ހައްދުންމަތީ ގަމަށް ފުރެއްދެ އޮޑިއެއް އެހެލި ދުވަހެކެވެ. ފުރެއްދެ އޮޑިއަކީ ކުރީޒަމާނުގައި ކަރަކަރައަށް ދަތުރުކޮށް އުޅޭ ބޮޑެތި އޮޑިފަހަރެވެ. މިޒާތުގެ އޮޑިފަހަރު އެހެލާ ދުވަސް ދުވަހާއި ބާލާ ދުވަސް ދުވަހު އެރަށެއްގެ ކުދި ބޮޑު އެންމެން އުޅެން ޖެހޭނީ މިމަސައްކަތުގައެވެ.
މިދުވަހު ގަމު ނެވީންގެ އަލިފުޅު މި އޮޑި އެހެލާކަށް ނާދެއެވެ. މީނާއަކީ މުލައްދަނޑީގެ ބާރާއި ވިސްނުމުގެ ބާރާއި ތަނަވަސްކަމުގެ ބާރުގެ ގޮތުން ގަމުގައި ހުރި އެންމެ ފާހަގަ ކުރެވޭ މީހާއެވެ.
އަލިފުޅު ނައިސްގެން މިކަމާ އަތޮޅުވެރިން ވަރަށް ރުޅި ދުރުވެގެން ބަލައި ފޮނުވާ ގެނެސްފައި ބުނުއްވައިފިއެވެ. ބަލަ އަލިފުޅާއޭ ކަލޭގެ މިއޮޑި އެހެލާން ނުނިކުމެ ގޭގައި ތިޔަ އޮންނަނީ ފަހެ ކިއެއްވެގެން ހެއްޔެވެ. އަލިފުޅު ދެންނެވިއެވެ. އަޅުގަޑު ވަރަށް ބޮޑަށް ހުންއައިސް ބޮލުގައި ރިއްްސައި މިޒާތުގެ ގިލަންވެރިކަމެއް ލައިގަނެގެން އުޅޭތީ ގޭގައި ހުރީއެވެ. އަތޮޅުވެރިން ބުނުއްވައިފިއެވެ. މިކަހަލަ ބަންޑާރަ މަސައްކަތުގައި ބައިވެރި ނުވުމަށް އެއްވެސް ގިލަންވެރިކަމެއް ނޯންނާނެއެވެ. ތިޔަހެން ހަދައިގެން ފަރަކު ނުޖެއްސޭނެއޭ އަވަހަށް ވަލުގައި ހިފާށެވެ.
މިއަޑު އިވުނުކަމަށް ވެސް ނުހަދައި ވަލުގައި އަތްނުލައި އަލިފުޅު ހުއްޓައި އަތޮޅުވެރިން ބުނުއްވައިގެން އޭނާ ލައްވާ އެހެން މީހުން ގަދަކަމުން ވަލުގައި ހިއްޕައިފިއެވެ. މިތަންވަޅު ވަރަށް ބާރަށް އަލިފުޅު ބުންޏެވެ. އަތޮޅުވެރި ތަކުރުފާނުގެ ބާރުގަދަކަމުން ވަލުގައި ހިއްޕައިފީމުތާއެވެ. އަޅެ މަގައިގައި ބާރެއް ހުރިއްޔާ އެބާރު މަގޭ އަތަށް އަތޮޅުވެރި ތަކުރުފާނުގެ ގަދަފަދަ ކަމުން ލައްވައި ބަލާށެވެ. އެކަން ކުރެވިއްޖެނަމަ އަތޮޅުވެރި ތަކުރުފާނަކީ ގަދަފަދަ މީހެކޭ މަވެސް ބުނާނަމެވެ.
އަތޮޅުވެރިން ބުނުއްވިއެވެ. ނާ ތިޔަވާ ދޮގެއް ނޫނެވެ. ކަލޭގެ މުލައްދަނޑީގައި ހުރި ބާރަކާއި ކަލޭގެ ވިސްނުމުގައި ހުރި ބާރެއްގެ މައްޗަށް އަހުރެންގެ އެއްވެސް އިޚުތިޔާރެއް ނެތެވެ. މިހާރު ދެން ފުދިއްޖެއެވެ. ވަލުން ދޫކޮށްލައިފައި އައިތާކަށް އަވަހަށް ފެއްސިގެން ހިގައިދާށެވެ. އަލިފުޅު މަޑުމަޑުން ގެއަށް ހިގާއްޖެއެވެ.
މިޒަމާނުގައި ދައުލަތުގެ އެކިކަންކަން މަތިކޮށްފައި ތިބޭ މީހުން ވެސް ދައުލަތުގެ ވަލުގައި ހިފަނީ ހައްދުންމަތީ ގަމު ނެވީންގެ އަލިފުޅު ވަލުގައި ހިފި ބީދައިންނެވެ. ވެރިމީހާގެ ގަދަފަދަކަމުން ވަލުގައި ހިއްޕުވީމާ ހިފީއެވެ. ބާރުލުމެއް ނެތެވެ. ވެރިމީހާ ދެކެ ބިރުންނާއި މަގާމުގައި ދެމިހުރުމުގެ އެދުން އޮތީމާ ކަންދެއްކުމުގެ ގޮތުން ވަލުގައި ހިފައިގެން ތިބީއެވެ. މުލައްދަނޑީގެ ބާރާއި ސިކުނޑީގެ ބާރުވެސް ބޭނުން ކުރުމެއް ނެތެވެ. އެހެންވީމާ އޮޑި ހުރިތާ ހުންނަނީއެވެ. ކުރާން އުޅޭ ކަންތަކެއް ނުވެއެވެ.
ސަރުކާރޭ ކިޔުނު ފުރެއްދެ އޮޑިއަށް ލެވިފައިތިބި ފަޅުވެރީންގެ ވިޔާނުދާކަމުން އެ އޮޑިން ދިޔަ ހިލިއްޖެއެވެ. ދެން މޫދުގައި ބާއްވައިގެން ފަރުޖެއްސޭކަށް ނެތެވެ. ބާއްވައިފިއްޔާ ލަސްތަކެއް ނުވެ ފެތިދާނެއެވެ. މިއޮޑިއެއް ނުފެތޭނެއޭ ކިޔަކިޔައި ތިއްބާ އޮޑި އޮންނާނީ ކަނޑުގެ އަޑީގައެވެ. މިހާރު އޮތް ހަމައެކަނި ގޮތަކީ އަލުންބަލުން ކޮޅައި ފުޓުނި އަޅައި ހެދުމަށްޓަކައި އެހެލުމެވެ. ވެރިމީހާ ބުނުއްވީތީ އެއްބަޔަކު ތިބީ އޮޑި އެހެލާން ވަލުގައި ހިފައިގެންނެވެ. އެކަމަކު އެއީ އަލިފުޅު ވަލުގައި ހިފި ގޮތަށެވެ. އަނެއްބަޔަކު ހިފައިގެން ތިބީ ޓުވިޓަރއޭ ކިޔުނު ވަލުގައެވެ. މީން އެއްވެސް ވަލަކަށް ވާން ވުމެއް ނެތެވެ. އޮޑި އެއްގަމަށް އަރާނީ ވާން ވެގެން އޭގެ ފަހުންތާއެވެ.
މިވެރިން ވަލުގައި ހިފައިގެން ތިބި ގޮތުން އޮޑިއަށް ވަނީ ގެއްލުމެވެ. ވެރިމީހާގެ މަސްލަހަތަށް ފޯރަނީ ނުރައްކަލެވެ. މިވެރިން ކުރާ ޓުވީޓުތަކުން ސަރުކާރުގެ މޫނުމަތި ހަޑިވުން ފިޔަވައި އެހެން ކަމެއް ނުވެއެވެ. މިވެރިންގެ އަސްލު ކުލަ ހާމަވުމާއި ވެރިކަމެއްގައި ޝާމިލްވެގެން ތިބުމަށް ކުފޫ ހަމަނުވާކަން ހަމަ ކޮންމެ ޓުވީޓަކުން ދަނީ އިތުރަށް ހާމަވަމުންނެވެ. ކޮންމެ ކަނޑެއްގައިވެސް ދުއްވޭވަރުގެ އޮޑިއަކަށް މި އޮޑި ހެދުމަށްޓަކައި ކޮންމެހެންވެސް ލުއްސައިލަން ޖެހޭ މަޑޫތަކެއް އެބަހުއްޓެވެ. އެއީ ކަމީނާވެ ކަންފަތިވެފައިވާ މަޑޫތަކެކެވެ. އާރުނުލާ ލަކުޑީގެ މަޑޫތަކެވެ.
މި އޮޑިއަކީ އަލުން ދުއްވޭވަރުގެ އޮޑިއަކަށް ހަދަންޏާ ވެރިމީހާއަށް ވެސް އޮތީ ހައްދުންމަތީ އަތޮޅުވެރިން ބުނުއްވި ބަހެވެ. އައިތާކަށް ކަލޭމެން ފެއްސިގެން ހިގައިދާށޭ ވިދާޅުވެ ހުރިހާ ކަމީނާ މަޑޫތައް ލުއްސައިލެއްވުމެވެ. އެދުވަހަކުން އެމްވީއާރް ކަހަލަ މީހުން ކުރާ ޓުވީޓުތައް ބަލައިލަން އަހަރެން ވަރަށް ބޭނުމެވެ.