މި ސަރުކާރަކުން އައްޑޫ ތަރައްގީ ނުކުރާނެ ކަމަށާއި ރައްޔިތުންގެ ވޯޓު ހޯއްދެވުމަށް ރައީސް އަބްދުﷲ ޔާމީން އައްޑު އަށް ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
"ވައްކަން ޔަގީން" ގެ ނަމުގައި ފޭދޫގައި ރޭއް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އައްޑު ރައްޔިތުންނަށް ތަރައްގީގެ އުއްމީދެއް ލިބިގެން ދިޔައީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
"ތަރައްގީ ކުރެވޭނީ އެކަމުގެ ވިސްނުމާ ފިކުރު ހުރެގެން. އެމްޑީޕީ ސަރުކާރުން ސާކް ސަމިޓް އައްޑޫގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އައްޑޫ ތަރައްގީ ކުރުން. އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލި އިރު އައްޑޫގެ ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއަށް އޮތީ ތައްޔާރުވެފައި،" އަސްލަމް ވިދާޅުވި އެވެެ.
އޭނާ ވިދާޅުވީ ހިތަދޫގައި 22 ކިލޯ މީޓަރުގެ މަގު ހަދައި އަދިވެސް ނުނިމޭ ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހިންގާ ސްޕީޑަށް ބަލާއިރު އެ މަޝްރޫއު 30 އަހަރުން ވެސް ނުނިމޭނެ ކަމަށެވެ.
އައްޑޫގެ މަގުތައް ހަދަން ގެނައި ސާމާނާއި ސާކް ސަމިޓަށް ގެނައި އެކި ވެހިކަލްތަކުގެ އިތުރުން އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހުރި ސާމާނުތައް މި ސަރުކާރުން މާލެ ގެންގޮސްފައިވާތީ އަސްލަމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
"މީގެ ކުރިން އިނގިރޭސީން އައްޑު އަތޮޅުގައި ތިބުމަށްފަހު ފައިބައިގެން ދިޔަ އިރު ގަމުގައި ހުރި ސާމާނު ރައީސް މައުމޫނުގެ ވެރިކަމުގައި ނީލަން ކިޔައި ހުސްކޮށްލި ފަދައިން ޔާމިން ވެސް އަމަލު ކުރައްވަމުން ގެންދަވަނީ ހަމަ އެހެން،" އޭނާ ވިދާޅުވި އެވެެ.