ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއްގައި އޮތް ބާސެލޯނާ އަނެއްކާ ވެސް ބަލިވެ ދެވަނައިގައި އޮތް އެތުލެޓިކޯ އާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެއްޖެ އެވެ.
ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ 76 ޕޮއިންޓުގައި ތާވަލުގައި އޮތް އިރު މީގެ ހަފުތާއެއް ކުރިން ބާސެލޯނާ ކުރި ޓުވީޓެއްގައި ވަނީ ޓޮޕް ތިނެއްގެ ޓީމްތަކުގެ ތެރެއިން އެންމެ ފަސޭހަ މެޗުތައް ލިބިފައި ވަނީ ބާސާއަށެވެ.
ގިނަ ބަޔަކު އަންނަނީ މި ޓްވީޓަކީ ބާސާ އަށް ޖެހުނު އެސްފީނާއެއް ކަމަށް ވެސް ސިފަ ކުރަމުންނެވެ.
ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސާ ވަނީ 0-2 ގެ ނަތީޖާއަކުން ދަށަށް ގޮސްފަ އެވެ.
އަށާރަ ވަނަ މިނެޓުގައި އިވަން ރަކިޓިކް އަތުން ބައިކޮޅަށް ވަން ގޯލާއެކު ވެލެންސިއާ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސަންޓީ މިނާ ގެ ގޯލަކާއެކު ވެލެންސިއާ ވަނީ ލީޑު ފުޅާކޮށްފަ އެވެ.
ލުއިސް އެންރީކޭގެ ޓީމަށް ދެވަނަ ހާފުގައި ވެލެންސިއާ ބަލި ކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.
ނަމަވެސް 63 ވަނަ މިނެޓުގައި ލިއޯ މެސީ ވަނީ އޭނާގެ ކެރިއަރުގެ 500 ވަނަ ގޯލު ޖަހައި ގޯލު ޑްރައުޓަށް ނިމުމެއް ގެނެސްފަ އެވެ. ނަމަވެސް ރޭ ވެސް މި ސީޒަނުގެ ބޮޑުބަ އިގައި ބާސާ ކުޅުނު ކުޅުމެއް ފެނިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.
މެޗު ނިމިގެން ވެލެންސިއާ ކުޅުންތެރިން އުފާ ފާޅު ކުރަމުން ގެންދަނިކޮށް ބާސާގެ ފޯވާޑް ނޭމާ ވަނީ ވެލެންސިއާ ކުޅުންތެރިއެއްގެ ގައިގައި ޖަހައިފަ އެވެ.
ސްޕެއިންގެ އެފް އޭ އިން މި މައްސަލަ ބަލަމުންދާއިރު ނޭމާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ފަދަ ފިޔަވަޅެއް އަޅައިފިނަމަ ބާސާއަށް ތަށި ހޯދުމަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.
ރޭގައި އެތުލެޓިކޯ މެޑްރިޑް އަދި ގްރަނާޑާ ބައްދަލު ކުރި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގައި ބާސާ އަށް ޕޮއިންޓުން އެއްހަމަކޮށްފި އެވެ.
ދެ ޓީމަށް ވެސް 76 ޕޮއިންޓު ލިބިފައިވާ އިރު ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ރިއަލް މެޑްރިޑް ވެސް ވަނީ ކުޅުނު މެޗުން މޮޅުވެ ޕޮއިންޓުގެ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ.