ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު އެއަޕޯޓަކީ އިނގިރޭސިން އައްޑު އަތޮޅުގައި އުޅުނު ދުވަސްވަރު ގަމުގައި ބިނާކޮށް ހުޅުވި ގަން އެއަޕޯޓެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ގަން އެއަޕޯޓް އެކި ފަހަރު މަތިން ތަރައްޤީކޮށް ކޮންމެވެސް ސިފައެއްގައި ނަމަވެސް އިންޓަނޭޝަނަލް ފްލައިޓްތަކަށް ޚިދުމަތް ފޯރުކޮށް ދެވޭ ވަރަށް އެއަޕޯޓް ވަނީ ތަރައްޤީ ކޮށްފަ އެވެ.
ހަމައެއާ އެކު ގަން އެއަޕޯޓްގެ ނަން "ގަން އިންޓަނޭޝަނަލް އެއަޕޯޓް" ގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ. މިސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ހެރަތެރަ ރިސޯޓާއި ޝަންގްރިއްލާ ވިލިގިނލި ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގެނައުމުގައި ދޭތެރެ ދޭތެރެ އިން ސީދާ ރާއްޖޭން ބޭރުން ފަތުރުވެރިން ގޮވައިގެން ޖަރުމަންވިލާތުގެ ކޮންޑޯ އާއި އިޓަލީވިލާތުގެ ބްލޫ ޕެނޮރާމާ އާއި އިންޑިއާގެ ކިންގްފިޝަ އާއި ރާއްޖޭގެ މެގަ މޯލްޑިވްސް ފަދަ އެއަލައިންތައް ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވަނީ ޖައްސައިފަ އެވެ.
ނަމަވެސް ދިމާވި ތަފާތު ދަތިތަކެއްގެ ސަބަބުން އެ އެއަލައިންތަކުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ނަމަވެސް ހުއްޓާލާފައެވެ. ޝަންގްރިއްލާ ވިލިގިނލި އަދި ހެރަތެރަ ރިސޯޓްގެ އިތުރުން ގއ، ގދ އަތޮޅުގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީ ކުރެވި އެރަށްތައް ދަނީ ހިންގަމުންނެވެ.
ނަމަވެސް އެ ރިސޯޓްތަކަށް މިހާރު ގެންނަ ޓޫރިސްޓުން ގެންނަން ޖެހެނީ މާލޭ ބައިނަލް އަގުވާމީ ވައިގެބަނދަރުގައި ގިނަ އިރުތަކެއް ވަންދެން މަޑު ކުރުމަށް ފަހު ޑޮމެސްޓިކް ފްލައިޓްތަކުންނެވެ.
މިގޮތަށް ދިމާވުމުގެ ސަބަބުން ޓޫރިސްޓުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައިވާކަންވެސް ފާހަގަކުރެވެ އެވެ. މިކަމަށް އޮތް ހަމައެކަނި ޙައްލަކީ ގަން އެއަޕޯޓް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ދާއިމީ ގޮތެއްގައި މިސަރަޙައްދަށް އަންނަ ފަތުރުވެރިން ގަމުގެ ވައިގެ ބަނދަރަށް ގެނެސް ސީދާ ގަމުން، ކަނޑަށް ޖައްސާ ބޯޓްފަހަރު ތަކުގައި އެ ރިސޯޓްތަކަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންނެވެ.
އާބާދީ ބޮޑުވުމަކުން އައްޑު އަތޮޅަށާއި މި ސަރަޙައްދަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީ އަކީ ރާއްޖޭގެ އެހެން ސަރަޙައްދުތަކާ އަޅާ ބަލާ އިރު މާކަ ބޮޑު ތަރައްޤީ އާއި ކުރިއެރުންތަކެއް ނޫނެވެ. އަދި ޚާއްސަކޮށް މިސަރަޙައްދުން ވެސް އެންމެ ގިނަ ބަޔަކު އައިސް ގޮސް އުޅޭ ގައުމަކީ އިންޑިޔާ އެވެ.
ނަމަވެސް ސީދާ ގަމުން އިންޑިޔާ އަށް ދަތުރު ކުރެވޭނެ އިންތިޒާމެއް މިއަދާ ހަމައަކަށް ހަމަޖެހިފައެއް ނެތެވެ. މިހާރު އިންޑިޔާ އަށް ދާން ޖެހެނީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށް އަދި ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކޮށްފަ އެވެ.
މާލެ ނުގޮސް މި ދަތުރުތައް ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ސީދާ ގަމުން އިންޑިޔާ ދަތުރުތައް ފެށުމަކީ ވަރަށް ވެސް މުހިއްމު އަދި މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެކެވެ. ހަމަ ޔަގީނުންވެސް އިންޑިޔާ އަކީ މި ސަރަހައްދުގެ ގިނަ ބަޔަކު ބޭސް ފަރުވާ އަށާއި އަދިވެސް އެހެނިހެން ބޭނުންތަކަށް އައިސް ގޮސް އުޅޭ ގައުމެކެވެ.
ނަމަވެސް ހިތާމައަކީ އަދިވެސް މާލެ ނޫން އެހެން ސަރަޙައްދަކުން މިފަދަ ލުއި ފަސޭހަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމެވެ.
އަދި ހަމަ 20 ވަނަ ގަރުނުގައި ވެސް އައްޑޫ ރައްޔިތުން އުޅެން ޖެހުނު ގޮތަށް މިހާރު ވެސް އުޅެން ޖެހުމެވެ. ގަމުގެ ވައިގެ ބަނދަރަށް އެއްވެސް ކުރިއެރުމެއް ނުލިބި އަދި ކައިރި ގައުމުތަކަށް ވެސް ސީދާ ގަމުގެ ވައިގެ ބަނދަރުން ދެވެން ނެތުމުން އައްޑު އަތޮޅާއި މި ސަރަޙައްދުގެ ރައްޔިތުންނަށް އިގްތިޞާދީ ގޮތުން ވެސް ނުހަނު ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.
މި ސަރަޙައްދަށް ލިބޭ ކޮންމެ ކުރިއެރުމަކީ ޖުމްލަކޮށް މުޅި ރާއްޖެ އަށް ލިބޭ ކުރިއެރުމާއި ތަރައްޤީ އެވެ. ނަމަވެސް ހިތާމައަކީ އަދިވެސް ގަމުގެ ވައިގެ ބަނދަރުން ސީދާ މިސަރަޙައްދު ގެ ގައުމުތަކަށް ދަތުރުތައް ފެށުމަށް ސަރުކާރުން ފަސްޖެހެމުންދާކަމެވެ.
ނަމަވެސް ވަރަށް ކުއްލިގޮތަކަށް ވަނީ ހދ. ހަނިމާދު އާއި އިންޑިޔާ އާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ސަރުކާރުން ނިންމަވާ އައިލެންޑް އޭވިއޭޝަނާއި ޙަވާލުކުރައްވާފަ އެވެ. އަދި އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ އެއަލައިނުން ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ސުވާލަކީ ގަން އިންޓަނޭޝަނަލް އެއަޕޯޓަކީ ހަނިމާދޫ އެއަޕޯޓަށް ވުރެ މާ ފުރިހަމަ އަދި ލިބެން ހުރި ވަޞީލަތްތަކަށް ބަލާ އިރު ވެސް މާ ފުރިހަމަ އެއަޕޯޓަކަށް ވާއިރު ސަރުކާރުން އައިލެންޑް އޭވިއޭޝަނާއި ހަނިމާދު ދަތުރު ފެށުމަށް އެންގެވި އިރު ގަމާއި ޓްރިވެންޑްރަމާއި ދެމެދު ދަތުރު ފެށުމަށް އެދިވަޑައި ނުގަތީ ކީއްވެގެންބާވަ އެވެ؟ މިއީ ވެސް ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދެއް ނޫންތޯ އެވެ؟ މ މި ސަރަޙައްދަކީ އާބާދީ ގޮތުން ބަލާ އިރު ވަކި ކުޑަ ސަރަޙައްދެއް ނޫނެވެ. މިކަމުގައި ސަރުކާރުން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.
އައްޑޫ ރައްޔިތުންގެ ހުރިހާ ވެސް އެދުމަކީ އަދި އުއްމީދަކީ ކައިރި މުސްތަގުބަލެއްގައި ގަމާއި ޓްރިވެންްޑްރަމް އާ ދެމެދުގެ ދަތުރުތައް ފެށުމެވެ. މިކަމުގެ މަންފާ އައްޑު އަށާއި މިސަރަޙައްދަށް ލިބިގެން ދިއުމެވެ.
ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ އެއަޕޯޓް އަދި އެ ސަރަޙައްދެއްގައި ވަރަށް ގިނަ ބަޔަކު އުޅެމުންދާ މި ސަރަޙައްދުގައި މިފަދަ ޚިދުމަތެއް މިއަދާ ހަމައަށް ނުލިބި އޮތުމަކީ ވަރަށް ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިކަމާ ސަރުކާރުން ކިހާ ވަރަކަށް ވިސްނާކަމާ ދޭތެރޭ ރައްްޔިތުންގެ ހިތުގައި ވަނީ ބޮޑެތި ސުވާލުވަތަކެއް އުފެދިފަ އެވެ.