އައްޑޫގެ ތާރީހީ އާސާރީ ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމަކީ މިހާރު އައްޑޫ ސިޓީ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ދާދި ފަހުން ވަނީ އައްޑޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް، ރައްކާތެރި ކުރުމ ބެހޭ ގޮތުން ހެރިޓޭޖް ޑިޕާޓްމަންޓާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި އައްޑޫގެ އާސާރީ ތަންތަން ހިމާޔަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އާސާރީ ތަންތަން ބެލެހެއްޓުން ކައުންސިލްގެ މަސްއޫލިއްޔަތުގެ ދަށަށް ބަދަލުވުމާ ގުޅިގެން ކައުންސިލް އިދާރާގެ ޓީމެއް މި ހަފުތާގެ ކުރީކޮޅު ވަނީ އައްޑޫގެ އެންމެ ތާރީހީ ރަށުގެ ގޮތުގައި ފާހަގަ ކުރެވޭ މީދު އަށް ޒިޔާރަތްކޮށް އެ ރަށުގައި ހުރި އާސާރީ ތަންތަނާ ބެހޭ މައުލޫމާތު ވެސް އެއްކޮށްފަ އެވެ.
އެގޮތުން ކޯގަންނު ގަބުރުސްތާނާއި އެ ރަށު ލައިބްރަރީ މިހާރު ހިންގަމުން އަންނަ ކާޑުގެ އިމާރާތާ ބެހޭ މައުލޫމާތު ހޯދާފައިވެ އެެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ އެހީތެެރިކަމާ އެކު ކާޑު ގޭގައި ގާއިމުކޮށްފައިވާ ލައިބްރަރީ ހިންގުމާ ބެހޭ ގޮތުން ކައުންސިލުން ވަނީ މީދޫ ޗޭނު ޖަމިއްޔާ އާ ބައްދަލުކޮށް މަޝްވަރާ ވެސްކޮށްފައި ކަމަށް ކައުންސިލުން ބުންޏެވެ.
ލައިބްރަރީ އިތުރަށް ތަރައްގީ ކުރުމާ ބެހޭ ގޮތުން ޗޭނު ޖަމިއްޔާގެ ހިޔާލު ވެސް ކައުންސިލުން ހޯދި އެވެ.