"ހަވީރު" ނޫސް އެޖެންސީގައި ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާއެއް ނޯންނާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ދުވަހު ނޫހުގެ މިލްކުވެރިކަމުގެ މައްސަލާގައި ޒާހިރު ހުސައިނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުއޫދު ވިދާޅުވީ އޮގަސްޓް 11، 1983 ހަދާފައިވާ "ހަވީރު" ނޫސް އެޖެންސީގެ ރަޖިސްޓްރީގައި އެ އެޖެންސީގެ މަސްއޫލުވެރިންނަކީ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ޒާހިރު ހުސައިނަކީ އެ އެޖެންސީގެ ހިއްސާއެއް އޮތް މީހަކަށް ނުވާތީ އެ އެޖެންސީ ހިންގި ގޮތާއި ކުރި ޚަރަދާއި ލިބުނު އާމްދަނީ އެނގޭނީ އެ ތިން ބޭފުޅުންނަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު ހަލީމް ވަނީ "ހަވީރު" ގެ އިންވެންޓްރީ ލިސްޓު ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ހުށަހެޅުމަށް ޒާހިރު ހުސައިންގެ ވަކީލަށް އަންގަވައިފަ އެވެ.
ހަވީރު މީޑިއާ ގްރޫޕް (އެޗްއެމްޖީ) ގެ ގާނޫނީ ވަކީލު މިއަދު ވިދާޅުވީ ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގްރޫޕްގެ އެއްޗެއް ނޫން ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ.
އެޗްއެމްޖީން ބުނެފައި ވަނީ "ހަވީރު" ނޫހާއި "ހަވީރު" އޮންލައިނަކީ އެ ކުންފުނީގެ މިލްކެއް ކަމަށެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމްގެ ގާނޫނީ ވަކީލު ވިދާޅުވީ ހައި ކޯޓުން ކޮށްފައިވާ ހުކުމްގައި ހަވީރު އޮންލައިންގައި އެ ތިން ބޭފުޅުންގެ ހިއްސާ އޮތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ އެ ތިން ބޭފުޅުން ބައިވެރިކޮށްގެން ނޫން ގޮތަކަށް "ހަވީރު" ނުހިންގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.