ޔުއެފާ ޗެމްޕިއަންސް ލީގްގެ ސެމީގެ ފަހު ޖާގަ ބެޔާން މިއުނިކް ހޯދައިފި އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގު ބެންފީކާގެ ދަނޑުގައި ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވެ އެގްރިގޭޓުން 2-3 ގެ ނަތީޖާއަކުން ބެޔާން ވަނީ މޮޅުވެފަ އެވެ.
މެޗްގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ ބެންފީކާއިންނެވެ. ރައުލް ޖިމެނެޒް 27 ވަނަ މިނެޓްގައި ޖެހި ގޯލާ އެކު ބެންފީކާ ވަނީ ސެމީ އަށް ދިއުމުގެ އުއްމީދު އާކޮށްފަ އެވެ.
ނަމަވެސް 38 ވަނަ މިނެޓުގައި ވިޑާލް ވަނީ އުއްމީދު ފަނޑުކޮށްފައެވެ. ބެޔާންގެ ދެވަނަ ގޯލް 52 ވަނަ މިނެޓްގައި ޖަހާފައި ވަނީ މުލާ އެވެ.
މި ގޯލާ އެކު އެގްރިގޭޓް ނަތީޖާ 1-3 އަށް ބަދަލުވެ މެޗުން މޮޅުވުމަށް އިތުރު ތިން ގޯލު ޖަހަން ބެންފީކާ އަށް މަޖުބޫރުވި އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ހަމަލާ އުފައްދަމުން ދިޔަ ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ބެންފީކާ އަށް ލިބުނު ހިލޭ ޖެހުމެއް އެޓީމުގެ އެންޑަސަން ޓަލިސްކާ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
މި ގޯލާ އެކު މެޗުގެ ނަތީޖާ އެއްވަރުވި ނަމަވެސް އެގްރިގޭޓުން އަދިވެސް ކުރީގައި އޮތީ ބެޔާންއެވެ.
މެޗު ނިމެން ކައިރިވެފައި ވަނިކޮށް އިތުބާރު ފޯވާޑް ލެވަންޑޮސްކީ ވަނީ މުލާގެ ބަދަލުގައި އަރުވައިފަ އެވެ.
އޭނާ އަށް ހުސް ފުރުސަތެއް ގޯލަށް ޖަހަން ލިބުނު ނަމަވެސް ރޭގައި އެކަން ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގްގެ މި އަހަރުގެ ސެމީ އަށް ގޮސްފައިވާ ހަތަރު ޓީމަކީ ޖަރުމަނުގެ ބެޔާން މިއުނިކް އާއި ސްޕެއިންގެ ރިއަލް އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެވެ.