އެއްވެސް ފަރާތެއް ފަނޑިޔާރު ކަމަށް އައްޔަންކޮށްފައެއް ނުވެ އެވެ.