ކަރަންޓުގެ އަގުތައް އިންތިހާއަށް ބޮޑުވުމުން ރައްޔިތުން އެމީހުންގެ ޝަކުވާތައް ރަށުގައި ހުންނަ އިންޖީނުގެ އަށް ގޮސް ހުށަހަޅައިފި އެވެ.
ސިޓީތައް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހަށާއި ސަރުކާރުގެ ވުޒާރާތަކަށް ފޮނުވައިފި އެވެ. ޖަވާބެއް ނުލިބެ އެވެ. ރައްޔިތުން ކަންބޮޑުވެގެން ކިތަންމެ ޝަކުވާއެއް ކުރިއަސް ސަރުކާރުގެ ވުޒާރާތަކުގައި ތިއްބެވި ވެރިންނަށް ކަހާތަން ހިރުވާލާ ހެނެއް ވެސް ހީއެއް ނުވެ އެވެ.
ވަކިން ޚާއްސަގޮތެއްގައި ރައްޔިތުންގެ ވިންދާއި އިޙްސާސް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވާ މަޖިލިސް މެންބަރުން ވެސް ތިއްބަވަނީ ހައްޕު ކިޔައިގެންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
ސުވާލުގެ ޖަވާބަކީ މިއީއެވެ. ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގެ ތަކަށް ތެޔޮ ސަޕްލައި ކުރަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމުގައިވާ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ. މިއީ ރައްޔިތުންނަށް މިކަން އަންގައި ދީފައިވާ ގޮތެވެ.
އެހެން ނަމަވެސް ކަމުގެ ހަގީގަތަކީ އެއީ އެއް ނޫނެވެ. އެފްއެސްއެމް އިން ކުރިން ތެޔޮ ސަޕްލައި ކުރަމުން އައި ފެނަކަ އަދި ސްޓެލްކޯގެ ދަށުން ހިންގާ އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގެ އިންޖީނުގެތަކަށް ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޙިއްސާ އޮންނަ ނުވަތަ އެބޭފުޅުންގެ މަސްލަޙަތު އޮންނަ ކުންފުނިތަކުންނެވެ.
އެސްޓީއޯ އިން ކުޑައަގުގައި ކްރެޑިޓަށް ތެޔޮ ހޯދުމަށްފަހު މަޖިލިސް މެމްބަރުންގެ އަމިއްލަ ކުންފުނިތަކުން އޭގެ އެތައް ގުނައެއް ފާއިދާލުމަށްފަހު ރާއްޖެތެރޭގެ އިންޖީނުގެތަކަށް ވިއްކަމުން ގެންދާއިރު، އިންޖީނުގެ ހިންގުމަށް ކަރަންޓުގެ އަގު ބޮޑުކުރުން ނޫންގޮތެއް ނޯންނާނެ ތާއެވެ.
ތެލުގެ ވިޔަފާރި މަޖިލިސް މެންބަރުންގެ އަތް މައްޗަށް ދޫކޮށްލި ގޮތް:
– ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުން އައި ބޮޑެތި ބަދަލުތަކާއި ގުޅިގެން ސަރުކާރުގެ ވިޔަފާރި ކުންފުނިން (އެސްޓީއޯ) ތެލުގެ އަގަށް މާބޮޑު ބަދަލެއް ނުގެނެސް ގިނަދުވަސްތަކެއް ހިފެހެއްޓި.
– ރާއްޖޭގައި ތެލުގެ އަގު ހެޔޮ ކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރުން 30 ޑޮލަރަށް ވެއްޓުނުތާ އަހަރެއް ވީފަހުން.
– ސަރުކާރަށް ތާއިދުކުރާ ފަރާތްތަކަށް ގަބޫލުކުރެވުނީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގުހެޔޮ ކުރުމުން އެފަރާތްތަކުގެ ޖީބަށްވެސް ލުއިވެގެން ދާނެކަމަށް.
– ސަރުކާރުން ތެލުގެ އަގަށް ބަދަލުގެނައުމުގެ ކުރިން ރާއްޖޭގެ ސަރަހައްދުތައް ވަނީ ތެލުގެ ވިޔަފާރިއަށް ވަކިވަކި ޒޯންތަކަކަށް ސިއްރުން ބަހާލި.
– މިއިން ކޮންމެ ޒޯނަކަށް ތެޔޮ ސަޕްލައި ކުރުމުގެ އޭޖެންޓްކަން އަމިއްލަ ކުންފުނިތަކަށް ދީފައިވާއިރު، އޭޖެންޓްކަން ކޮންމެ ސަރަހައްދަކުންވެސް ލިބިފައިވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކަށް.
– މިގޮތުން އޭޖެންޓުކަން ދެވުނު ހުރިހާ ކުންފުނިތަކުގެ ހިއްސާދާރުންގެ ތެރޭގައި ޖުމުލަ 37 ޕީޕީއެމް މަޖިލިސް މެމްބަރުން އެބަތިބި.
– ތެލުގެ ވިޔަފާރިން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ގޮސްފައިވާއިރު އެމްއެމްޕީއާރްސީ ގެ ހިޔާނާތަށްވުރެ އަދަދުތައް ބޮޑުވާނެކަމަށް މިވިޔަފާރި މިހާރުކުރަމުންދާ ސްކޭލް އަށް އަރާފާނެ
ތެލުގެ ވިޔަފާރި ކުރިއަށް ގެންދާގޮތް:
– އަތޮޅު ތެރޭގެ އިންޖީނުގެ ތަކުން ތެޔޮ ގަތުމަށް ޕީއޯ މަޖިލިސް މެމްބަރުގެ ކުންފުންޏަށް ފޮނުވާ.
– ޕީއޯ ލިބުމާއި އެކު މަޖިލިސް މެމްބަރުގެ ކުންފުނިން، އެކުންފުންޏަށް އެސްޓީއޯ އިން ލިބިފައިވާ ކްރެޑިޓް ސްކީމްގެ ދަށުން ހެޔޮ އަގުގައި ތެޔޮ ހޯދާ.
– މިތެޔޮ ޑެލިވާރ ކުރުމަށް ބޭނުންކުރަނީ އެސްޓީއޯގެ އިތުރުން މިފްކޯ އާއި ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންނާއި ވަޞީލަތްތައް.
– ޑެލިވެރީ ނޯޓާއި އެކު އިންވޮއިސް ފޮނުވާނީ މަޖިލިސް މެމްބަރުންގެ ކުންފުނިތަކަށް.
– އެހެންކަމުން އިންޖީނުގެތަކުން ބިލަށް ފާއިސާ ހޯދުން ނޫންކަމެއް މަޖިލިސް މެމްބަރުންގެ ކުންފުނިތަކަށް ނެތް.
– އެސްޓީއޯގެ ކްރެޑިޓް ސްކީމަށް ދައްކަންޖެހޭ ފާއިސާ ބައެއް ފަހަރު ނުދައްކާ ކަމަށްވޭ.
އައްޑޫލައިވް އަށް މައުލޫމާތު ހިއްސާކުރި މިވިޔަފާރީގައި ނުހިމެނޭ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވީ ސަރުކާރުން މަޖިލިސް މެމްބަރުންނަށް ތެލުގެ ވިޔަފާރި ހުޅުވާލީ ޝަރުޠުތަކަކާއި އެކުގައި ކަމަށެވެ. މިގޮތުން ކުރެވުނު ޝަރުުޠުތަކުގެ ތެރޭގައި މިވިޔަފާރިކޮށްގެން ލިބޭ ފާއިދާއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމެމްބަރެއް ހިމެނޭ ދާއިރާގެ އެންމެހައި ޚަރަދުތަކެއް އެފަރާތުން ހަމަޖެއްސުން ހިމެނެއެވެ.
(މަޖިލިސް މެންބަރުންނަށް ފާއިދާ ވާގޮތަށް ފެނަކަ ކޯޕަރޭޝަނުގެ އިންޖީނުގެތަކަށް ތެޔޮ ސަޕްލައި ކުރަމުން ގެންދާ ގޮތާއި ބެހޭ މައުލޫމާތު ސިލްސިލާ ގޮތެއްގައި 'އައްޑޫލައިވް'ގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެމުން ގެންދާނެއެވެ.)