ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުން ހޮވުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބޭއްވި އިންޓަވިއުގައި އެންމެ ދަށުން މާކްސް ލިބުނު ފަރާތްތައް ގާޒީކަމުގެ މަޤާމަށް އައްޔަންކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ މާލޭ ދަފްތަރު 3087 އަލީ އާދަމާއި ހއ. ކެލާ ދެރަހަ އާދާމް އާރިފެވެ. އޭގެ ތެރެއިން ހއ. ކެލާ/ ދެރަހަ، އަލްއުސްތާޒު އާދަމް އާރިފަކީ އިންޓަވިއު ކުރެވުނު 26 ބޭފުޅުންގެ ތެރެއިން 11 ވަނަ ލިބުނު ފަރާތެވެ.
އާދަމް އާރިފް އަށް ލިބިފައި ވަނީ 100 އިން 65.3 މާކްސް އެވެ. އާދަމް އާރިފަކީ ކުރިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި، އަދި ސިޔާސީ ލީޑަރުންގެ މައްޗަށް ހިންގުނު ޝަރީޢަތްތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެކެވެ.
ޖޭއެސްސީ އިން ސިވިލްކޯޓަށް އައްޔަންކުރަން ނިންމާފައިވާ ދަފްތަރު ނަންބަރު 2560 އަލްއުސްތާޒު އާދަމް އިބްރާހީމް އިސްމާއީލް އަކީ އިންޓަވިއު ކުރެވުނު 26 ބޭފުޅުންގެ ތެރެއިން 06 ވަނަ ލިބުނު ފަރާތެވެ.
ސިވިލް ކޯޓަށް ދެން އައްޔަންކުރެވުނު ފޭދޫ ބެލޫން އަލްއުސްތާޒާ މަރިޔަމް ވަހީދަކީ އައްޔަން ކުރެވުނު ފަނޑިޔާރުންގެ ތެރެއިން ވެސް އެންމެ ދަށުން މާކްސް ލިބުނު ފަރާތެވެ. މަރިޔަމް ވަހީދަކީ 26 ބޭފުޅުންގެ ތެރެއިން 13 ވަނައިގަ އޮތް ފަރާތެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ މަރްޔަމް ވަހީދު ފަނޑިިޔާރު ކަމަށް އައްޔަންކޮށްފައިވާއިރު ލިބިފައިވާ ޖުމްލަ މާކްސް އަކީ 100 އިން 64.5 އެވެ.
ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ފަރާތްތަކަކުން ފަނޑިޔާރުކަމަށް ކުރިމަތިލައިގެން މަތީ މާކްސްތައް ހޯދާފައި ވަނިކޮށް ، އެ ފަރާތަތްތަކަށް އިސްކަން ދިނުމެއް ނެތި ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ދަށުން މާކްސް ލިބިފައިވާ ފަރާތްތަކެއް ފަނޑިޔާރުކަމަށް އައްޔަންކުރުމުން ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.