އަށާވީސް އަހަރު އިނގިރޭސި އެއްވަނަ ޑިވިޝަނުގައި ކުޅެފައިވާ އެސްޓަން ވިލާ ޗެމްޕިއަންޝިޕަށް ރެލިގޭޓްވެއްޖެ އެވެ.
ޕްރިމިއާ ލީގުގެ އެލީޓު ހަތް ކުލަބުގެ ތެރޭގައި ވެސް ހިމެނޭ އެސްޓަން ވިލާއަކީ ލީގުގެ ނަން ބަދަލުކޮށް ޕްރިމިއާ ލީގުގެ ނަން ދިން ފަހުން ރެލިގޭޓް ނުވާ ހަތް ޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.
މި ސީޒަނުގައި ވެސް އެންމެ ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އެސްޓަން ވިލާގެ ސީޒަން މިހާރު ނިމިފައިވާ އިރު ގިނަ އަދަދެއްގެ ކޯޗުން ބަދަލު ކުރުމާ ކުޅުންތެރިން ވިއްކާލުމާ ސަޕޯޓަރުންގެ ހަޅުތާލުތައް ވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފަ އެވެ.
އެންމެ ފަހުން ކުޅުނު 18 މެޗުން ވެސް ބަލިވެފައިވާ އިރު މި ސީޒަނުގައި 34 މެޗު ކުޅެފައިވާ އިރު ވިލާ އަށް މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ.
ހަތް މެޗު އެއްވަރުކޮށް ޕޮއިންޓެއް ހޯދިފައިވާ އިރު ބާކީ 24 މެޗުން ވީ ބަލި އެވެ. ތޭވީސް ގޯލް ކާމިޔާބުކޮށްފައިވާ އިރު ކޮޅަށް 65 ގޯލް ވަދެފައިވެ އެވެ. މިއީ ލީގުގައި ވެސް އެންމެ ގިނަ ގޯލު ވަން ޓީމެވެ.
ރޭގައި އެސްޓަން ވިލާ ކުޅެފައި ވަނީ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ޔުނައިޓެޑް މެޗު ކާމިޔާބުކޮށްފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އޭނާގެ މި ސީޒަނުގެ ހަތް ވަނަ ގޯލު ޖަހައިފައިވާ އިރު ޔުނައިޓެޑްގެ ދެން ތިބި ކުޅުންތެރިންނާ ގާތްގަނޑަކަށް އަރާ ހަމަވަނީ އެވެ.
އަނިޔާގެ ސަބަބުން ފުރަތަމަ އެގާރަ އާ ދުރުގައި ހުރެފައި ކެޕްޓަން ރޫނީ ވަނީ އަލަށް ރޭގެ ފުރަތަމަ 11 ގައި ބައިވެރިވެފަ އެވެ. ނަމަވެސް އޭނާ ކުޅެފައި ވަނީ ފޯވާޑުގެ ފަހަތުން ނަމްބަރު 10 ޕޮސިޝަނުގަ އެވެ.
ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލަކީ މެދު ހާފު ކައިރިން ރޫނީ ފޮނުވާލި ބޯޅައެއް ވެލެންސިއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްގެން ރަޝްފޯޑް ޖަހާފައިވާ ގޯލެކެވެ.
ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު ޗެލްސީގެ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ވަނީ 0-3 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
ނިއުކާސަލް އަދި ސްވެންސީ ކުޅުނު މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެލިގޭޝަނުން ސަލާމަތްވުމަށް އިތުރު ހިތްވަރެއް ލިބިފައިވެ އެވެ.
ރެލިގޭޝަނުގައި ދެން އޮތް ސަންޑަލޭންޑް ވަނީ ނޯވިޗް ސިޓީވެސް 0-3 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
އެވަޓަން އަދި ސަދަމްޕްޓަން 1-1 ގެ ނަތީޖާ އަކުން އެއްވަރުވެފައިވާ އިރު ވަޓްފޮޑް ވަނީ 0-1 ގެ ނަތިޖާއަކުން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ.