ދިވެހި ޖުމްހޫރިއްޔާގެ އައު ގާނޫނު އަސާސީ 2008 އަށް ފަހު އެންމެ މިނިވަންކަމާ އަދުލު ވެރިކަމާއެކު ހުކުމް ކުރަމުން ދިޔަ އެއްތަނަކީ ހައިކޯޓެވެ. 2011 ވަނަ އަހަރު ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއެކު އެންމެ ބޮޑު އެއްކަމަމަށް ފާހަގަ ކުރެވުނީ ޒަމާނީ ފަނޑިޔާރުގެއެއްގެ މަލަމަތި ފެންނަން ފެށުމެވެ.
ގާނޫނާއި އިސްލާމީ ޝަރީއާ އަދި އެދެބައިން އިލްމު ލިބިވަޑައިގެން ތިއްބެވި، އަދި ޝަރުއީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ތަޖުރިބާހުރި ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވި ހައިކޯޓަކީ ސުޕްރީމު ކޯޓުގެ ނުރުހުން އިންތިހާއަށް އަމާޒުވި ތަނެކެވެ. ސަބަބަކީ އެތަނުގެ މައްޗަށް އޮތް ނުފޫޒު ކުޑަވުމެވެ. ހާއްސަގޮތެއްގައި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ އުސޫލުތަކުގެ ބޭރުން މައްސަލަތަކަށް "އަތް ބޭނުމުގެ" ސަގާފަތަށް ހުރި ހުރަހަކީ ހައިކޯޓެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވިސްނުނީ ފުރަތަމަ ކަމަކަށް އެތަން އެމީހުން ބޭނުންވާގޮތަށް ތައްގަނޑު ކުރަހައި ކޮށައި މަށައިލާން ޖެހޭކަމެވެ.
ބުނެވިދިޔަ ސަބަބުތައް އެގޮތުގައި ހުރެ ސިޔާސީ ފަރާތްތައް ބޭނުންވާ ގޮތަށް ހުކުމް ނުކުރެވުމާއި، ސުޕްރީމުކޯޓާއި ޖޭއެސްސީގެ ބާރުފަދަ ފަރާތްތަކަށް ހައިކޯޓަށް އަތް ބޭނުން އުދަގޫކަމަށްވުމުގެ ނަތީޖާއަކީ ހައިކޯޓު ކޮށައި ފަތިކޮށް ފަނޑިޔާރުން އަރުވައިލުމެވެ.
އެކަމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނެވުނު އިސްލާހުގައި ރާއްޖޭގެ ދެކޮޅުގައި ހައިކޯޓުގެ ދެ ގޮފި ހެދުމާއި، އެތަނަށް ފަނޑިޔާރުން ފޮނުވައި، އެތަނުގައި ބަލާނެ މައްސަލަތަކުގެ އިހުތިސާސް ކަނޑައެޅުމާއި، އެކަންކަން ކުރާނީ ކޮރަޕްޓް ސުޕްރީމް ކޯޓުން ކަމަށާއި، އަދި އެކަންކަން ކުރާނެ މުއްދަތު ކަނޑައަޅައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނު ފާސްކުރިއެވެ.
އެގާނޫނާއެކު އުއްތަމަ ފަނޑިޔާރު ވަކި ކުރުމާއި، ސުޕްރީމް ކޯޓުގެ "އިއްތިފާޤު" ސިޔާސީ ކަންކަމަށް ހޯދުމަށްވެސް މަގު ފަހި ކޮށް ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުގެ ދެފަނޑިޔާރަކު މަގާމަށް ގާބިލު ނޫންކަމަށް ނިންމައި އެތަނުން ވަކިކުރިއެވެ. ހަމައެއާއެކު ދެން އޮތީ ހައިކޯޓުގެ އަރުވާލެވޭ ފަނޑިޔާރުން ކަނޑައެޅުމެވެ.
ހައިކޯޓު ދެކުނު ގޮފި
ހައިކޯޓު ދެކުނު ގޮފި ހަދައި އެތަނަށް ބޭނުންވާ ފަނޑިޔާރުން އައްޔަން ކުރީ ގާނޫނާއި ޚިލާފަށެވެ. ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އެތަން ހަދައި ގާއިމު ކޮށްފައިނުވެއެވެ. ގާނޫނުގައި 90 ދުވަސްތެރޭގައި އެތަނަށް ފަނޑިޔާރުން އައްޔަންކޮށް ކަންކަން ނިންމަން ޖެހޭނެ ކަމަށް ބުނެފައިވީނަމަވެސް އެކޯޓުން އެތަން ހުންނާނެ ތަން ކަނޑައެޅުމާއި އެނޫންކަންކަމުގައިވެސް ވަނީ ގާނޫނާއި ޚިލާފުވެފައެެވެ.
ފުރަތަމަ ސަބަބަކީ ދެކުނު ގޮފި ހުންނާނެ ތަންކަނޑައެޅުމުގައި ވެފައިވާ އިހުމާލެވެ. ސ.މީދޫގައި ދެކުނު ގޮފި ހުންނާނެކަން ކަނޑައެޅިކަން އެނގޭ އެއްވެސް ލިޔުމެއް މިހާތަށް ފެންނަން ނެތުމެވެ. ނޫސްވެރިންނަށް ގޮފި ހަދާ ރަށްރަށް އެނގުނީ އެރަށްރަށުގައި އެތަން ހަދަން އެސްޓިމޭޓް ހޯދުމަށް ކުރެވުނު އިއުލާނު ތަކުންނެވެ.
ސުޕްރީމު ކޯޓުގެ ކޮންމެ ނިންމުމެއްވެސް ނިންމަންވާނެ ގޮތް ބުނެދީފައިވާއިރު، އާންމު ސިޓީތަކާއި ސާރކިއުލަރތަކުން އެކޯޓާއި މުޅި ޖުޑީޝަރީ ހިންގަމުންދަނީ އެއިން ނިންމުމެއް ނިންމި ގޮތެއް ނިންމުމުގައި ބައިވެރިވި ބަޔެއް އެނގުމެއް ނެތިއެވެ.
ދެވަނަ ކަމަކީ ދެކުނު ގޮފި ސ.މީދޫގައި ހެދުމަށް ނިންމި ނިންމުމުގައި އެއްވެސް ދިރާސާއެއް ނެތްކަމުގެ ސަބަބެވެ. ގއ، ގދ އަތޮޅު މީހުން ސ.މީދޫއަށް ހައިކޯޓު ގޮތްޕަށް ދާން ބޭނުންވެއްޖެނަމަ ޖެހޭނީ ކާޑޭއްދޫން ނުވަތަ ހުޅުލެއަށް ގޮސް ހުޅުލެއިން ސ. ގަމަށް ގޮސް ކަމުން ފެރީއެއްގައި މީދޫއަށް ދާށެވެ. ޏ. ފުވައްމުލަކު މީހުން ނަމަ އެއްގޮތަކީ މާލެއައިސް މާލެއިން ގަމަށް ގޮސް ބުނެވިދިޔަ ގޮތަށް ދަތުރު ކުރުމެވެ. އޭރުން ދަތުރު ހަރަދު ދެކޮޅަށް 8 ހާސް ރުފިޔާ ވަރު އެބަދެއެވެ. އައްޑޫ ހިތަދޫ ކޯޓާއި ގުޅިފައިވާ ރައްތަކުގެ ދެން ހުރި ކޯޓުތަކަކީވެސް މީދޫއާއި ބަލާއިރު އެތައް ގިނަ މައްސަލަތަކެއް ނިންމާ ކޯޓުތަކެކެވެ.
އައްޑޫގެ ގުޅިފައިވާ ރައްތަކަށް އެކި ބޭނުންތަކަށް އެސަރަހައްދުގެ ހުރިހާ ރަށަކުން ދަތުރު ކުރާއިރު އެތަނުގައި ހައިކޯޓު ގޮފި ނެހެދީ ކީއްވެތޯ މުޅި އައްޑޫ ރައްޔިތުން ސުވާލު ކުރެއެވެ. ގާނޫނު އަސާސީގައި ބުނަނީ ކޯޓުތަަކަކީ ފަސޭހަކަމާއެކު އެކްސެސް ލިބޭ ތަންތަން ކަމުގައި ވާންޖެހޭނެކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެކަމާއިވެސް ޚިލާފުވެފައެވެ.
ފަނޑިޔާރުން އައްޔަން ކުރުމުގައި އަދުލުވެރިކަމެއް ނެތުން
ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ބަލަންޖެހޭނެ ކަމަށް ގާނޫނަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ ހިންގުމުގެ ތަޖުރިބާއަށާއި ފަނޑިޔާރު ކަމުގައި ހޭދަކޮށްފައިވާ މުއްދަތަށެވެ. އެހެން ނަމަވެސް ގާނޫނުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ ޑރ. އަޒްމިރަލްދާއާއި އައްބާސް ޝަރީފް އަދި ޝުވައިބް ޒަކަރިއްޔާ ދެކުނު ގޮތްޕަށް ކަނޑައެޅީ އެއިން އެއްވެސް ކަމަށް ބެލުމެއްނެތިއެވެ.
އެ ބޭފުޅުންނަކީ ތަޢުލީމީ ގޮތުން ބަލާއިރު މާސްޓާޒް ލެވެލްގެ ބޭފުޅުންނެވެ. އަލްމިރަލްދާއަކީ ހައިކޯޓުގައި ހުންނެވި ހަމައެކަނި ޕީއެޗްޑީ ހޯލްޑަރއެވެ. އެކަމަނާއަކީ ގާނޫނު ކިޔަވައިދެއްވުމުގައިވެސް އެތައް ދުވަހެއް ހޭދަ ކުރައްވާފައިވާ ބޭަކަނބަލެކެވެ.
ހިންގުމުގެ ތަޖުރިބާއާއި ފަނޑިޔާރު ކަމުގެ މުއްދަތަށް ބަލާއިރު މިބޭފުޅުނަށް އެއްވަނަ ލިބޭނެ ގޮތެއް ނެތެވެ. އެކަމަކު ކޮންމެ ކަމެއްވެސް ނިންމަނީ ހިތުހުރި ގޮތަކަށެވެ. މިބައި މީހުންގެ ނަޒަރުގައި އެބޭފުޅުން ބަދަލު ކުރެއްވީ އެއިން އެއްވެސް ބޭފުޅަކާއި ވާހަކަ ދެއްކުމެއްނެތިއެވެ. އެނިންމުން ނިންމިގޮތެއްވެސް އެނގެން ނެތެވެ.
ކަމެއް ނިންމާއިރު އެނިންމުމެއް ނިންމީ ކީއްވެތޯ، ނިންމުމުގައި ރިޢާޔަތް ކުރީ ކޮން ކަމަކަށްތޯ ބަލަން ޖެހެއެވެ. އަދި އެނިންމުމެއް ނިންމި ގޮތެއް އެކަމެއް ރައްދުވާ ފަރާތަކަށް ލިޔުމުން އަންގަންޖެހެއެވެ. އެކަމެއް ނިންމިގޮތާއި ސަބަބު ލިޔުމުން ލިބިގަތުމަކީ ކޮންމެ މީހަކަށްމެ ލިބޭނެ އަސާސީ ހައްގެއްކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ނިންމުމަކީ އެނިންމުމަކުން އަސަރުކޮށްފައިވާނެ ކޮންމެ މީހަކަށް އެކަމާގުޅިގެން ދަޢުވާ ކުރެވިދާނެ ކަމެއްކަމުގައި ގާނޫނު އަސާސީގައި ބަޔާންވެފައި އެބައޮތެވެ.
