މިސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ދެ ޓީމަށް ސްޕެއިންގެ ރިއަލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީވެއްޖެ އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެ މެޗުގެ ފަހު ލެގުގައި ރިއަލް މެޑްރިޑް ޖަރުމަނުގެ ވޫލްސްބާގް 0-2 (އެގްރިގޭޓް 2-3) ގެ ނަތީޖާއަކުން ބަލިކޮށްފައިވާ އިރު މެންޗެސްޓާ ސިޓީ ވަނީ ފްރާންސުގެ ޕީއެސްޖީ 1-0 (އެގްރިގޭޓް 2-3) ގެ ނަތީޖާއަކުން މައްޗަށް ކުރި ހޯދައިފަ އެވެ.
ރިއަލް މެޑްރިޑް އަދި ވޫލްސްބާގް ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލު ފުރަތަމަ ހާފުގެ 16 އަދި 17 ވަނަ މިނެޓުގައި ޖަހައި ދީފައި ވަނީ ކްރިސްޓިއާނޯ އެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ތިން ވަނަ ގޯލުވެސް ޖެހީ ކްރިސްޓިއާނޯ އެވެ.
މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ހަދާފައިވާ ތިންވަނަ ހެޓްރިކެވެ. އަދި މިއާ އެކު ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ މަގާމަށް ބާސާގެ މެސީއާ އެކު ރޮނާލްޑޯ ވެސް ވަނީ ފަސް ހެޓްރިކާ އެކު އަރައިފަ އެެވެ.
ރޭ މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފު ނިމިފައި ވަނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
ނަަމަވެސް ސިޓީގެ އެގުއޭރޯ ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލުމަށް ނާކާމިޔާބުވެފަ އެވެ.
މެޗުގެ ހަމައެކަނި ގޯލު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވަނީ ޒުވާން ކުޅުންތެރިޔާ ކެވިން ޑިބްރުއޭނާ އެވެ.
މި ސީޒަނުގައި ސިޓީއިން އެންމެ އެދެވޭ ކުޅުމެއް ދައްކަމުން އަންނަ ޑިބްރުއޭނާ ހުރީ މިސީޒަނުގެ ޗެމްޕިއަންސް ލީގް ސިޓީ އަށް ނަގައި ދިނުމަށް އޭނާ އަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ސަޕޯޓަރުންނަށް ވައުދުވެފަ އެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ބެޔާން މިއުނިކް އަދި ބެންފީކާ އާއި ބާސާ އެތްލެޓިކޯ ބައްދަލު ކުރާ މެޗުގެ ދެވަނަ ލެގު މިރޭ ކުޅޭނެ އެވެ.
ފުރަތަމަ ލެގުގެ ނަތީޖާ އަށް ބަލާ އިރު ކުރީގައި ވަނީ ކުޑަ ތަފާތަކުން ބާސާ އަދި ބެޔާން އެވެ.
މި ދެ މެޗް ވެސް ކުޅޭނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.