Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

މެމްބަރު ނާޒިމްގެ ޕާސްޕޯޓް އޮތީ އިމިގްރޭޝަނުގައި!

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެން ކަމަށް ވާހަކަތަކެއް ދެކެވުނު ނަމަވެސް އޭނާ އަށް އެ ފުރުސަތު ލިބުނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އޮތް ޕާސްޕޯޓް ދޫކުރުމުން ނޫން ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރާ ހަވާލާދީ، ވީނިއުސްގައި ރިޕޯޓްކޮށްފައި ވަނީ، ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ޓްރެވަލް ޑޮކިއުމެންޓެއްގައި ކަމަށާއި އޭނާގެ ޕާސްޕޯޓް އިމިގްރޭޝަންގައި އެބަ އޮތް ކަމަށެވެ.

ޓްރެވަލް ޑޮކިއުމަންޓަކީ ވަކި ގައުމަކަށް ވަކި ބޭނުމަކަށް ދިއުމަށް ވަގުތީ ގޮތުން އިމިގްރޭޝަނުން ދުކުރާ ލިޔުމެކެވެ.

އެ ލިޔުމުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރެއް ނުކުރެވޭނެ އެވެ.

ނަމަވެސް މިލިޔުން ލިބިގެންދާ އެމީހަކު އެތެރެވާ ގައުމުގެ ހުއްދަ އާ އެކު އަދި އެމީހަކު ދެން އެތެރެ ވާން ބޭނުންވާ ގައުމެއްގެ ހުއްދައާއި އެކު އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވިދާނެ އެވެ.

މިފަދަ ގޮތަކަށް ދަތުރު ކުރާ މީހަކު ހުއްޓުވުމަށް އިމިގްރޭޝަނަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޯންނާނެ އެެވެ.

medium_88273

ނާޒިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވި މައްސަލާގައި އިމިގްރޭޝަނަށް ފާޑު ކިޔުން އަމާޒުވާ ގޮތަށް ވާހަކަތަކެއް ދެކެވޭތީ، މި މައްސަލައިގެ ހަގީގަތް ސާފު ކުރުމަށް ފޮރިން މިނިސްޓްރީއާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެއެވެ.

ބޭސް ފަރުވާއަކަށް ދިން މުއްދަތު އިތުރުކޮށް ދިނުމަށް ނާޒިމްގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ދެ ފަހަރެއްގެ މަތިން އިތުރުކޮށް ދީފަ އެވެ.

ނަމަވެސް ތިން ވަނަ ފަހަރަށް އެދުމުން ކަރެކްޝަނުން ވަނީ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށް ނާޒިމަށް އަންގައިފަ އެވެ.

ކަރެކްޝަނުން އެގޮތަށް އެންގުމުން ނާޒިމްގެ ފަރާތުން ކަރެކްޝަނަށް ފޮނުވި ސިޓީއެއްގައި އޭނާގެ ބޭސްފަރުވާގެ ކަންކަން ނިމުމުން ނޫނީ ރާއްޖެއަށް އާދެވެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމް ކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ.

އެހެން ދައުވާތައް ޕީޖީ އޮފީހުން މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ.