Last Updated: November 26, 16:04
Tuesday, November 26, 2024
ޚަބަރު

"ސްޕީޑް" ގެމަނުފުށީ ބަނދަރުގައި، މުދާ ބާލައިފި

ސްޕީޑް ބޯޓުން ގެމަނަފުށީ ބަނދަރަށް މުދާ ބާލަނީ. ފޮޓޯ/ އައްޑޫ ލައިވް

މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ގއ. ގެމަނަފުށީ ނެރުމައްޗަށް އަރައި ލިބުނު ގެއްލުމާ އެކު ދިޔަ ވާން ފެށި އައްޑޫ ހުޅުދޫ "ސްޕީޑް" ބޯޓްގައި ހުރި މުދަލުގެ ތެރެއިން ލޮނު ނުޖެހި ސަލާމަތުން ހުރި ހުރިހާ މުދަލެއް ބޯޓުން ބާލައިފި އެވެ.

ގެމަނަފުށީ ކައުންސިލަރު މުހައްމަދު އިބްރާހީމް "އައްޑޫ ލައިވް" އަށް ވިދާޅުވީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކު، ބޯޓް ނެރުމަތިން ނައްޓުވައިގެން ބަނދަރަށް ވައްދައި، އޭގައި ސަލާމަތުން ހުރި ހުރިހާ މުދަލެއް ރަށުގެ ބަނދަރު މައްޗަށް ބާލައިފައިވާ ކަމަށެވެ.

"ނަސީބު ދިމާކުރި ގޮތުން ބޯޓް ނެރު މައްޗަށް އެރި ވަގުތަކީ ރަށުގެ ވަރަށް ގިނަ ބަޔަކު ބަނދަރުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތެއް. އަދި ހަމަ އެ ދަނޑިވަޅުގައި ބަނދަރަށް ވަން މިނާ ދޯނި ހަތަރެއްގެ އެހީތެރިކަމާ އެކު ބޯޓް ދިޔަވެގެން ގޮސް އަޑިއަށް ނުގޮސް ސަލާމަތް ކުރެވުނީ،" މުހައްމަދު ވިދާޅުވި އެވެ. "މި ރަށު މި މަހުގެ ސަތާރަ ވަނަ ދުވަހު ރަސްމީކޮށް ހުޅުވާތީ އެކަމާ ގުޅޭ މަސައްކަތުގައި ބަނދަރުގައި ގިނަ ބަޔަކު އުޅެނިކޮށް މި ހާދިސާ މި ހިނގީ."

އޭނާ ވިދާޅުވީ ބޯޓްގެ އަޑީގައި ހުރީ ކާޑުގެ ބާވަތްތައް ކަމަށާއި އެ ހުރިހާ އެއްޗެއްގައި ހުރީ ލޮނު ޖެހި ހަލާކުވެފައި ކަމަށެވެ.

12512252_601373416688070_464937163201575583_n

"ސަލާމަތުން ހުރި ހުރިހާ މުދަލެއް ބަނދަރު މައްޗަށް ބާލައި ސަތަރި އަޅާފައި މިހާރު ހުރީ. ކުޑަކޮށް މޫސުން ވެސް ގޯސްކޮށް އުޅޭތީ މުދާލަތައް ސަލާމަތް ކުރުމުގެ ގޮތުން އެކަން ކުރީ،" މުހައްމަދު ވިދާޅުވި އެވެ.

ބޯޓް މިހާރު ވަނީ ޑައިވަރުންގެ އެހީގައި ފަޅައިގެން ދިޔަ ތަނުގައި ފިލާ ޖަހައިު، ލޮނު އެރުން ހުއްޓުވައިފަ އެވެ.

"އެހެން ނަމަވެސް ދަތުރު ކުރެވޭ ކަހަލަ ހާލަތެއްގައެއް ނޫން ބޯޓް އަދި އޮތީ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕީޑްގެ ބޯޓްގެ އިސް ފަރާތަކާ އަދި ގުޅޭ ގޮތް ނުވާ ކަމަށެވެ.

ސްޕީޑް ބޯޓް ނެރުމައްޗަށް އަރައި މިއަދު ގެއްލުންތަކެއް ލިބިފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ބޯޓް ފަރަކަށް އަރައި ލިބުނު ގެއްލުންތައް މަރާމާރުކޮށް އަލުން ދަތުރުތަކަށް ނިކުތްތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ.

ބޯޓަށް މި ފަހަރު މި ހާދިސާ ކުރިމަތިވީ މާލޭން ފުރައިގެން އައްޑު އަށް ކުރަމުން ދިޔަ ދަތުރުގަ އެވެ.