ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ލެސްޓާ ސިޓީ އަދި ވެސްޓް ހެމް ޔުނައިޓެޑް ބައްދަލު ކުރި މެޗު 2-2 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެ އެވެ.
ޕްރިމިއާލީގުގެ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓަ އިން ވަނީ މެޗުގެ 18 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ލީޑް ނަގައިފަ އެވެ. އެ ލަނޑު ކާމިޔާބުކޮށް ދިނީ ޖިމީ ވާޑީ އެވެ.
ވާޑީގެ ލަނޑަށް ފަހު ވެސް މެޗް ކޮންޓްރޯލް ކުރަމުން ގޮސްފައި ވަނީ ލެސްޓާއިންނެވެ.
އެހެން ނަމަވެސް މެޗްގެ ދެ ވަނަ ހާފްގައި ވެސްޓް ހޭމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖިމީ ވާޑީ ވެއްޓުމުން ރެފްރީ ވަނީ ޑައިވެއް ކަމަށް ނިންމައި ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން މުޅި މެޗްގެ އޮއިވަރު ވަނީ ބަދަލުވެގެން ގޮސްފަ އެވެ.
ވާޑީ އަށް ދެއްކި ރަތް ކާޑާ 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ލެސްޓާގެ ޑިފެންސަށް އިތުރަށް ބާރު ބޮޑު ކުރަމުން ދަނިކޮށް ވެސްޓް ހެމް އިން ނެގި ކޯނަރެއްގައި އޭރިއާ ތެރެއިން ލެސްޓާ ކުޅުންތެރިއަކު ވެސްޓް ހެމްގެ ކުޅުންތެރިއަކަށް ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ.
މެޗްގެ 84 ވަނަ މިނެޓުގައި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ އެންޑީ ކެރޮލް އެވެ.
އޭގެ ދެ މިނެޓު ފަހުން އެރޮން ކްރެސްވެލް ވަނީ ވެސްޓް ހެމް އަށް މެޗުގެ ލީޑު ނަގއި ދީފަ އެވެ.
ވެސްޓް ހެމް ކުރީގައި އޮވެ މެޗް ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ފަހު މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލެސްޓާގެ ންގޮލޯ ކަންޓޭ ވައްޓާލުމުގެ ސަބަބުން ރެފްރީ ވަނީ ލެސްޓާ އަށް ޕެނަލްޓީއެއް ދީފަ އެވެ.
ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައި ވަނީ އުލޯއާ އެވެ.
މިރޭގެ ޕޮއިން ޓާއެކު ލެސްޓާ އަށް ލިބިފައި ވަނީ 73 ޕޮއިންޓެވެ. މާދަމާ ޓޮޓެންހަމް ކުޅޭ މެޗުން އެމީހުން މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ.