Last Updated: November 25, 05:48
Monday, November 25, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގްގެ ކުއާޓާއިން ބާސާ ކަޓައިފި

ގްރީޒްމެންގެ ދެ ގޯލުން ބާސާގެ ޖެހިޖެހިގެން ދެވަނަ ޓްރެބެލްގެ އުއްމީދުތައް ފުނޑުކޮށްލައިފި އެވެ.

މި މަހުގެ ދެވަނަ ދުވަހު ރިއަލް މެޑްރިޑާ ބައްދަލުކޮށް ބަލިވި ފަހުން ފެނިގެން އަންނަނީ މުޅިން ވެސް ތަފާތު، ބަލި ބާސާއެކެވެ.

ޓީމްގެ ހުޅުކޮޅު، ލިއޯ މެސީ ވަނީ މިހާރު ހަތް މެޗް ގޯލެއް ކާމިޔާބު ނުކުރެވި ގޮސްފަ އެވެ. މެސީގެ ގޯލް ރިކޯޑް މިހާ ދަށްވެފައި ވަނީ 2011 ވަނަ އަހަރުގަ އެވެ.

މި މެޗުގެ ފުރަތަމަ ލެގު ބާސާގެ ދަނޑުގައި ކުޅެފައިވާ އިރު 1-2 ގެ ނަތީޖާ އިން ބާސާ ވަނީ މޮޅުވެފަ އެވެ. ދިހަ ކުޅުންތެރިންނާ ދެކޮޅަށް އެރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ ވެސް އެތުލެޓީކޯއިންނެވެ.

ރޭގެ މެޗުގައި ވެސް ފެނިގެން ގޮސްފައި ވަނީ އާދައިގެ ކުޅުމެކެވެ. މެޗުން މޮޅުވުމަށް ކުޅެފައި ވަނީ އެތުލެޓިކޯ އިންކަން ފާހަގަކޮށްލެވެ އެވެ.

ފުރަތަމަ ހާފުގައި ގްރީޒްމެންގެ ފަރާތުން ފެނިގެން ދިޔަ ގޯލާއެކީ އެގްރިގޭޓް ނަތީޖާ ވަނީ 2-2 އަށް އެއްވަރުވެފަ އެވެ. އެ ނަތީޖާ ވެސް އެތުލެޓިކޯއަށް ސެމީ އަށް ދިއުމަށް ފުދެ އެވެ.

އެވޭ ގޯލުން ކުރީގައި އޮތީ އެތުލެޓިކޯ އެވެ. ބާސާ އަށް އެ ގޯލުން ރިކަވާ ނުވެގެން އުޅެނީސް އެތްލެޓިކޯ އިން ވަނީ ދެވަނަ ގޯލް ޖަހައިފަ އެވެ. ގްރީޒްމެންގެ މިގޯލާ އެކު ދެން މޮޅުވުމަށް އިތުރު ދެ ގޯލު ބާސާ ޖަހަން ޖެހެ އެވެ.

ދެ ގޯލް ޖެހުމަށް މާ ބޮޑު މަސައްކަތެއްކޮށްފައި ނުވާ އިރު ޕެނަލްޓީއެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ތަން ފެނުނެވެ.

ރިޕްލެއި އިން ފެންނަ ގޮތުގައި ގަބީ ފައުލްކޮށްފައި ވަނީ ޕެނަލްޓީ އޭރިއާ ތެރޭގަ އެވެ.

ނަމަވެސް ރެފްރީ ދީފައި ވަނީ އޭރިއާ މަތިން ހިލޭ ޖެހުމެކެވެ. މެސީ ފޮނުވާލި ޖެހުން ގޮސްފައިވަނީ ދަނޑި މަތިންނެވެ.

ރިއަލް މެޑްރިޑް މެޗަށް ފަހު ބާސާގެ ކުޅުން ދުވަހެއް ދުވަހަކަށް ދަށް ވަމުން އަންނަ އިރު ކޯޗް އެންރީކޭ މިކަމާ ގުޅިގެން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.