ދިވެހިރާއްޖޭގެ ދުސްތޫރު ނިޔާކުރާ ގޮތުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސްގެ ބާރަކީ ނޫސްވެރިކަމުގެ ބާރަށް ވުރެ ވަރުގަދަ އިސް ބާރެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ގއ. ގެމަނަފުށީ ބަނދަރު ހުޅުވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ދުވާލަކު 10 ގޮތަށް ނޫސްވެރިން ލިޔުނު ކަމުގައި ވިޔަސް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އެމަނިކުފާނަކީ އެކަހަލަ ގިނަ ކަންތައްތަކެއް ތަހައްމަލް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
މިހެން ވިދާޅުވި ނަމަވެސް ހަމަ އެވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.
އެގޮތުން ނޫސްވެރިން ލިޔާ އިރު ބަލައިގެން ލިޔުމަށާއި އެހެން ނޫން ނަމަ އަދަބުތަކެއް އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރަށް ރައީސް ޔާމީން ވިދާޅުވީ ރަައީސް ކުރައްވާ މަސައްކަތްތަކަކީ ފާރަވެރިކަމާއެކީ ބެލޭ ގޮތަށް ގާނޫނޫ އަސާސީގައި ހުޅުވާލެވިފައިވާ އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ވެސް ހުދޫދެއްގެ ތެރޭގައި ކަންކަން ކުރެވޭ ތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިކަމަކީ ހަތަރު ވަނަ ބާރަށް ވާއިރު ނޫސްވެރިންގެ ޒިންމާއަކީ އަސާސެއް ނެތް ގޮތަށް މީހުންގެ އަބުރު ކަތިލުން ކަމަށްވާނަމަ އެއީ މައްސަލައެއް ކަމަށާއި މި ރައީސްގެ ޒައާމަތުގައި އެ މައްސަލައަށް އިޖާބަދީ ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.