ވައްކަން ކުރާ ވަގުންނަށް ހީވާނީ އެހެން މީހުންނަކީ ވެސް ވަގުން ކަމަށާއި އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ވަރަށް އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރަމުން އަންނަ ސަރުކާރެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން "އައްޑޫ ތަރަައްގީ ޔަގީން" ގެ ނަމުގައި ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި މިިނިސްޓަރު ވިދާޅުވީ ވައްކަންކޮށް، ކޮރަޕްޝަނުގެ އެތައް އަަމަލެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށެވެ.
ރޭ އެމްޑީޕީން ފޭދޫގައި "ވައްކަން ޔަގީން" ގެ ނަމުގައި ބޭއްވި ޖަލްސާ އަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެމްޑީޕީ އަށް އެހެން މީހުންނަށް ވަަގަށް ގޮވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އެހެން ނަަމަވެސް މިހާރުގެ ސަރުކާރަކީ އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރަން އައި ސަރުކާރެއް ކަމަށާއި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކަން ފެނިގެން ގޮސްފައިވާނެ ކަމަށް ވިދާޅުވި އެވެ.
"ވަގުންނަށް ހީވާނީ އެހެން މީހުންނަކީ ވެސް ވަގުންނޭ. އެކަހަލަ ވާހަކަ ދެއްކިޔަސް އަޅުގަނޑުމެން ކަންބޮޑެއް ނުވޭ. އަޅުގަނޑުމެންގެ މަސައްކަތްތަކަކަށް ހުއްޓުމެއް ނާންނާނެ." މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެ ދާނީ ތަރައްގީވަމުން ކުރިއަށް."
މުއިއްޒު އަދި ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ނާގާބިލްކަމުން އައްޑޫގެ ތަރައްގީ އަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ އެކިއެކި ބާރުތައް މިހާރު ސަރުކާރަށް ނަގައި، ތަރައްގީގެ ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކައުންސިލުން ވަނީ އައްޑޫގައި ހުރި އެތައް މެޝިނަރީއަކާއި އެތައް ސާމާނެއް ނުބަލަހައްޓައި ހަލާލުކޮށްލައިފައި ކަމަށެވެ.
އެހެންވެ މަގުތައް ހެދުމާއި އެ ނޫން ވެސް އެކިއެކި މަަސައްކަތްތަކަށް ބޭނުންވާ އިކްޕްމަންޓާއި މެޝިނަރީ އައްޑު އަށް ވަރަށް އަވަހަށް ހޯދައި ދެއްވާނެ ކަަމަށް ވިދާޅުވި އެވެ.