މުއީނުއްދީނު ރަދުންގެ ރަސްކަމުގައި އެއްފަހަރަކު މާރީތިކޮށް ޒީނަތްތެރިކޮށް އީދު މިސްކިތް އާކުރައްވައިފިއެވެ. މި މަސައްކަތް ނިންމެވިތަނާ އެއްދުވަހަކު ހަވީރު އިރުއޮއްސެނިކޮށް ކޮޅުމަޑުލު ހިރިލަންދޫ ބޭބެއަކު މި މިސްކިތް ބަލަން މިތާގައި ހުއްޓައި ގަނޑުވަރުގެ މިނާ މީހުން ހަނދު ބަލާން ދަމުން މި ބޭބެޔާއި ވަރަކަށް ފޮށިއްޖެއެވެ. އެދުވަހަކީ ރޯދަޔަށް ހަނދު ބެލި ދުވަހެކެވެ.
މި ބޭބެޔާއި ދިމާލަށް މިނާ މީހުން ބުންޏެވެ. އައްދެ އައްދޭ ބޭބެ ތިޔައުޅެނީ ތިޔަކަހަލަ ތަނެއް ހަދަން ބާވައެވެ. ކިތަންމެ ވަރަކަށް ބެއްޔަސް ތިޔައީ ބޭބެޔާއި އެކަށީގެންވާ ކަމެއް ނޫނެވެ. ބަލަބަލާފައި ހިންދިރުވައިލުން ނޫން އެހެންކަމެއް ނުވާނެއެވެ. މިޒާތަކަށް ފޮށިފައި ދިޔައިރުވެސް މިބޭބެ ހަމަ އަނގައިންވެސް ނުބުނެއެވެ. އެދުވަސްވަރު ގަނޑުވަރާއި ވައިއެޅިލައި އުޅޭ މީހުންވެސް ތިބެނީ ލައްކައެކޭ ހީވެފައެވެ.
ހިރިލަންދޫ ބޭބެ އިރުކޮޅަކު މިތާގައި ހުރެފައި އެއްކަލަ މީހުން ހަނދުބަލާން ތިއްބައި އެތަނަށްގޮސް ބުނެފިއެވެ. އައްދެ އައްދޭ ތިޔަބައިމީހުން ތިޔަ އުޅެނީ ތިޔަކަހަލަ އެއްޗެއް ހަދަން ބާވައެވެ. ގަނޑުވަރުތެރެއަށް ވަދެ އުޅެވުނެއްކަމަކު ތިޔަ ހަނދަކީ ތިޔަބައިމީހުންގެ އަތް ފޯރާކަށެއް ހުރި އެއްޗެއް ނޫނެވެ. ރަދުންނަށް ވާހަކަ ދެންނެވޭ ހިސާބަށް ކައިރިވެވުނީމާ ތިޔަ އުޅެވެނީ ތިމާމެންގެ ހިތް އާސްމާނަށް އަރައިގެންނެވެ. މިބޭބެ މިޒާތަށް ފޮށިފޮށިފައި ދިޔައިރުވެސް މިބައިމީހުންނަށް ޖެހުނީ އެއްޗެއް ނުބުނެ ތިބޭށެވެ.
އެއީ މީގެ ދުއިސައްތަ އަހަރު ކުރިއެވެ. އެކަމަކު މިހާރުވެސް ގަނޑުވަރަށް ވަދެނިކުމެވެވޭ އަދި ވެރިމީހާއަށް އެހީތެރިވާން އަތްދަށަށް ލައިފައި ތިބޭ މީހުންގެ ވިސްނުމާއި ފިކުރު ހުރީ މިފަދަޔަކުންނެވެ. ސަރުކާރުން ކުރާ ކަމަކަށް މީހަކު ފާރަވެރިވެއްޖެނަމަ އެމީހަކު އެއީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ މީހެކެވެ. ސަރުކާރުން ކުރި ނުވަތަ ކުރާ ކަމަކާއި މެދު ބަހެއް ބުނެފިތަ އެމީހަކީ ރޯނު އެދުރެކެވެ. ނުވަތަ ސަރުކާރުގެ ކޮންމެވެސް މަގާމެއް ބޭނުންވެގެން އުޅޭ މީހެކެވެ. ދެކޮޅު ހޯދައި ބަލައި ކަންކަން ކުރުމާއި ވާހަކަ ދެއްކުމަކީ މިވެރިން ދަންނަ ކަމެއް ނޫނެވެ. މިވެރިން ކުފޫ ހަމަވެގެންވާ ކަމެއްވެސް ނޫނެވެ. އެހެން އެވަނީ މިވެރިންގެ ނާގާބިލްކަމާއި ތަންދޮރު ދަތުން ކުޑަކަމުންނެވެ.
ވައްކަން ކުރީމާ އެވާހަކަ ނޫސްތަކުގައި ލިޔާނެއެވެ. އެވާހަކަ ލިޔުނު ނޫސް ހުއްޓުވައިލީމާ އެއީ ތެދެއްކަން އެންމެންނަށްވެސް ޔަގީންވާނެއެވެ. މީހަކު ނިޒާމުން ގެއްލުވައިލީމާ އެވާހަކަ މީހުން ދައްކާނެއެވެ. އެވާހަކަ އަޑުއިވުމުން ފުމެ އަރަން ފަށައިފީވިއްޔާ ސިއްރުކުރަން އުޅޭކަންތައްތަކެއް އެބަހުރިކަން ޔަގީންވާނެއެވެ. ތިމާމެންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބަޔަކަށްވެފައި ޚިދުމަތްކުރުމުގެ ބަދަލުގައި ހަރާންކޯރުވާން ފެށީމާ ލިޔާ މީހުންވެސް މަޑަކުން ނުތިބޭނެއެވެ. އެފަދަ ލިޔުން ލިޔާ މީހުންނަށް ބިރުދައްކަން އުޅުމުގެ ބޭނުމެއް ނެތެވެ. ތިޔަ އުޅެވެނީ މިސްކިތުގައި ހުޅު ޖެހިމީހާ އުޅުނު ގޮތަށެވެ. ތިޔަ އުޅޭގޮތުން އިތުރަށް ބޭޒާރުވުން ފިޔަވައި އެހެންކަމެއް ނުވާނެއެވެ.