ކަން މިހެން ހުރިނަމަވެސް މިނިންމުން ރިވިއުކޮށް ބެލޭނެ ކޯޓެއްވެސް ނެތެވެ. ސުޕްރީމް ކޯޓުން ގަބޫލު ކުރާގޮތުގައި އެކޯޓުގެ އެއްވެސް އިދާރީ ނިންމުމަކާއިމެދުވެސް ޗެލެންޖު ނުކުރެވޭނެއެވެ. އަލްފްރެސްކޯއަށް ޕަނީނޯއަކަށް އޯޑަރު ދީފިނަމަ އެތަނުން އެނުގެނައި ކަމަށްވިޔަސް އެއީ އެކޯޓުގެ އަމުރަކާއި ޚިލާފުވުން ކަމަށް މިހާރު މާނަކުރެވެއެވެ.
ފަނޑިޔާރު އަލްމިރަލްދާ ޒާހިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވި ސިޓީގައި އެކަމަނާ ދެކުނު ގޮތްޕަށް ފޮނުވާލެވުނު ކަން އެނގުނީ މީޑިޔާގެ ޒަރީއާއިން ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މީގެން އެނގޭ އެއްޗަކީ އެބޭފުޅުންނަށްވެސް އެބޭފުޅުން އެތަނަށް ދާންޖެހޭކަން ކުރިން ނޭނގޭކަމެވެ.
ފަނޑިޔާރުން އަރުވާލަން ނިންމައި ފޮނުވާނުލައި ގިނަ ދުވަސްތަކެއް
ނޫސްތަކުން އެނގެން ހުރި ގޮތުގައި ދެކުނު ގޮތްޕަށް ފަނޑިޔާރުން އަވަހަށް އައްޔަންކުރީ ހައިކޯޓު މައިތިރިކޮށް ސިޔާސީ ހުކުމްތައް ނެރުމުގެ ބޭނުމުގައެވެ. އެއީ ހައިކޯޓަަށް ދާންޖެހޭ މީހުން ކަނޑައެޅިތާ 40 ދުވަސްފަހުން އެކޯޓަށް މީހުން އައްޔަން ކުރުމުން ސާފުކޮށް އެގެން އޮތް ކަމެކެވެ. 2015 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެއްވެސް މައްސަލައެއް އުތުރާއި ދެކުނުގެ އިސްތިއުނާފު ނުކުރެވި ހުރުން ސުޕްރީމް ކޯޓާއި ސަރުކާރުން ކަންބޮޑު ނުވިއެވެ. އޭގެ ބަދަލުގައި، ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި ބަހައްޓާފައި، ދެކުނު ގޮފީގެ މައްސަލަތައް މާލޭގެ ގޮފީގެ ފަނޑިޔާރުން ވަނީ ބަލާފައެވެ. މިއީވެސް ގާނޫނާއި ޚިލާފު ކަމެކެވެ.
ފަނޑިޔާރުން އަރުވާލުމާއި އަރުވާލުމުގެ ބިރުގައި
އުތުރު ގޮފީގެ ފަނޑިޔާރުން އައްޔަނު ނުކޮށް ގިނަ ދުވަސްތަކެއް ވަނީ ހައިކޯޓުން ބޭނުންވާ ހުކުމްތައް ނެރުމުގެ މަގުސަދުގައިކަމަށް ގަބޫލު ކުރެވެއެވެ. ކޮންމެ މައްސަލައެއް ހަވާލުކޮށް އެމީހުން ބޭނުންވާގޮތަށް ނުނިންމައިފިނަމަ އުތުރު ގޮތްޕަށް ފޮނުވާލާނެ ކަމަށް ބުނާކަމަށާއި، އެކަމުގެ ބިރުގައި ސިޔާސީ ކުއްވެރިންގެ މައްސަލަތަކުގައި "ސައްޙަ ތައްގަނޑު" ޖަހައިދޭކަން ރައްޔިތުން ގަބޫލު ކުރެއެވެ. ކޮންމެ ހުކުމަކާއެކު "ރަށަކަށް ފޮނުވާލާމުގެ ބިރު" އޮތުމުން، އެކަމުގައި ޖެހި އެތަނުން ރަނގަޅު ހުކުމެއް ނުނެރެވެއެވެ.
