ރިޔާސީ އިންތިޚާބު އަދި ރައްޔިތުންގެ މަޖިލިހާއި ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ރައްޔިތުން ލާ ސިއްރު ވޯޓުގެ ނިޒާމް ބަދަލުކޮށް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ގެންނަން އުޅެނީ ވޯޓުން ވައްކަންކޮށް މަކަރު ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން "ވައްކަން ޔަގީން" ނަމުގައި ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން މަހްލޫފް ވަނީ މިސަރުކާރުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން އެންމެ ބޮޑަށް ފާޑު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބު ތަކުގައި ބޭނުން ކުރާ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލާ މެދުގަ އެވެ.
ވޯޓިން ސިސްޓަމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކޮށް އިންޓަނެޓް މެދުވެރިކޮށް ވޯޓުލުމުގެ ނިޒާމް ތަނަވަސްކޮށް ދިނުމުގެ އެންމެ ބޮޑު އަސްލު ބޭނުމަކީ ވޯޓު އޮޅުވާލަން ކަމަށް މަހުލޫފު ވިދާޅުވި އެވެ.
އަދި އެންމެ އަވަހަށް އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ގިނަ ގޮނޑި ލިބޭ ގޮތަށް ސަރުކާރުން ނަތީޖާ ގެންނާނެ ކަމަށާއި މިއީ މިމަކަރުވެރި ނިޒާމަށް އެމްޑީޕީގެ ތާއީދު ހޯދަން ކުރާ ކަމެއް ކަމަށްވެސް މަހުލޫފު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ތައާރަފްކޮށްފި ނަމަ ލޯކަލް ކައުންސިލް އިންތިހާބު ނިމިގެން ރިޔާސީ އިންތިޚާބުގައި ވޯޓުން މަކަރު ހަދައި ރައީސް ޔާމީން މަގާމުގައި ދެމި ހުންނާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ރައީސް ކަމަށް ވަޑައިގެންނެވުމަށް ލަންކާގެ ސިހުރުވެރިއަކު ލައްވާ ސިހުރު ހަދާފައިވާ ކަމަށް މަހުލޫފްގެ ވާހަކައިގައި ވަރަށް ބޮޑަށް ތުހުމަތު ކުރެއްވި އެވެ.
މަހްލޫފްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ވާހަކައިގައި ވެސް ރައީސް ޔާމީން ވޯޓުން ވައްކަން ނުކޮށް ދެފުށް ފެންނަ އިންތިޚާބެއް ބާއްވައިފި ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އައްޑޫ ރައްޔިތުނަށް އަރުވާފައިވެ އެވެ.