ހައިކޯޓުގެ ބައެއް ފަނޑިޔާރުން ޔާމީނު ރުހޭގޮތަށް އެދަނީ ކަންކަން ނިންމަމުންނެވެ. ޔާމީނު ނުބުންޏަސް ޔާމީނު ނުރުހިދާނެކަމަށް ބަލައި އެދަނީ ޖަރީމާ ހިންގަމުންނެވެ. ފަނޑިޔާރުން ބުނާކަމަށްވެއެވެ. ތިމަންނާ އުތުރަށް ފޮނުވާނެ ހެއްޔެވެ؟ މިހާރުވެސް އެތައް ކަމެއް ކޮށްދީފީމެވެ. ނުބުންޏަސް މިދަނީ ކުރަމުންނެވެ. މިއީ އަދުލު އިންސާފުގެ ހާލަތެވެ.
މުޅި ނިޒާމުގެ އިތުބާރު ގެއްލިފައި
މީގެ އަހަރުތަކެއް ކުރިން ދިވެހިން ގަބޫލުކުރީ ހަމައެކަނި ސިޔާސީ ނިންމުންތައް ނިންމަނީ ހަމައެކަނި ކުރިމިނަލްކޯޓާއި ސުޕްރީމް ކޯޓުން ކަމަށެވެ. ބުނެވިދިޔަ ބަދަލާއި ހަމައަށް ހައިކޯޓަކީ ވަރަށް އިތުބާރު ކޯޓެކެވެ. ނަަމަވެސް މިއަދު ކޮންމެ ކޯޓަކަށް ބަލާލިނަމަވެސް އެތަންތަނުގައި ތިބީ ސިޔާސީ މީހުންގެ ދަށުގައިތިބި މީހުންކަން ނިންމަމުންދާ ނިންމުންތަކާއި ދައްކާ މަންޒަރުތަކުން ސިޔާސީ ފަރާތްތައް އެދަނީ ސިފަ ކުރަމުންނެވެ.
ކޮންމެ ރަށެއްގައި އޯޑިއޯ-ވީޑިއޯގެ ވަސީލަތްތައް ބޭނުންކޮށްގެން ހައިކޯޓުގެ ޝަރީއަތްތައް ހިންގިދާނެއެވެ. އެއީ ޚަރަދު ކުޑަ ނިޒާމެކެވެ. އެކަމަކުވެސް މިވެރިން ބޭނުންވަނީ މިފަދަ ލުއި ފަސޭހައަށްވުރެ ބޮޑަށް ތިމާމެން ބޭނުން ހުކުމެއް ކުރާނެ ފަނޑިޔާރުންތަކެކެވެ. މިއަދު ފަނޑިޔާރުގެއަށް ހޯދަނީ އެއްވެސް އިލްމެއް ހުރި ބައެއްނޫނެވެ. ހޯދަނީ ވީހާވެސް ބޮޑަށް ކޮރަޕްޓް ފަސްބައިގައި ކިލަބު ހުރި "ހުދު ޖަންގިޔާ"އެވެ.
ބުނެވިދިޔަ ކަންކަމުގެ މައްޗަށް ފިކުރު ހިންގާލައްވާށެވެ. މިގައުމު އަދު މިދަތުރުކުރަނީ ނާއިންސާފާއި ޖަންގަލީގެ ގާނޫނަށެވެ. މިކަމުގެ ޒިއްމާ ނަގަންޖެހޭނީ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވިގޮތަށް ސުޕްރީމު "ވަކަރުގޭ ކުދިވެރިންނެވެ."
ހާއްސަގޮތެއްގައި ދަށުކޯޓުތަކާއި ހައިކޯޓުގެ މައްސަލަތަކަށް ނުފޫޒު ފޯރުގައި ވަކި ގޮތަކަށް މައްސަލަ ނިންމުމަށް އަންގަމުންދާ "ބަރަހަނާ ވެފައިވާ" ފަޑިޔާރު އަލީ ހަމީދާއި، ގާނޫނާއި ޚިލާފަށް އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގެ، ހުވާކުރައްވައިގެން ހުންނެވި އަބްދުﷲ ސައީދެވެ. މިމީހުންގެ މައްޗަށް އެންމެ ބޮޑު ހިޔާނާތުގެ ދައުވާ ކުރަންޖެހެއެވެ.